30 Oct 2018, 10:14
ބާލިން (އޮކްޓޯބަރު 30): ޖަރުމަނުގެ ޗާންސެލަރު ކަމުން 2021ގައި އިސްތިއުފާ ދެއްވުމަށް ފަހު އެމަގާމަށް ދެން ވާދަ ނުކުރައްވާނެ ކަމަށް އެންގެލާ މާކެލް ވިދާޅުވެއްޖެ އެވެ.
މާކެލް އެފަދައިން ވިދާޅުވީ ޖަރުމަނުގެ ދެ ސްޓޭޓެއްގައި ބޭއްވި މަޖިލިސް އިންތިހާބުން މާކެލްގެ ކްރިސްޓިއަން ޑިމޮކްރެޓިކް ޔޫނިއަން (ސީޑީޔޫ)އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ފަހުންނެވެ.
މާކެލް ވަނީ އެނާކާމިޔާބީގެ ޒިންމާ ނަންގަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ޖަރުމަނުގައި "އާ ބާބެއް ފަށަން ޖެހިފައިވާ" ކަމުގެ ސިގްނަލެއް ކަމަށް ވިދާޅުވެފަ އެވެ.
އެހެންކަމުން މާކެލް ވަނީ އަންނަ ޑިސެމްބަރު މަހު ބާއްވާ ސީޑީޔޫގެ ކޮންފަރެންސުގައި އެޕާޓީގެ ލީޑާރުކަމަށް ވެސް ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި 2021ގައި ޗާންސެލަރު ކަމުގެ ދައުރު ނިމުމުން ސިޔާސީ މައިދާނުން ދުރަށް ޖެހިވަޑައިގަންނަވާނެ ކަން ހާމަ ކުރައްވާފަ އެވެ.
ދެހާސް ފަސް ވަނަ އަހަރު ޖަރުމަނުގެ ފުރަތަމަ އަންހެން ޗާންސެލަރު ކަމަށް ވަޑައިގެންނެވި މާކެލް ސީޑީޔޫގެ ލީޑަރުކަން ކުރައްވާތާ 18 އަހަރުވެއްޖެ އެވެ.