29 Oct 2018, 14:45
ޖަކާޓާ (އޮކްޓޯބަރު 29): ގިނަ އަދަދެއްގެ މީހުންނާ އެކު ދަތުރު ކުރަމުން ދަނިކޮށް މިއަދު ވެއްޓުނު ލަޔަން އެޔާގެ ބޯޓުގައި މީގެ ކުރިން ޓެކްނިކަލް މައްސަލައެއް ޖެހުނު ކަމަށް އެއެއާލައިންގެ ސީއީއޯ ވިދާޅުވެއްޖެ އެވެ.
ސީއީއޯ އެޑްވާޑް ސިރައިތު ވިދާޅުވި ގޮތުގައި ބޯއިން 737 މެކްސް 8 މަރުކާގެ އެބޯޓުގައި މީގެ ކުރިން މައްސަލައެއް ޖެހުނީ ބާލީން ޖަކާޓާއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އަދި އެމައްސަލަ ވަނީ ފަހުން ހައްލު ކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ބޯޓު ވަނީ ކުރިން (ބާލީގެ) ޑެންޕަސާރުން (ޖަކާޓާގެ) ސެންގްކަރަންގަށް ދަތުރުކޮށްފައި. އެ ދަތުރުގައި ބޯޓުގައި ޓެކްނިކަލް މައްސަލައެއް ޖެހުނު ކަމަށާއި ޕްރޮސިޖާއާ އެއްގޮތަށް މައްސަލަ ހައްލު ކުރި ކަމުގެ ރިޕޯޓު ލިބުނު،" ސިރައިތު ވިދާޅުވި އެވެ.
ނަމަވެސް ބޯޓުގައި ޖެހުނު މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ސިރައިތު ނުދެއްވަ އެވެ.
ސިރައިތު ވިދާޅުވި ގޮތުގައި ބޯއިން 737 މެކްސް 8 މަރުކާގެ 11 މަތިންދާބޯޓު ލަޔަން އެޔާއިން ބޭނުން ކުރެ އެވެ. އަދި މިބޯޓު ފިޔަވާ އިތުރު ބޯޓެއްގައި މައްސަލައެއްގައި ޖެހިފައެއް ނުވެ އެވެ.
ޖަކާޓާއިން ސުމަތުރާއަށް މިއަދު ދަތުރު ކުރަމުން ދިޔަ ލަޔަން އެޔާ ފްލައިޓު ޖޭޓީ610އާ ގުޅުން ކެނޑުނީ ބޯޓު ނައްޓާލިތާ 13 މިނިޓު ފަހުންނެވެ. އެ ވަގުތު އެބޯޓުގައި 189 މީހުން ތިބި ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.
އިންޑޮނޭޝިއާގެ ސާޗު އެންޑް ރެސްކިއު އޭޖެންސީގެ ވެރިޔާ މުހައްމަދު ސުޔައުގީ ވަނީ ކަނޑަށް ވެއްޓިފައިވާ އެބޯޓުގައި ތިބި މީހުންނަށް ވީގޮތެއް އަދި ޔަގީން ނުވާ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް އެގައުމުގެ ޑިޒާސްޓާ އޭޖެންސީގެ ވެރިޔާ ސުޓޯޕޯ ޕުރުވޯ ނުގުރޮހޯ ވަނީ ބޯޓުގެ ބައިތަކާއި، އޭގައި ތިބި މީހުންނަށް ނިސްބަތްވާ ބައެއް ތަކެތި ފެނިފައިވާ ކަމަށް ވިދާޅުވެފަ އެވެ.