ހުއްދަަ ނެތި އެއް ރަށުން އަނެއް ރަށަށް ރުއްގަސް ގެންދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުންދާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

މިއަދު އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ފަހަކަށް އައިސް މީހުން އާބާދުވެފައިވާ ރަށްރަށުން ގިނަ އަދަދެއްގެ ރުއްގަސް ނަގައި، ރިސޯޓުތަކާއި ހިއްކާފައިވާ ބިންތަކުގައި އިންދުމަށް ގެންދާކަން އެ އެޖެންސީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އީޕީއޭ އިން ބުނީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ "ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށް ގެންދިއުމާއި ބެހޭ ޤަވާއިދު"ގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކަން ކުރެވޭނީ އެ އެޖެންސީގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި ރުއްގަސް ކެނޑުމާއި ނެގުމާއި އުފުރުން ނުވަތަ އެއް ރަށުން އަނެއް ރަށަށް ގެންދެވޭނީ ކޮންމެހެން އެނޫން ގޮތެއް ނެތިގެން ހަމައެކަނި ޒަރޫރީ ބޭނުމަށް، "ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށް ގެންދިއުމުގައި ގެންގުޅެންވީ އުސޫލާ" އެއްގޮތުގެ މަތީން ކަމަށް އީޕީއޭއިން ބުންޏެވެ.

ހުއްދަ ނެތި މިފަދަ މަސައްކަތްތައް ކުރަމުން ގެންދާ ފަރާތްތަކާ މެދު ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާ ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުންދާ ކަމަށް ވެސް އީޕީއޭ އިން ވަނީ ބުނެފަ އެވެ.

އީޕީއޭއިން މިހެން ބުނެފައިވާ އިރު ށ. ޅައިމަގުގައި 500 އަށް ވުރެ ގިނަ ރުއް ކަނޑާލި ކަމަށް ބުނާ މައްސަލައެއް އީޕީއޭ އިން ދަނީ ބަލަމުންނެވެ.

ނ. މާފަރުގައި ވެސް ރުއްތަކެއް ގަވާއިދާ ހިލާފަށް ވިއްކައި ކަނޑާލި ވެސް މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. މާފަރު ކައުންސިލްގެ ރައީސް އަބްދުލް މާޖިދު އަލީ "ސަން" އަށް ވިދާޅުވީ ގާވާއިދާ ހިލާފަށް ރުއް ނެގި ކަމުގެ މައުލޫމާތު ލިބުމުން އެކަން ކައުންސިލުން ހުއްޓުވާފައިވާ ކަމަށެވެ.