އައްޑޫ ސިޓީގެ އެތެރެވަރިއަށް ފެތިފައިވާ "ބްރިޓިޝް ލޯޔަލްޓީ" ނައު އޮތް ސަރަހައްދު ހިމާޔަތް ކުރަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފި އެވެ.

ނައު ފެތިފައި އޮތް ސަރަހައްދުގެ އިތުރުން އައްޑޫ ސިޓީގެ ކަނޑިހެރަ މާކަނޑު ކަނޑުއޮޅި އާއި އެތަން ވަށައިގެންވާ ކަނޑާއި ފަރާއި ފަޅާއި އެއްގަމުގެ ސަރަހައްދު ވެސް ހިމާޔަތް ކުރަން އީޕީއޭ އިން ވަނީ ނިންމައިފަ އެވެ.

އީޕީއޭ އިން މިއަދު ބުނީ އެ ސަރަހައްދުގައިވާ ދިރުންތަކާއި ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމާއި ބެލެހެއްޓުމާއި އެ ސަރަހައްދުގެ ގުދުރަތީ މާޙައުލުގެ މުއްސަނދިކަމުގެ ފައިދާއާއި އިޤްތިސާދީ ފައިދާ އާންމު ރައްޔިތުންނަށް ލިއްބައިދިނުމަށް ޓަކައި، ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ދެ ސަރަހައްދު ހިމާޔަތް ކުރަން ނިންމާފައިވާ ކަމަށެވެ.

އެ ސަރަހައްދުތައް ހިމާޔަތް ކޮށް ހަދާފައިވާ ގަވާއިދުގެ ދަށުން އެ ސަރަހައްދުތަކުގައި ފީނުމަށާއި ސްނޯކްލްކުރުމަށާއި މޫދުގެ އެހެނިހެން ހަރަކާތްތައް ހިންގުމަށް، ޒިޔާރަތްކުރާ ފަރާތްތަކުން އެ ސަރަހައްދުގެ މާހައުލަށާއި ދިރުންތަކަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް އެފަދަ ހަރަކާތްތައް ހިންގުމަށް ސަމާލުވުމަށް އީޕީއޭ އިން ވަނީ އަންގައިފަ އެވެ. އަދި އެފަދަ ހަރަކާތްތައް ހިންގުމަށް ހަ މަސް ދުވަހުގެ ފަހުން ވިޒިޓާ ފީއެއް ނަގަން ފަށާނެ ކަމަށް އީޕީއޭ އިން ބުންޏެވެ.

އީޕީއޭ އިން ބުނީ އެ ފީ ޓްރަސްޓް ފަންޑަކަށް ޖަމާކޮށް، އެސަރަހައްދު ބެލެހެއްޓުމަށާއި ސިޓީގެ ތިމާވެށީ ހިމާޔަތްކުރުމަށާއި އިޖްތިމާޢީ އެކިއެކި ހަރަކާތްތައް ހިންގުމަށް ބޭނުން ކުރެވޭނެ ކަމަށެވެ.