ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ދައުލަތުގެ ގިނަ މަތީ މަގާމުތަކެއް އަދާކުރެއްވި އަދި ރައީސް މައުމޫނުގެ ޅިޔަނު އިލިޔާސް އިބްރާހިމަށް ތައުރީފު ކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރި ޓްވީޓާ ގުޅިގެން ސަޕޯޓަރުންގެ ފާޑު ކިޔުން އަމާޒު ވެއްޖެ އެވެ.

އިލިޔާސް އިބްރާހީމާ ބައްދަލު ކުރެއްވުމަށް ފަހު ނަޝީދު އިއްޔެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިލިޔާސްއަކީ ދުރުވިސްނޭ އަދި ދިވެހި ދައުލަތަށް ވަފާތެރި ހިދުމަތްތެރި އެއް ކަމަށެވެ.

ނަޝީދު އިއްޔެ އެހެން ވިދާޅުވި ނަމަވެސް ނަޝީދަކީ އިލިޔާސް އިބްރާހީމަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ. އިލިޔާސް ސަރުކާރުގައި ހުންނެވި ދުވަސްވަރު އިލިޔާސްގެ މަސައްކަތަށް އަދި ގާނޫނާ ހިލާފަށް ކަންކަން ހިންގަވާފައިވާ ކަމަށް ވިދާޅުވެ ފާޑު ވިދާޅުވުމުގެ ލިޔުންތައް އޭރު ޗާޕުކޮށްގެން ނެރުނު ސަންގު ނޫހުގައި ވެސް ނަޝީދު ލިޔުއްވި އެވެ.

ނަޝީދު އިލިޔާސްއަށް ތައުރީފުކޮށް ކުރެއްވި ޓްވީޓާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ފާޑު ކިޔުން އަމާޒުކޮށްފަ އެވެ.

"ނަޝީދުގެ ބަސްފުޅަކާ އެއްބަސް ނުވެވުނު ފުރަތަމަ ފަހަރު. މިއަދު އަޅުގަނޑު ހިތާމަޔާ އެކު ދަންނަވަން ޖެހެނީ އިލިޔާސް އިބްރާހީމަކީ ދައުލަތަށް ހިޔާނާތްތެރިވެފައިވާ ބޭފުޅެކޭ." ނަޝީދުގެ ސަޕޯޓަރަކު ޓްވިޓާގައި ލިޔެފައިވެ އެވެ.

އެހެން މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ "ރައީސް ނަޝީދަށް މިހާރު ކޮންމެ ބޭފުޅަކު އޯކޭ ވަނީތޯ؟" އެވެ. ނަޝީދު ޖަލުގައި ތިން އަހަރު ބާއްވާފައި އޮތް އިރު ސިފައިންގޭގެ ވެރިއަކަށް ވެސް ހުރީ އިލިޔާސް އިބްރާހީމު ކަމަށް އެމީހާ ވަނީ ބުނެފަ އެވެ.

އިލިޔާސް އިބްރާހީމަކީ ދައުލަތަށް ވަފާތެރި ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވުން އެމަނިކުފާނުގެ ސަޕޯޓަރުންނަށްވީ ގަބޫލު ނުކުރެވޭ ފަދަ ކަމަކަށެވެ.

ނަޝީދު އިލިޔާސްއާ ބައްދަލު ކުރައްވާފައި ވަނީ ސްރީލަންކާގެ ކޮލަމްބޯގަ އެވެ. ނަޝީދު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހު އެވެ.