29 Oct 2018, 17:02
ޤަތަރާއި އިންޑިއާ އާ ދެމެދު އޮންނަ ޚާރިޖީ ގުޅުން ވަރުގަދަކުރުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖު މިހާރު ގަތަރަށާއި ކުވެއިތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގަތަރުގެ އަމީރު ޝައިހް ތާމިމް ހަމަދު އަލްޘާނީ އާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި އިންދިއާ އާ ގަތަރާ ދެމެދު މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެކުލަވާލާފައިވާ ރޯޑްމެޕާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް އެކްސްޓާނަލް އެފެއާޒުގެ ސްޕޯކްސް ޕާސަން ރަވީޝް ކުރާރު ވިދާޅުވިއެވެ.
ރަވީޝް ވިދާޅުވީ ސުޝްމާ އަކީ ގަތަރަށް ޒިޔާރަތްކުރެއްވި އިންޑިއާގެ ފުރަތަމަ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ކަމަށެވެ. ސުޝްމާ ސުވަރާޖުގެ މި ދަތުރުފުޅުގައި ގަތަރުގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާވެސް ބައްދަލު ކުރައްވާނެއެވެ.
އިންޑިއާގެ ހަތްލައްކައަށް ވުރެ ގިނަ މީހުން ގަތަރުގައި ދިރިއުޅޭޢިރު، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވަނީ 2015 ވަނަ އަހަރު ގަތަރުގެ އަމީރާއި ޕްރައިމް މިނިސްޓަރު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅާއި އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީ 2016 ވަނަ އަހަރު ގަތަރަށް ކުރެއްވި ދަތުރުފުޅަށް ފަހުއެވެ.
ސުޝްމާ ގަތަރަށާއި ކުވެއިތަށް ކުރައްވާ ދަތުރުފުޅުން އިންޑިއާ އާއި ގަލްފ ގައުމުތަކާ ދެމެދު އޮތް ގާގް ގުޅުން ފެންނަ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.