29 Oct 2018, 22:29
ފަނަރަ ކޯޓަކަށް އައްޔަން ކުރި މެޖިސްޓްރޭޓުން މިރޭ ހުވާ ކުރައްވައިފި އެވެ.
މެޖިސްޓްރޭޓުން ހުވާ ކުރެއްވީ މިރޭ އެކަމަށްޓަކައި ސުޕްރީމް ކޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އަލަށް ހުވާ ކުރެއްވި ފަނޑިޔާރުންނަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. އަދި އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ.
މިރޭ އޮތް މެޖިސްޓްރޭޓުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒް މޫސާ
މިރޭ ހުވާކުރެއްވި މެޖިސްޓްރޭޓުން
ފާތިމަތް ފަރްހީޒާ (ސ. ފޭދޫ މެޖިސްޓްރޭޓް)
- އިބްރާހިމް އިހްސާން (ގއ. ވިލިނގިލި މެޖިސްޓްރޭޓް)
- އަހްމަދު ޔަސައު (ތ. ތިމަރަފުށި އިސްމެޖިސްޓްރޭޓް)
- އާދަމް އަހްމަދު (އދ. ދިގުރަށު އިސްމެޖިސްޓްރޭޓް)
- އައިނާން އަލީ މުހައްމަދު (ކ. ތުލުސްދޫ މެޖިސްޓްރޭޓް)
- ހައްމާދު ނަސީމް އަލީ (ކ. ގުޅި އިސްމެޖިސްޓްރޭޓް)
- އިސްމާއިލް ހަބީބު (ފ. ދަރަނބޫދޫ އިސްމެޖިސްޓްރޭޓް)
- މުހައްމަދު ޝާހް (ދ. ހުޅުދެލި އިސްމެޖިސްޓްރޭޓް)
- މުލްހާ އަލީ (ޏ. ފުވައްމުލަކު މެޖިސްޓްރޭޓް)
- މުހައްމަދު ހަމްޒާ (ކ. ހިންމަފުށި އިސްމެޖިސްޓްރޭޓް)
- އަބްދުﷲ ހަމީދު (ރ. ދުވާފަރު މެޖިސްޓްރޭޓް)
- ހުސެއިން ފާއިޒް (ލ. ގަމު މެޖިސްޓްރޭޓް)
- އަބްދުﷲ ޒާހިރު (ރ. އަލިފުށި މެޖިސްޓްރޭޓް)
- ހަމްދޫން ރަޝީދު (ށ. ފޯކައިދޫ އިސްމެޖިސްޓްރޭޓް)
- އާދަމް ސައީދު މޫސާ (ކ. ކާށިދޫ އިސްމެޖިސްޓްރޭޓް)
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖޭއެސްސީގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވިދާޅުވީ ޝަރީއަތްތައް ދިގުލައިގެން ދިޔުމަކީ އެކަމާ މެދު ރައްޔިތުންގެ ޝަކުވާ ބޮޑު ކަމެއް ކަމަށާއި، އާ މެޖިސްޓްރޭޓުން ޝަރީއަތް ކުރައްވާ އިރު ރައްޔިތުންނަށް ފަސޭހަ ވާނޭ ގޮތަށް ޝަރީއަތްތައް ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"ބޮޑަށް އަޅުގަނޑުގެ އިލްތިމާސަކީ މައްސަލަތައް ތަރުތީބު ކުރައްވައި އާންމު ރައްޔިތުންނަށް ފަސޭހަ ކަމާ އެކުގައި މައްސަލަތަކުގައި އެބޭފުޅުން ބޭނުންވާ ލަނޑުދަނޑުތައް ހާސިލުވުން. މައްސަލަ ކޯޓުތަކަށް ވެއްދުމަށް ފަހުގައި ގިނަ ދުވަސްތަކެއް ނުކުރައްވައި މައްސަލަ އަވަހަށް ނިންމަވައި ދެއްވުމަކީ އާންމު ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުން،" ރިޒާ ވިދާޅުވި އެވެ.
ރިޒާ ވިދާޅުވީ މެޖިސްޓްރޭޓުންނަކީ ވަރަށް ގަދަރުވެރިކަމާއި އިއްޒަތްތެރިކަމާ އެކު އުޅެންވާ ބައެއް ކަމަށެވެ. އެހެން ކަމުން ހުވާ ކުރެއްވުމަށް ފަހު މެޖިސްޓްރޭޓުންނާ އެކަށީގެންވާ ގޮތަށް އުޅުން ބެހެއްޓުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.