ސްރީލަންކާގެ އައު ކެބިނެޓް ރައީސް ސިރިސޭނާ މިރޭ އެކުލަވާލައްވައިފި އެވެ.

ސްރީލަންކާގެ ސިޔާސީ މަސްރަހަށް އައި ބަދަލާ އެކު އެ ގައުމުގައި އައު ކެބިނެޓް އެކުލަވާލި އިރު، މިދިޔަ ހުކުރު ދުވަހު ބޮޑުވަޒީރުކަމާ ހަވަލުވަޑައިގެންނެވި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވެސް ވަނީ ކެބިނެޓްގެ މިނިސްޓަރަކަށް ވަޑައިގެންފައެވެ.

ރާޖަޕަކްސަ އައްޔަން ކޮށްފައިވަނީ އެގައުމުގެ ފިނޭސް އެންޑް އިކޮނޮމިކް މިނިސްޓަރު ކަމަށެވެ. މީގެ އިތުރުން އުވާލި ކެބިނޭޓްގެ ބަޔެއް މިނިސްޓަރުންވެސް ކެބިނެޓްގައި ހިމެނެއެވެ.

މިދިޔަ ހުކުރު ދުވަހު ބަޑުވަޒީރު ކަމުން ރަނިލް ވިކްރަމަސިންހަ ދުރުކުރުމަށް ފަހު ދާދި ފަހަކާ ޖެހެންދެން އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނެވި، ރާޖަޕަކްސަ ބޮޑު ވަޒީރުކަމަށް އައްޔަން ކުރުމަށް ފަހު، ރައީސް ސިރިސޭނާ ވަނީ އޭރު އޮތް ކެބިނެޓް އުވާލާފައެވެ.

ލަންކާގެ 26 އަހަރުވީ ދިގު ދާހިލީ ހަނގުރާމަ ނިމުމަކަށް ގެންނެވި ކުރީގެ ރައީސް ރާޖަޕަކްސަގެ ވެރިކަން ނިމުމަކަށް ގެންނެވީ، ރަނިލް ހިމެނޭ ބޮޑު ކޯލިޝަނެއްގެ ތެރެއިން ސިރިސޭނާ ރައިސް ކަމަށް އިންތިޚާބުވެގެންނެވެ. ނަމަވެސް ކޯލިޝަންގެ މައްސަލަތައް ޖެހި މިހާރު އެ ކޯލިޝަން ވަނީ ރޫޅިފައެވެ. ރަނިލް ބުނަމުން ދަނީ އެނާ މަގާމުން ދުރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

ނަމަވެސް ރައީސް ސިރިސޭނާ ވަނީ އިއްޔެ ގައުމާ މުހާތަބު ކުރައްވައި ބޮޑުވަޒީރުކަމުން ރަނިލް ދުރުކުރީ ގާނޫނާ އެއްގޮތަށް ކަަމަށް ވިދާޅުވެފައެވެ.

އަދި ރަނިލްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވާހަކަ ދައްކަވަމުން ރައީސް ސިރިސޭނާ ވިދާޅުވީ ރަނިލްގެ އަރިސް ބޭފުޅުންނަށް އާއްމު ރައްޔިތުންގެ ޝުއޫރުތައް އެނގި ނުލައްވާ ކަމަށާއި، އެފަރާތްތަކުން ގައުމު ހިންގާފައި ވަނީ "ގޭމެއް ކުޅޭ ފަދައިން" ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ސިރިސޭނާ ވަނީ ރަނިލް މަގާމުން ދުރުކޮށް، ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް ގެންނަވަން ނިންމެވި މައިގަނޑު އެއް ސަބަބަކީ އޭނާ އަވަހާރަކޮށްލަން ރޭވި މައްސަލަ ރަނިލްގެ ސަރުކާރުން ސީރިއަސްކޮށް ނުނެގުން ކަމަށް ވިދާޅުވެފައެވެ.

ރައީސް ސިރިސޭނާ ވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ވެސް މިދިޔަ ހުކުރު ދުވަހުން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހަށް ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައެވެ.