ހުޅުމާލެ އާއި ވިލިމާލޭގެ ފެރީގެ ޓިކެޓްގެ އަގު ބޮޑު ކުރުމަށް ނިންމުމާ ގުޅިގެން، ހިތްހަމަނުޖެހުން ފާޅުކޮށް އިއްޔެ ވިލިމާލޭގައި މުޒާހަރާ ކުރަނިކޮށް، "ފުލުހުންގެ ވާޖިބަށް" ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ފަސް މީހުން ވެސް ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ވިލިމާލޭގައި ހިނގާ ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ފަސް މީހުންނަކީ މުޒާހަރާ ކޮންޓްރޯލް ކުރަން ދިޔަ ފުލުހުން އެ ރަށަށް އެރިޔަ ނުދޭން ހުރަސް އަޅައި އަދި ފުލުހުންގެ އަމުރަށް ކިޔަމަން ނުވި މީހުން ކަމަށެވެ. ނަމަވެސް އެމީހުން ވަނީ ރޭ ދޫކޮށްލާފައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ވިލިމާލޭގެ ފެރީ ޓާމިނަލްގައި އިއްޔެ އަޑުގަދަކުރާ އާއި ބޯޑުތައް ބޭނުންކޮށްގެން މުޒާހަރާ ކުރި މީހުން ވަނީ ފެރީގެ އަގުތައް ބޮޑު ނުކުރުމަށާއި އަލުން ފެރީތައް ބީލަމަށް ލުމަށް ގޮވައިލައި އަޑުއުފުލައިފަ އެވެ.

ވިލިމާލޭގެ މުޒާހަރާއާ ގުޅިގެން ފުލުހުން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެއްވެ އުޅުމުގެ މިނިވަން ކަމުގެ ދަށުން އެކި ސަރަހައްދުތަކަށް އެއްވެ އުޅުމުގައި ހަމަނުޖެހުންތައް ހިނގުމަށް މަގުފަހިވާ ގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށާއި އެފަދަ ކަންތައްތައް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ވިލިމާލޭގައި އިއްޔެ ކުރި މުޒާހަރާއާ ގުޅިގެން ފެރީގެ ދަތުރުތައް މާލެ އިން ވިލިމާލޭން ދެ ފަހަރެއްގެ މަތިން ވަނީ މެދުކަނޑާލާފަ އެވެ. އަދި އެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް އެ ރަށް ދިޔަ ފުލުހުންނާ އާއްމުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ވަނީ ހިނގާފަ އެވެ. އެއަށް ފަހު މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަލި މަނިކު (މައިޒާން އަލިބެ) ވަނީ މުޒާހަރާގެ ބައިވެރިންނާ ބައްދަލުކުރައްވައި އެމައްސަލާގައި އެމްޓީސީސީ އަށް އަދި އާއްމުންނަށް ވެސް ގެއްލުން ނުވާ ގޮތަށް އެމައްސަލައަށް ހައްލެއް ހޯދައިދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ވިލިމާލޭގެ އިތުރުން މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ވެސް ވަނީ ފެރީ ޓިކެޓްތައް އަގު ބޮޑު ކުރަން ނިންމުމާ
ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާކޮށްފަ އެވެ.