29 Oct 2018, 14:45
އިނގިރޭސި ޑިމޮކްރަސީގެ އަސާސް ކަމުގައިވާ މެގްނާކާޓާ ވަގަށް ނަގަން މީހަކު މަސައްކަތް ކޮށްފިއެވެ. ހަބަރު ލިބޭ ގޮތުގައި މެގްނާކާޓާގެ ދެލިކޮޕީ ވަގަށް ނަގަން މަސައްކަތް ކޮށްފައި ވަނީ އުމުރުން 45 އަހަރުގެ މީހެކެެވެ.
އިނގިރޭސި ވިލާތުގެ ސެލިސްބަރީގެ ކެތެޑްރަލްގައި މެގްނާކާޓާ ބާއްވާފައި އޮތް ތަނުގެ ބިއްލޫރިގަނޑު ތަޅާލައިގެން މެގްނާކާޓާ ވަގަށް ނަގަން ކުރި މަސައްކަތް ނާކާމިޔާބު ކޮށްލާފައި ވަނީ އެެރިކާގެ ފަތުރުވެރިޔަކާއި ތަނުގެ މުވައްޒަފުން ގުޅިގެންނެވެ.
ވައްކަން ކުރަން އުޅުނު، އުމުރުން 45 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު މިހާރު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. އިނގިރޭސި ވިލާތުގެ ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މީލާދީން 1215 ވަނަ އަހަރު ވުޖޫދަށް ގެނެވުނު މެގްނާކާޓާއަކީ އިނގިރޭސިވިލާތުގެ ރަސްރަސްކަލުން ގާނޫނަށް ތަބާވެވަޑައިގަންނަވަން ޖެހޭ ކަމަށް ފުރަތަމަ ފަހަރަށް ބަޔާން ކުރި ލިޔުމެވެ. އަދި މިއީ އިނގިރޭސިވިލާތުގެ ޑިމޮކްރަސީއާއި އެގައުމުގެ ގާނޫނުތަކުގެ އިތުރުން އެމެރިކާގެ ގާނޫނުއަސާސީގެ ވެސް މައިގަނޑު އަސާސެވެ.