އެމްއެމްޕީއާރްސީ މައްސަލައާ ގުޅުންހުރި ލިޔުންތައް އާންމުކޮށްފައިވަނީ ބޭންކުގެ އުސޫލުތަކާ ޚިލާފަށް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލް އިން މިހެން ބުނެފައިވަނީ އެކައުންޓުތަކުގެ ތަފްސީލު އާންމު ކުރުމާއި ވިސްލް ބްލޯވިން ނިޒާމާ ގުޅޭގޮތުން ބެންކުގެ މުވައްޒަފުންނަށް ފޮނުވި ލިޔުމެއްގައެވެ. އެ ލިޔުމުގެ ކޮޕީ އެއް ސަން އަށް ލިބިފައިވާއިރު ބީއެމްއެލް އިން ވަނީ އެމްއެމްޕީއާރްސީގެ މައްސަލާގައި އެބޭންކުގެ ފ.ނިލަންދޫ ދާއިރާގެ މެނޭޖަރު ގާސިމް އަބްދުލްކަރީމް އަމަލުކޮށްފައިވަނީ ބޭންކުގެއުސޫލުތަކާ ހިލާފަށް ކަމަށް ބުނެފައެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓަކަށް ބޭނުންވެގެން 2015 ވަނަ އަހަރު ދިން މައުލޫމާތުގެ ތެރޭގައި އެސްއޯއެފްގެ އެކައުންޓުތަކުގެ މައުލޫމާތު ހިމެނޭ ކަމަށާއި އެ މައުލޫމާތުތައް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގަކަށްވެސް ދީފައިވާނެ ކަމަށް ބެންކުގެ މުވައްޒަފުންނަށް ފޮނުވި ލިޔުމުގައި ބުނެފައިވެއެވެ. އަދި އޭގެ އެއްއަހަރު ކުރިން 2014 އިން ފެށިގެން އެމްއެމްޕީއާރްްސީ އާއި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން ޝައްކު ކުރެވޭ މުއާމަލާތްތަކެއް ކޮށްފައިވާތީ އެކަން ކަމާބެހޭ ފަރާތްތަކަށް ހިއްސާކޮށްފައިވާނެ ކަމަށް އެ ލިޔުމުގައި ވެއެވެ.

"ބޭންކުގެ އެއްވެސް އެކައުންޓަކުން ދެލައްކަ ރުފިޔާ އަށްވުރެ މަތިން ކުރެވޭ ހުރިހާބާވަތެއްގެ މުޢާމަލާތްތައް އެމްއެމްއޭ ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް [ތްރެޝޯލްޑް ޓްރާންސެކްޝަން ރިޕޯޓު] ގެތެރެއިން ރިޕޯޓުކުރުމަކީ ބޭންކުގެ މައްޗަށް ގާނޫނުން ލާޒިމުކުރާ ކަމެއްކަންވެސް ފާހަގަ ކުރަމެވެ." އެ ލިޔުމުގައި ބުނެފައިވަނީ ބޭންކުގެ މައްޗަށް ސޯޝަލް މީޑިއާގައި ކުރަނީ ދޮގު ތުހުމަތެއް ކަމަށާއި ބެންކުގެ މައްޗަށް ގާނޫނު ލާޒިމުކުރާ ހުރިހާ ޒިންމާއެއް އަދާކޮށްފައިވާނެ ކަމަށް ބޭންކުގެ މުވައްޒަފުންނަށް ފޮނުވި ލިޔުމުގައި ވެއެވެ.

އަދި ހަތަރެއް ފެބްރުއަތީ 2016 ނެރުނު އެމްއެމްޕީއާރުސީގެ އޮޑިޓަށްވެސް ބޭންކުން ފުރިހަމައަށް އެއްބާރުލުންދީފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ. އެ ލިޔުމުގައި ވަނީ އެމްއެމްޕީއާރުސީ މައްސަލާގައި ލިޔުންތައް އާންމު ކުރި ބެންކުގެ މުވައްޒަފު އަމަލުކުރި ގޮތާ ގުޅޭ ތަފްސީލުވެސް މުވައްޒަފުންނަށް ދީފައެވެ.

