ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރެޝަނެއް ފުރަތަމަ ފަހަރަށް ކޮށްފިއެވެ.

މިއީ މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި މިފަދަ އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރެވެ. މި އޮޕަރޭޝަނުގައި ހަރަކާތްތެރިވީ އައިޖީއެމްއެޗުގެ ކަށީގެ ޙާޢްސަ ޑޮކްޓަރު ޑރ އަލީ މުޒްނީ އެވެ.

ޑރ. މުޒްނީގެ ޓީމުން ވަނީ 60 އަހަރުގެ އަންހެނެއްގެ ކަކުލު ހުޅު ބަދަލުކޮށްފައެވެ.

އައްޑޫގައި ފުރަތަމަ ފަހަރަށް ކަކުލު ހުޅު ބަދަލުކުރުމުގެ އޮަޕަރޭޝަނެއް ކޮށްފައިވާއިރު ޑރ. މުޒްނީގެ ޓީމުން ދަނީ ގދ ތިނަދޫ އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގައިވެސް ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކުރުމަށް ތައްޔާރުވަމުންނެވެ.

މާލެއިން ބޭރުގައި މި އޮޕަރޭޝަން ކުރުމުގެ ކަންތައް ހަމަޖެހުމަކީ ރައްޔިތުންނަށް ލިބެނެ ލުުޔެއްކަން ޑރ. މުޒްނީ ވަނީ ފާހަގަކުރައްވައިފައެވެ.

"އަޅުގަނޑުމެންވެސް އެބަހުރި ބައެއްކަހަލަ ދަތިތައް. މިސާލަކަށް އެނދު ލިބުމުގެ ދަތިކަން މިހާރު ވަރަށް ބޮޑުވެފަ އޮތީ. އަދި ރަށްރަށުން މާލެ ދާ މީހުން އެކި އެކި ސަބަބުތަކާއި ހެދި ވަރަށް ތަކުލީފު އުފުލައިގެން މާލޭގައި މި އުޅެނީ. އެހެން ކަމުން އަޅުގަނޑުމެން އަތޮޅުތެރޭގައި މިކަން ފަށައިގަތުމުން، ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ" ޑރ. މުޒްނީ އާ ހަވާލާދީ ޕީއެސްއެމް ނިއުސްގައި ބުނެފައިވެއެވެ.

ރާއްޖޭގައި ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަން ފަށާފައިވަނީ މީގެ 13 އަހަރު ކުރިންނެވެ.