30 Oct 2018, 12:12
އެމްއެމްޕީއާރުސީ މައްސަލާގައި ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުޖެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމް އަމަލުކޮށްފައި ވަނީ ބީއެމްއެލްގެ ވިސްލް ބްލޯވިން އުސޫލާ ހިލާފަށްކަމަށް ބޭންކުން ބުނެފި އެވެ.
އެ ކަން ސާފުކޮށްދީ، ބީއެމްއެލްގެ މުވައްޒަފުންނަށް ބޭންކުން އިއްޔެ ފޮނުވި ލިޔުމެއްގައި ބުނެފައި ވަނީ އެމްއެމްޕީއާރުސީ އާއި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން ޝައްކު ކުރެވޭ މުއާމަލާތްތަކެއް ކޮށްފައިވާތީ އެކަން ކަމާބެހޭ ފަރާތްތަކަށް 2014 ވަނަ އަހަރުން ފެށިގެން އަންގަމުން ގޮސްފައިވާނެ ކަމަށެވެ.
"ބޭންކުގެ އެއްވެސް އެކައުންޓަކުން ދެލައްކަ ރުފިޔާ އަށް ވުރެ މަތިން ކުރެވޭ ހުރިހާބާވަތެއްގެ މުޢާމަލާތްތައް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް [ތްރެޝޯލްޑް ޓްރާންސެކްޝަން ރިޕޯޓު] ގެތެރެއިން ރިޕޯޓުކުރުމަކީ ބޭންކުގެ މައްޗަށް ގާނޫނުން ލާޒިމުކުރާ ކަމެއްކަން ވެސް ފާހަގަ ކުރަމެވެ." ބެންކު މުވައްޒަފުންނަށް ފޮނުވި ލިޔުމުގައިވެ އެވެ.
އެ ލިޔުމުގައި ބުނެފައި ވަނީ ބޭންކުގެ މައްޗަށް ސޯޝަލް މީޑިއާގައި ކުރަނީ ދޮގު ތުހުމަތެއް ކަމަށާއި ބެންކުގެ މައްޗަށް ގާނޫނު ލާޒިމުކުރާ ހުރިހާ ޒިންމާއެއް އަދާކޮށްފައިވާނެ ކަމަށެވެ.
ހަތަރެއް ފެބްރުއަރީ 2016ގައި ނެރުނު އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓަށް ބޭންކުން ފުރިހަމައަށް އެއްބާރުލުންދީފައިވާނެ ކަމަށް ބެންކުން ވަނީ ބުނެފަ އެވެ.
ގާސިމް އަބްދުލް ކަރީމް ބޭންކުގެ އުސޫލުތަކާ ހިލާފަށް ކަސްޓަމަރެއްގެ މައުލޫމާތު ކަމާ ގުޅުން ނެތް ބަޔަކަށް ދީފައިވާކަމަށް ލިޔުމުގައިވެ އެވެ. އެގޮތުން 14 ފެބްރުއަރީ 2016 ވަނަ ދުވަހުގެ 19:32ގައި ގާސިމް ވަނީ ބޭންކު ކަސްޓަމަރުންގެ އެކައުންޓް ސްޓޭޓުމެންޓު ސިސްޓަމަށް ވަދެ، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެއެކައުންޓުގެ ތަފްސީލު ބަލާފައި ކަމަށާއި އޭގެ ފަހުން އެރޭގެ 19:38ގައި އެ އެކައުންޓުގެ ޕީޑީއެފް ކޮޕީއެއް ނަގާފައިވާ ކަމަށް ބުނެފައިވެ އެވެ.
އަދި އޭގެ އިތުރުން އެދުވަހުގެ 16:08 އިން 21:11 އާ ދެމެދު ބެންކުގެ ބޭންކިން ސިސްޓަމަށް ވަދެ އެސްއޯއެފްގެ އެކައުންޓުން ހިންގާފައިވާ ވަކިވަކި މުއާމަލާތްތަކުގެ ތަފްސީލުގެ ސްކްރީން ޕްރިންޓު ނަގާފައިވާ ކަމަށް ބޭންކުން ފޮނުވި ލިޔުމުގައިވެ އެވެ.
"މި ހުރިހާ މައުލޫމާތެއް މީނާ ވަނީ[email protected]ގެ ނަމުގައި އީމެއިލްއެއް ހެދުމަށް ފަހު އެ އީމެއިލް މެދުވެރިކޮށް އަމިއްލަ ފަރާތްތަކަށާއި އޮފީސްތަކަށާޢި ބޭންކުގެ ބައެއް މުވައްޒިފުންނަށް ފޮނުވައިފަ އެވެ،"
އެ ލިޔުމުގައި ވަނީ އެސްއޯއެފް އެކައުންޓުގެ ރައްކާތެރިކަން ބޭންކިންގެ އުސޫލުން ބޭރުން ގާސިމް ގެއްލުވާލާފައިވާ ކަމަށެވެ.