އެގޮތުން ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރު ގެ މަގާމުގައި ހުންނެވި ގާސިމް އަބްދުލްކަރީމް ވަނީ ބެންކު ކަސްޓަމަރުންގެ އެކައުންޓް ސްޓޭޓުމެންޓު ސިސްޓަމަށްވަދެ، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެއެކައުންޓުގެ ތަފްސީލު ބަލައި އެ އެކައުންޓުގެ ޕީޑީއެފް ކޮޕީއެއް ނަގާފައިވާ ކަމަށާއި އޭގެ އިތުރުން ބޭންކުގެ ސިސްޓަމް ބޭނުންކޮށްގެން އެސްއޯއެފް އެކައުންޓުން ހިންގާފައިވާ ވަކިވަކި މުއާމަލާތްތަކުގެ ސްކްރީން ޕްރިންޓު ނަގާފައިވާކަމަށް ލިޔުމުގައި ވެއެވެ.

"މި ހުރިހާ މައުލޫމާތެއްމީނާވަނީ[email protected]ގެ ނަމުގައި އީމެއިލްއެއް ހެދުމަށްފަހު އެ އީމެއިލް މެދުވެރިކޮށް އަމިއްލަ ފަރާތްތަކަށާއި އޮފީސްތަކަށާޢި ބޭންކުގެ ބައެއް މުވައްޒިފުންނަށް ފޮނުވައިފައެވެ" އެ ލިޔުމުގައި ވަނީ އެސްއޯއެފް އެކައުންޓުގެ ރައްކާތެރިކަން ބޭންކިންގެ އުސޫލުން ބޭރުން ގާސިމް ގެއްލުވާލާފައިވާކަމަށެވެ.

އަދި އެފަދަ ހާލަތްތަކުގައި އަމަލުކުރާ ގޮތުގެ މަތިން ގާސިމްގެ މައްސަލަ ބެލުމަށް ފުލުހުންނާ ހަވާލުކުރި ކަމަށް އެ ލިޔުމުގައި ވެއެވެ.

ގާސިމް އާ ހަވާލާދީ ބީއެމްއެލްގެ މުވައްޒަފުންނަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ އޭނާ އެކަންތައް ކޮށްފައިވަނީ ދެކެވެމުންދާ ވާހަކަތަކުގެ ހަގީގަތް ބެލުމަށް ކަމަށެވެ.

"އޭނާ އަށް ޝައްކުކުރެވޭ އެއްވެސްކަމެއްގެ ވާހަކަ ބުނެ އަދި މި ކަމާއި ބެހޭގޮތުން އެއްވެސްކަމެއް އޮޅުން ފިލުވުމުގެ ގޮތުން ބޭންކުތެރެއިން އޭނާ އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ،" ބީއެމްއެލް އިން ފޮނުވި ލިޔުމުގައި ބުނެފައިވާގޮތުން ބެންކު މެނޭޖަރެއްގެ މުހިންމު ޒިންމާގައި ހުރެ ބޭންކުގެ އުސޫލް ތަކާއި "ވިސްލް ބްލޯ" ކުރާނެ ގޮތުގެ ފުރިހަމަ މަޢުލޫމާތު އެނގިހުރެ އޭގެ ބެނުން ގަސިމް ހިފައިފައެއް ނުވެއެވެ.

"އެހެން އަމަލު ކުރިނަމަ މި މަޢުލޫމާތު ތަކަކީ ބޭންކުން ތަޙުޤިޤީ މުއައްސަސާތަކަށ ފޯރުކޮށްދީފައިވާ މަޢުލޫމާތުކަން ރަގަޅަށް އެގުނީހެވެ. ހިތާމައަކީ ގާސިމް މިކަންކުރިއިރު މިކަމާއި މެދު ބޭންކުން އަޅާފައިވާ ފިޔަވަޅުތައް އޭނަ އޮޅުންފިލުވާފައި ނެތްކަމެވެ. ޤާނޫނާއި ޤަވާއިދާ ޚިލާފަށް އޭނާ ހާމަކުރި މަޢުލޫމާތަކީ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ބޭންކުން ކަމާއިބެހޭ އެންމެހާ މުއައްސަސާތަކަށް ފޮނުވާފައިވާ މަޢުލޫމާތުކަން އޭނާއަށް ނޭގޭކަމެވެ،" އެ ލިޔުމުގައި ވެއެވެ.

