ދިވެހި ފިލްމީ ދާއިރާގައި އުޅޭ ބަތަލާއިންގެ ތެރެއިން މިވަގުތު އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަނީ މަރިޔަމް އައްޒައެވެ. އަދި އެންމެ ޑިމާންޑު ބޮޑީ ވެސް އައްޒައަށެވެ. އައްޒަ މިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައެވެ.

ގިނަ ފިލްމުތަކެއް ކުޅެފިއެވެ. އައްޒައަށް މުހިއްމީ ވެސް މިވަގުތު އިންޑަސްޓްރީއެވެ. ދިރިއުޅުމުގައި އައްޒައަށް މިވަގުތު މުހިއްމީ ދަރިފުޅާއި ފިލްމީ ދާއިރާ ކަމަށް އޭނަ ވަނީ ބުނެފައެވެ.

ދިރިއުޅުމެއް ފަށަން ގަސްދުކޮށްފައިވޭތޯ "ސަން" އިން ސުވާލު ކުރުމުން އައްޒަ ބުނީ މިވަގުތު އަދި މުހިއްމީ ފިލްމީ ކެރިޔަރު ކަމަށެވެ. އަދި މިހާރު އޭނާއަށް ލިބެމުންދާ ފުރުސަތު ތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފަން ބޭނުންވާ ކަމަށާއި ދަރިފުޅަށް ވަގުތު ދީގެންް އިންޑަސްޓްރީ ގައި ކުރިޔަށް ދިޔުމަށް ވިސްނާ ކަމަށެވެ.

މި އަހަރު ރިލީޒްކުރި "އިހުސާސް" ލަވައިން ފެނިގެންދާ އައްޒަ...

އައްޒަ މިހެން ބުނެފައިވާއިރު މީގެ ދުވަސް ކޮޅެއް ކުރިން ވަނީ ފިލްމީ ތަރި އަބްދުﷲ މުއާޒު(މުއާ) އާއެކު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ފެތުރިފައެވެ.

މުއާ އާއި އައްޒަ އެކުގައި ފަހަކުން ނަގާފައިވާ ފޮޓޯ އެއް....

އައްޒައާއި ފިލްމީ ތަރި އިސްމާއިލް ޖުމައިހް ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފައެވެ. އެދެމީހުން ވަރި ވިއިރު ފިރިހެން ކުއްޖެއް ވެސް ހުރެއެވެ.

ނިމިގެން މިދާ އަހަރަކީ ވެސް އައްޒައަށް ބިޒީ އަހަރެކެވެ. އޭނާ މަސައްކަތް ކުރި ބައެއް ފިލްމު ތަކުގެ ތެރޭގައި މުއާގެ "ލީނާ"، ޑާކްރެއިންގެ ފިލްމު "މާމުއި"، އަދި ފާތިމަތު ނަހުލާގެ ވެބް ސީރީޒް "ހުވާ" ހިމެނެއެވެ. އޭގެ އިތުރުން އަހުމަދު ނިމާލުގެ ފިލްމަކާއި ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ދެ ފިލްމެއްގެ ލީޑު ރޯލު ވެސް އައްޒަ ކުޅުމަށް ވަނީ ސޮއި ކޮށްފައެވެ.

އައްޒަގެ ކުރީގެ ފިރިމީހާ ޖުމައިހް އަދި ދަރިފުޅު އީތަން...

މި އަހަރު ސިނަމާއިން އައްޒަގެ ފިލްމެއް ބަލާލަން ނުފެނުނު ނަމަވެސް މިއަހަރު އައްޒަ ކުރި ބުރަ މަސައްކަތްތައް އަންނަ އަހަރު ސްކްރީނުން ފެންނާނެއެވެ. އަންނަ އަހަރަށް ވެސް ފިލްމު ތަކެއްގެ ޝޫޓިން ތަކެއް ތާވަލް ކޮށްފައި ހުރި ކަމަށް އައްްޒަ ބުންޏެވެ.