29 Oct 2018, 13:23
ޝަންކަރު ޑައިރެކްޓު ކޮށްފައިވާ ފިލްމު "2.0" ގެ ޓްރެއިލާ އަންނަ މަހުގެ ތިން ވަނަ ދުވަހު ނެރުމަށް ހަަމަޖައްސައިފިއެވެ.
ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނެ ފިލްމީ ތަރި އަކްޝޭ ކުމާރު ވަނީ އޭނާގެ ޓްވިޓާ މެދުވެރިކޮށް "2.0" ގެ އޮފިޝަލް ޓްރެއިލާ ނޮވެމްބަރު ތިން ވަނަ ދުވަހު ރިލީޒް ކުރާނެ ކަމަށް އަންގާފައެވެ.
އަކްޝޭ އާއެކު ރަޖްނީކާންތު އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނެ އިރު ބަތަލާގެ ރޯލުން ފެންނާނީ އަމީ ޖެކްޝަނެވެ. "2.0" ގައި އަކްޝޭ ކުޅެފައިވަނީ ނެގެޓިވް ރޯލެކެވެ.
"2.0" އަކީ އިންޑިއާގެ ސިނަމާ ތަކަށް އަންނާނެ އެންމެ އަގު ބޮޑު ފިލްމަށް ވާނެއެވެ. މި ފިލްމު ހަދަން 543 ކްރޯޑް ރުޕީސް (75 މިލިއަން ޑޮލަރު) ހަރަދުކޮށްފައިވާ ކަމަށް ފިލްމުގެ ވިކިޕީޑިއާ ޕޭޖްގައި ވެސް ބުންޏެވެ.
އެކި އެކި ސަބަބު ތަކާ ހެދި ފިލްމު ރިލީޒް ކުރުން މީގެ ކުރިން އެކި ތާރީހްތަކަށް ވަަނީ ލަސްކޮށްފައެވެ. މިހާރު ފިލްމު އަޅުވަން ނިންމާފައިވަނީ ނޮވެމްބަރު މަހުގެ 29 ގައެވެ.