ގާސިމްގެ މި ޢަމަލަކީ ބޭންކުން އެކަށީގެންވާ ފިޔަވަޅު ނޭޅުނުނަމަ ބޭންކުގެ އެކައުންޓް ގެންގުޅުއްވާ ފަރާތްތަކާއި ބޭންކާއެކު ވިޔަފާރި ގުޅުން ގާއިމުކޮށްފައިވާ ބައިނަލް
އަގުވާމީ ބޭންކުތަކާއި މާލީ މުއައްސަސާތަކުން ބޭންކުގެ މައްޗަށް ކުރާ އިތުބާރު ގެއްލި ބޭންކަށް ނުހަނު ބޮޑު ގެއްލުންވެދާނެ ކަމެއް ކަމަށް އެ ލިޔުމުގައިވެއެވެ.

"ބޭންކު އޮފް މޯލޑިވްސް އަށް ދިމާވާ ކޮންމެ ގެއްލުމެއްގެ ނޭދެވޭ އަސަރު މުޅި ގައުމުގެ މާލީ ނިޒާމަށް ކުރާނެކަން ޔަގީނެވެ. މިހެން މިކަންތައް އޮތުމާއި އެކު، ގާސިމް ކުރި ޢަމަލުން އޭނައަށް ދިމާވި ދަތިތަކަށް ހިތާމަކުރާ ހާލު އެކަމަކީ އޭނާގެ ވަޒީފާގެ ހައިސިއްޔަތުން އޭނާ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ގަބޫލްކުރެވެއެވެ. އަދި އޭނާ އާއި މެދު ފިޔަވަޅު
އެޅުމަކީ ބޭންކަށް ޤާނޫނީ ގޮތުން ކުރަން މަޖްބޫރު ކަމެކެވެ،"

ބީއެމްއެލް ގެ މުވައްޒިފުންނަށް ފޮނުވި ލިޔުމުގައި ވަނީ ބެންކުގެ މުވައްޒިފުންގެ ވަޒީފާ އަކީ ޒިންމާދާރު ވަޒީފާއެއް ކަމަށާއި ވަޒީފާ އަދާކުރުމުގައި ލިބޭ މަޢުލޫމާތުތައް ރައްކާތެރިކުރުމަކީ
އެންމެބޮޑު ޒިންމާ ކަމަށެވެ. އެ ލިޔުމުގއި ވަނީ ބެންކެއްގައި މަސައްކަތްކުރާއިރު އެންމެ މުހިންމުކަން ދޭންޖެހޭ އެއްކަމަކީ ބޭންކުގައި އެކައުންޓް ގެންގުޅުއްވާ ފަރާތްތަކާއި އެ އެކައުންޓުތަކުން ކުރެވޭ މުޢާމަލާތްތައް ރައްކާތެރިކަމާއި އެކު ބެލެހެއްޓުން ކަމަށެވެ.

ބޭންކިންގ އާއި ބެހޭ ޤާނޫނުގެ ހަތް ވަނަބާބުގެ 41 ވަނަ މާއްދާއިން ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓް ތަކުގެ
މަޢުލޫމާތު ރައްކާތެރިކުރުން ކަށަވަރުކޮށް ދޭކަމަށާއި 42 ވަނަ މާއްދާއިން ބޭންކުގެ ހުރިހާ މު ަވއްޒިފުންނަށާއި ކުރީގައި ބޭންކުގައި އުޅެފައިވާ މުވައްޒިފުންނަށާއި އެމްއެމްއޭ އާއި ބޭންކުގެ އޮޑިޓަރުންނާއި އެބައެއްގެ ވަޒީފާގެ މަސްއޫލިއްޔަތުގެ ދަށުން ސީދާ ގޮތުންނާއި ނުސީދާގޮތުން މި މަޢުލޫމާތު ތަޙުޤީޤު ކުރަންޖެހޭ އެންމެހާ ފަރާތްތަކުގެ މުވައްޒިފުންނަށް، މި މަޢުލޫމާތު އެހެން އެއްވެސް ފަރާތަކަށްދިނުން މަނާކުރާކަމަށް ލިޔުމުގައި ބުނެފައިވެއެވެ.