އެ މައްސަލާގައި ގާސިމް ދީފައިވާ ބަޔާނާ ހަވާލާދީ ލިޔުމުގައި ބުނެފައި ވަނީ އޭނާ އެ ކަންތައްކޮށްފައި ވަނީ އޭރު ދެކެވެމުން ދިޔަ ވާހަކަތަކުގެ ޙަޤީޤަތް ބެލުމަށް ޓަކައި ކަމަށެވެ.
ނަމަވެސް ގާސިމަށް ޝައްކުކުރެވޭ އެއްވެސްކަމެއްގެ ވާހަކަ ބުނެ އަދި އެކަމާ ބެހޭ ގޮތުން އެއްވެސްކަމެއް އޮޅުން ފިލުވުމުގެ ގޮތުން ބޭންކު ތެރެއިން ގާސިމް އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް ބީއެމްއެލްގެ ލިޔުމުގައިވެ އެވެ.
"އަދި ހަމަ އެހެންމެ މެނޭޖަރެއްގެ މުހިންމު ޒިންމާގައި ހުރެ ބޭންކުގެ އުސޫލުތަކާއި "ވިސްލް ބްލޯ" ކުރާނެ ގޮތުގެ ފުރިހަމަ މަޢުލޫމާތު އެނގި ހުރެ އެ ގޮތުގެ ބޭނުން ހިފާފައި ނުވެ އެވެ. އެހެން ޢަމަލު ނުކުރި ނަމަ މި މަޢުލޫމާތުތަކަކީ ބޭންކުން ތަޙުގީގު މުއައްސަސާތަކަށް ފޯރުކޮށްދީފައިވާ މަޢުލޫމާތުކަން ރަނގަޅަށް އެގުނީހެވެ. ހިތާމައަކީ ގާސިމް މިކަންކުރި އިރު މިކަމާ މެދު ބޭންކުން އަޅާފައިވާ ފިޔަވަޅުތައް އޭނަ އޮޅުންފިލުވާފައި ނެތްކަމެވެ."
ބޭންކުން ބުނެފައި ވަނީ ގާނޫނާއި ގަވާއިދާ ޚިލާފަށް
ގާސިމް ހާމަކުރި މަޢުލޫމާތަކީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބޭންކުން ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ފޮނުވާފައިވާ މަޢުލޫމާތުކަން އޭނާއަށް ނޭނގޭކަމަށެވެ.
ގާސިމްގެ މި ޢަމަލަކީ ބޭންކުން އެކަށީގެންވާ ފިޔަވަޅު ނޭޅުނު ނަމަ ބޭންކުގެ ކަސްޓަމަރުންނާއި ބޭންކާއެކު ވިޔަފާރި ގުޅުން ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ ބޭންކުތަކާއި މާލީ މުއައްސަސާތަކުން ބޭންކުގެ މައްޗަށް ކުރާ އިތުބާރު ގެއްލި ބޭންކަށް ގެއްލުން ވާނެ ކަމެއްކަމަށް ބުނެފައިވެ އެވެ.
"ބޭންކު އޮފް މޯލޑިވްސް އަށް ދިމާވާ ކޮންމެ ގެއްލުމެއްގެ ނޭދެވޭ އަސަރު މުޅި ގައުމުގެ މާލީ ނިޒާމަށް ކުރާނެކަން ޔަގީނެވެ."
ބީއެމްއެލް އިން ބުނީ ގާސިމްގެ އަމަލުތަކުން އޭނާއަށް ކުރިމަތިވި ދަތިތަކަށް ހިތާމަކުރާ ކަމަށާއި ގާސިމްގެ އަމަލަކީ އޭނާގެ ވަޒީފާގެ ހައިސިއްޔަތުން އޭނާ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. "އަދި އޭނާ އާއި މެދު ފިޔަވަޅު އެޅުމަކީ ބޭންކަށް ގާނޫނީ ގޮތުން ކުރަން މަޖްބޫރު ކަމެކެވެ." މުވައްޒަފުންނަށް ފޮނުވި ލިޔުމުގައި ބުނެފައިވެ އެވެ.
ބީއެމްއެލްގެ މުވައްޒިފުންނަށް ފޮނުވި ލިޔުމުގައި ވަނީ ބޭންކުގެ މުވައްޒިފުންގެ ވަޒީފާ އަކީ ޒިންމާދާރު ވަޒީފާއެއް ކަމަށާއި ވަޒީފާ އަދާކުރުމުގައި ލިބޭ މަޢުލޫމާތުތައް ރައްކާތެރިކުރުމަކީ
އެންމެބޮޑު ޒިންމާ ކަމަށެވެ. އެ ލިޔުމުގައި ވަނީ ބޭންކެއްގައި މަސައްކަތްކުރާއިރު އެންމެ މުހިންމުކަން ދޭން ޖެހޭ އެއްކަމަކީ ބޭންކުގައި އެކައުންޓް ގެންގުޅުއްވާ ފަރާތްތަކާއި އެ އެކައުންޓުތަކުން ކުރެވޭ މުޢާމަލާތްތައް ރައްކާތެރިކަމާއި އެކު ބެލެހެއްޓުން ކަމަށެވެ.
