ބޯކޮށް ވާރޭވެހި މުޅި މާލޭގައި ފެންބޮޑުވެފައިވާ ދަނޑިވަޅެއްގައި، ފެން ހިންދާ ސިސްޓަމަށް ބަޔަކު ގެއްލުން ދީފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު ވިދާޅުވީ ގިނަ ސްޓޭޝަންތަކުގެ ޕެނެލް ބޯޑުތަކަށް ގެއްލުންދީ، ބައެއް ސްޓޭޝަންތަކުގައި ކަރަންޓު ސަޕްލައިތައް ކަނޑާލާފަވާ ކަމަށެވެ. އަދި މިކަން ކުރި ބަޔެއްގެ ނާތަހުޒީބު އަމަލު ކުށްވެރިކުރާ ކަމަށެވެ.

މުއިއްޒު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ސިސްޓަމް ގާއިމުކޮށްފައި ވާނީ ތިން ގަޑިއިރު ތެރޭ ފެންގަނޑު އެއްކޮށް ހިނދޭ ގޮތަށް ކަމަށާއި ނަވެސް އެއްވެސް ސަބަބަކާ ހުރެ ސިސްޓަމަށް ދިމާވާ ގެއްލުން ތަކުން އޭގެ އަސްލު ބޭނުން ނުހިފޭނެ ކަމަށެވެ. މިކަމުގެ ސަބަބުން މުއިއްޒު ވަނީ ރައްޔިތުންގެ ކިބައިން މާފަށް އެދިފަ އެވެ.

"އަދި ވެސް ރައްޔިތުންގެ ކިބައިން އަޅުގަނޑު އިޚުލާސްތެރި މާފަކަށް އެދެން،" މުއިއްޒުގެ ޓުވީޓުގައި ވެ އެވެ.

މާލޭ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި -- ސަންފޮޓޯ/ފަޔާޒު މޫސާ

މުއިއްޒު އެހެން ވިދާޅުވި އިރު މީގެ ދެ ދުވަސް ކުރިން ވެސް ބޯކޮށް ވާރޭ ވެހި މާލޭގައި ވަރަށް ބޮޑަށް ފެން ބޮޑުވި އެވެ.

ރޭ ފަތިހުން ފެށިގެން ވެހެން ފެށި ވާރޭ އާ އެކު މާލޭގެ މަގުތަކުގައި މިހާރު ވަނީ ވަރަށް ބޮޑަށް ފެން ބޮޑު ވެފަ އެވެ. އަދި މިކަމާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން ދަނީ މިނިސްޓްރީއަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.