ބޭންކުގެ ވަޒީފާއަށް މުވައްޒަފަކު ވައްދާއިރު އެކައުންޓުތަކުގެ މަޢުލޫމާތާއި އައި.ޓީ ސިސްޓަމްތައް ހިމެނޭގަޮތަށް، މަޢުލޫމާތު ރައްކާތެރިކުރުމާއި ބެހޭގޮތުން މައުލޫމާތު ދޭކަމަށް ލިޔުމުގައި ވެއެވެ.

"ބީއެމްއެލް އަކީ ބައިނަލް އަގުވާމީ މިންގަޑުތަކަށް ކޯޕަރޭޓް ގަވަނަންސް އާއެކު މިނިވަން އޮޑިޓްތަކާއި އެކު ހިންގަމުން އަންނަ ބޭންކެކެވެ. ބޭންކަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކަށްވެފައި، ސަރުކާރުން ބޭންކުގެ ތިންބައިކުޅަ ދެބައި ހިއްސާ ކޮންޓްރޯލް ކުރާއިރު، ބައެއްފަހަރު ސިޔާސީގޮތުން
ދެކެވޭވާހަކަތައް ބޭންކަށް އަމާޒުކުރެވޭނެކަށް އެނގެއެވެ. އެހެންނަމަވެސް އެއްވެސް އިރެއްގައި އަދި ކުރިޔަށް އޮތްތަނުގައިވެސް އެއްވެސް ގޮތަކަށް ފައިސާ ގެ
މުޢާމަލާތްތައް ނަހަމަގޮތުގައި ހިންގިޔަ ނުދޭނެކަމަށާއި އެފަދަ ހުށަހެޅުމެއް ކޮންމެ ފަރާތަކުން އައިނަމަވެސް އެއަށް ދެކޮޅު ހަދާނެކަމުގެ ޔަގީންކަން މިފުރުސަތުގައި
ދެމެވެ،" އެ ބޭންކުގެ މުވައްޒަފުންނަށް ފޮނުވި ލިޔުމުގައިވެއެވެ.

އެލިޔުމުގައި ވަނީ ނަޒާހަތްތެރި ކަމަކީ ބޭންކުގެ އެންމެ އިސް އަދި އެންމެ މުހިންމު އަސާސް ކަމަށާއި ބޭންކުގެ ބޯޑާއި ސީ.އީ.އޯ އާއި މެނޭޖްމެންޓުން އަބަދުވެސް ބާރުއަޅަނީ މުވައްޒިފުންގެ މަސައްކަތުގެ އަޚުލާޤު އެންމެ މަތީދަރަޖައިގައި ބެހެއްޓުމަށް ކަމަށެވެ.
"ޙަޤީޤަތާއި ޚިލާފު ތުހުމަތުތަކުން ބޭންކުގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅި ބޭންކުން އެބަޔަކަށް ބަރޯސާވާ ބައިނަލް އަޤުވާމީ ބޭނުކުތަކުން ކުރާ އިތުބާރު ގެއްލި އޭގެސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި ވިޔަފާރީގެ މުޢާމަލާތްތަށް ކުރައްވާ ހުރިހާ ރައްޔިތުންނަށް ނޭދެވޭ އަސަރުކުރާނެއެވެ،" އެ ލިޔުމުގައި ވެއެވެ.

އެމްއެމްޕީއާރުސީ މައްސަލައާ ގުޅޭގޮތުން ބީއެމްއެލްގެ މުވައްޒަފުންނަށް ލިޔުމެއް ފޮނުވާފައިވާއިރު އެ މައުލޫމާތުތައް އާންމުކުރި ގާސިމް އަބްދުލްކަރީމް އަށް މަހާއި 12 ދުވަހަށް ވަނީ ޖަލަށް ލައިފައެވެ.