29 Oct 2018, 13:29
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ވެސް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް ޕީޕީއެމް ހަވާލު ކުރުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފައިލްތައް ސުޕްރީމް ކޯޓަށް ގެންގޮސް އެ މައްސަލަ ސިވިލް ކޯޓުން ބެލުން ހުއްޓުވައިފި އެވެ.
ރައީސް މައުމޫނަށް ޕާޓީ ހަވާލު ކުރުމަށް އެދި އެ ޕާޓީގެ އަމިއްލަ މެމްބަރަކު ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް އިއްޔެ ވަނީ ބާއްވާފަ އެވެ. އެ އަޑުހުމުގައި ކުރިއަށް ދިޔައީ ދެފަރާތުން ބަޔާންތައް ބަދަލުކުރުމެވެ.
ސުޕްރީމް ކޯޓުން އެމައްސަލައިގެ ލިޔުންތައް ގެންދިޔައީ މީހަކު ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން ކަމަށް ބުނެ ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ލިޔުންތައް ގެންދިޔަކަން ވަކީލުންނަށް ވަނީ އަންގައިފަ އެވެ.
މީގެ ކުރިން ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލު ކުރަން ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އަދި އޭގެ ފަހުން ޕީޕީއެމުން ރައީސް މައުމޫނު ޕާޓީން ވަކިކޮށް ވަނީ ރައީސް ކަމުގެ މަގާމު ގެއްލުވާލާފަ އެވެ.
ރައީސް މައުމޫނު ޕީޕީއެމުން ވަކިކުރީ ގަވައިދާ ހިލާފަަށް ކަމަށް ބުނެ އެ މައްސަލަ ވެސް ސިވިލް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. މިއަދު ސުޕްރީމް ކޯޓުން ފައިލްތައް ގެންގޮސްފައިވާ އިރު އެ ފައިލްތައް ގެންދިޔަ ކަމެއް ސާފެއް ނުވެ އެވެ.
ޕީޕީއެމުން އެންމެ ފަހުން ބޭއްވި ކޮންގްރެސް ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. ގިނަ ސަބަބުތަކެއް ވެސް ދެއްކެވި އެވެ. އޭގެ ތެރޭގައި ޕާޓީގެ މެމްބަރުން ނޫން ފަރާތްތަކުން ކޮންގްރެސްގައި ބައިވެރިވެ ވޯޓު ދިނުން ހިމެނެ އެވެ.