29 Oct 2018, 12:01
ވޮޝިންޓަން (އޮކްޓޯބަރު 29): ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ސަސްޕެންޑު ކުރެއްވި ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް އަލުން ފަށަން އެމެރިކާ އިން ގޮވާލައިފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ ތަރުޖަމާނު ހެދާ ނޮއާޓް ވިދާޅުވި ގޮތުގައި ލަންކާގެ މަޖިލިސް މެމްބަރުންނަށް އެމީހުންގެ ޒިންމާތައް އަދާ ކުރުމުގެ ފުރުސަތު ރައީސް ދެއްވަން ޖެހޭނެ އެވެ.
"މަޖިލީހުގެ ރައީސާ މަޝްވަރާ ކުރެއްވުމަށް ފަހު، މަޖިލީހުގެ މަސައްކަތްތައް އަލުން ފަށައި، ލަންކާގެ ރައްޔިތުން އިންތިހާބުކޮށްފައިވާ މަންދޫބުންނަށް އެބޭފުޅުންގެ ޒިންމާތައް އަދާކުރުމުގެ މަގު ފަހިކޮށްދިނުމަށް ގައުމުގެ ރައީސަށް ގޮވާލަން،" އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުންގެ ބަޔާނުގައިވެ އެވެ.
ނޮއާޓް ވިދާޅުވި ގޮތުގައި އެމެރިކާއިން ދަނީ ލަންކާގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. އަދި ލަންކާގެ ހުރިހާ ފަރާތަކުން ވެސް ބިރު ދެއްކުމާއި ހަމަނުޖެހުންތަކުން ދުރުހެލިވުމަށް އެމެރިކާއިން ގޮވާލި އެވެ.
ރައީސް ސިރިސޭނާ ވަނީ މިދިޔަ ހުކުރު ދުވަހު އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުން ދުރު ކުރައްވައިފަ އެވެ. އަދި އެމަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރައްވައިފަ އެވެ.
ނަމަވެސް ރަނިލް ވަނީ ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު އަދިވެސް އޮތީ އޭނާއަށް ކަމަށާއި އެކަން ސާބިތު ކުރުމަށް މަޖިލިސް ބައްދަލުވުމެއް ބޭއްވުމަށް އެދިވަޑައިގެންފަ އެވެ. އޭގެ ފަހުން ސިރިސޭނާ ވަނީ މަޖިލީހުގެ މަސައްކަތްތައް މެދުކަނޑާލުމަށް ނިންމަވާފަ އެވެ.