ގައިންގަޔަށް ނާރާ ބަލިތަކުގެތެރޭގައި ހިމެނޭ ހަކުރު ބައްޔާއި، ފުއްޕާމޭގެ ބަލިތަކާއި ހިތުގެބަލީގެ އިތުރުން ސްޓްރޯކްޖެހުން ރާއްޖޭގައި ހަލުއިކަމާއިއެކު އިތުރުވަމުންދާ ކަމަށް ހެލްތު މިނސްޓަރު ޑރ. އާމިނަތު ޖަމީލް ވިދާޅުވެއްޖެ އެވެ.

ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމާގުޅޭ ގޮތުން އދ. ގެ ޖެނެރަލް އެސެމްބްލީގައި މަޝްވަރާ ކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މިއަދު ވިދާޅުވީ މި ބަލިތައް ރާއްޖޭގައި އިތުރުވާން ދިމާވާ މައިގަނޑު ސަބަބަކީ ދުންފަތުގެ އިސްތިޢުމާލު ކުރުން އިތުރުވުމާއި، ކަސްރަތުކުރަން ސަމާލުކަން ނުދިނުން ކަމަށެވެ. މީގެ އިތުރުން ބަލައިލުމެއް ނެތި ފާސްޓްފުޑާއި، އެކިކަހަލަ ބުއިންތައް ބޭނުންކުރަމުން ގެންދިއުން އެއީ ވެސް މި ބަލިތައް ރާއްޖޭގައި އިތުރުވާން ދިމާވެފައިވާ ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު މީހުންގެ ދިރިއުޅުން ހުންނަ ގޮތުން ރާއްޖޭގައި ވެސް ވަރަށް ގިނައިން ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނުން އެކިކަހަލަ ފޮނި ބުއިންތަކާއި، ލޮނުގެބައި ގަދަ ފާސްޓްފުޑް ކެއުންތައް ދަނީ ބޭނުންކުރަމުން. ހަށިގަނޑަށް ބޭނުންވާ ފެން އެހާވަރަށް ނުބޮއި އަބަދުވެސް ކޮންމެވެސް ފޮނި ބުއިމެއް އާއްމުކޮށް މީހުން މިހާރު ބޭނުންކުރަނީ. މީގެ އިތުރަށް ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ބޭނުންވާ ވަރަށް ކަސްރަތު ނުކުރުމުގެ އިތުރަށް އިންޓަނެޓްފަދަ ވަސީލަތްތައް [ބޭނުން ކުރުމަށް] ގިނަވަގުތު އިށީދެއިނދެ ތިބުމުގެ ނަތީޖާ އަކީ މިފަދަ ބަލިތަށް އިތުރުވުން،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި އިތުރުވަމުންދާ، ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ހުރި ގޮންޖެހުންތައް ބޮޑުކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަނާ ވިދާޅުވީ ދުނިޔޭގެ މަޝްހޫރު ކުންފުނިތަކުން ވިއްކާ އެކިއެކި ފާސްޓްފުޑްސްގެ ބާވަތްތަކާއި ސިނގިރޭޓާއި އެކިކަހަލަ ބުއިންތައް އިޝްތިހާރުކުރުމުގައި އެފަދަ ފަރާތްތަކުގެ ނުފޫޒް ފަގީރު ގައުމުތަކާއި ބޮޑުވެ ވަރުގަދަވުމުންދާ ކަމަށެވެ.

"އެހެންކަމުން މިކަމުގައި ހެލްތު މިނިސްޓްރީގެ އިތުރަށް ރައްޔިތުންގެ މަޖިލިހާއި، ސަރުކާރާއި، ވިޔަފާރިކުރާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާނެ. އެ އެއްބާރުލުން ނުލިބިއްޖެނަމަ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ގިނަ މީހުން މިފަދަ ބަލިތަކުގެ ޝިކާރާއަކަށްވެ އެފަދަ ފަރާތްތަކަށް މަސައްކަތްނުކުރެވި ގިނަ ދުވަސްތަށް ހޭދަވެ މިފަދަ ބަލިތަކުގައި ގިނަ މުއްދަތަކަށް ފަރުވާކުރަންޖެހުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ބަނަވެދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ގައިންގަޔަށް ނާރަ ބަލިތަކުގެ ސާވޭއެއް 2004 ވަނައަހަރު ވަނީ ހެލްތު މިނިސްޓްރީން ކޮށްފައެވެ. އެފަހަރުގެ ސާވޭއިން ދެއްކި ގޮތުގައި އާއްމުކޮށްޖެހޭ ބަލިތަކުގެ އިތުރަށް 50 ޕަސެންޓު މީހުންނަށް ޖެހިފައިވާ ބަލިތަކަކީ ގައިންގަޔަށް ނާރާ ބަލިތަކެވެ. މީގެތެރެއިން ވެސް ހިތުގެ ބަލީގެ މީހުންގެ އަދަދު ގިނަކަން އެ ސާވޭއިން ފާހަގަ ކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު 2008 ވަނައަހަރު 60 ޕަސެންޓް މީހުން މަރުވެފައި ވަނީ ގައިންގަޔަށް ނާރާބަލިތަކުގެ ޝިކާރާއަކަށްވެގެނެވެ. އޭގެ ތެރޭގައި ފަގީރު ގައުމުތަކުގެ 80 ޕަސެންޓް މީހުން ހިމެނޭ ކަމަށް ޑަބްލިއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.