ބޭންކިންގް އާއި ބެހޭ ޤާނޫނުގެ ހަތް ވަނަބާބުގެ 41 ވަނަ މާއްދާއިން ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓް ތަކުގެ
މަޢުލޫމާތު ރައްކާތެރިކުރުން ކަށަވަރުކޮށް ދޭކަމަށާއި 42 ވަނަ މާއްދާއިން ބޭންކުގެ ހުރިހާ މުވައްޒިފުންނަށާއި ކުރީގައި ބޭންކުގައި އުޅެފައިވާ މުވައްޒިފުންނަށާއި އެމްއެމްއޭ އާއި ބޭންކުގެ އޮޑިޓަރުންނާއި އެބައެއްގެ ވަޒީފާގެ މަސްއޫލިއްޔަތުގެ ދަށުން ސީދާ ގޮތުންނާއި ނުސީދާގޮތުން މި މަޢުލޫމާތު ތަޙުޤީޤު ކުރަންޖެހޭ އެންމެހާ ފަރާތްތަކުގެ މުވައްޒިފުންނަށް، މި މަޢުލޫމާތު އެހެން އެއްވެސް ފަރާތަކަށްދިނުން މަނާކުރާކަމަށް ލިޔުމުގައި ބުނެފައިވެ އެވެ.
ބޭންކުގެ ވަޒީފާއަށް މުވައްޒަފަކު ވައްދާއިރު އެކައުންޓުތަކުގެ މަޢުލޫމާތާއި އައިޓީ ސިސްޓަމްތައް ހިމެނޭގޮތަށް، މަޢުލޫމާތު ރައްކާތެރިކުރުމާ ބެހޭ ގޮތުން މައުލޫމާތު ދޭކަމަށް ލިޔުމުގައި ވެއެވެ.
"ބީއެމްއެލް އަކީ ބައިނަލް އަގުވާމީ މިންގަޑުތަކަށް ކޯޕަރޭޓް ގަވަނަންސް އާއެކު މިނިވަން އޮޑިޓްތަކާއި އެކު ހިންގަމުން އަންނަ ބޭންކެކެވެ. ބޭންކަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކަށްވެފައި، ސަރުކާރުން ބޭންކުގެ ތިންބައިކުޅަ ދެބައި ހިއްސާ ކޮންޓްރޯލް ކުރާއިރު، ބައެއްފަހަރު ސިޔާސީގޮތުން
ދެކެވޭވާހަކަތައް ބޭންކަށް އަމާޒުކުރެވޭނެކަށް އެނގެއެވެ. އެހެންނަމަވެސް އެއްވެސް އިރެއްގައި އަދި ކުރިޔަށް އޮތްތަނުގައި ވެސް އެއްވެސް ގޮތަކަށް ފައިސާ ގެ މުޢާމަލާތްތައް ނަހަމަގޮތުގައި ހިންގިޔަ ނުދޭނެ ކަމަށާއި އެފަދަ ހުށަހެޅުމެއް ކޮންމެ ފަރާތަކުން އައިނަމަވެސް އެއަށް ދެކޮޅު ހަދާނެކަމުގެ ޔަގީންކަން މިފުރުސަތުގައި ދެމެވެ،" އެ ބޭންކުގެ މުވައްޒަފުންނަށް ފޮނުވި ލިޔުމުގައިވެއެވެ.
އެލިޔުމުގައި ވަނީ ނަޒާހަތްތެރި ކަމަކީ ބޭންކުގެ އެންމެ އިސް އަދި އެންމެ މުހިންމު އަސާސް ކަމަށާއި ބޭންކުގެ ބޯޑާއި ސީއީއޯ އާއި މެނޭޖްމެންޓުން އަބަދު ވެސް ބާރުއަޅަނީ މުވައްޒިފުންގެ މަސައްކަތުގެ އަޚުލާޤު އެންމެ މަތީދަރަޖައިގައި ބެހެއްޓުމަށް ކަމަށެވެ.
"ޙަޤީޤަތާއި ޚިލާފު ތުހުމަތުތަކުން ބޭންކުގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅި ބޭންކުން އެބަޔަކަށް ބަރޯސާވާ ބައިނަލް އަޤުވާމީ ބޭނުކުތަކުން ކުރާ އިތުބާރު ގެއްލި އޭގެސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި ވިޔަފާރީގެ މުޢާމަލާތްތަށް ކުރައްވާ ހުރިހާ ރައްޔިތުންނަށް ނޭދެވޭ އަސަރުކުރާނެއެވެ،" އެ ލިޔުމުގައި ވެއެވެ.
އެމްއެމްޕީއާރުސީ މައްސަލައާ ގުޅޭ ގޮތުން ބީއެމްއެލްގެ މުވައްޒަފުންނަށް ލިޔުމެއް ފޮނުވާފައިވާއިރު އެ މައުލޫމާތުތައް އާންމުކުރި ގާސިމް އަބްދުލްކަރީމް އަށް މަހާއި 12 ދުވަހަށް ވަނީ ޖަލަށް ލައިފަ އެވެ.