ޣައްޒާ (އޮކްޓޯބަރު 29) : އިސްރާއީލުގެ ފައިޓަރޖެޓް ތަކުން ޣައްޒާގެ ދެކުނަށް ހަމަލާދީ ފަލަސްތީނުގެ ތިން ކުޑަކުދިން ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްޙަތާބެހޭ އިދާރާއިން ބުނީ ޣައްޒާގެ އިރުދެކުނުގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ހަމަލާދީ އިސްރާއީލުން ޝަހީދުކޮށްލި 3 ކުދިންނަކީ 12 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންކަމުގައެވެ. އެތިންކުދިން ގެ މަރުވެފައިވާ ހަށިތައްވަނީ ދީރުލްބަލަޙްގައިވާ ޣައްޒާގެ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ.

މިދިޔަ ހުކުރުދުވަހު ޣައްޒާއާއި އިސްރާއީލުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ފަލަސްތީނު ރައްޔިތުން ކުރި މުޒާހަރާތަކަށް އިސްރާއީލު ސިފައިން ބަޑިޖަހައިގެންވެސް ފަލަސްތީނުގެ 5 މީހުން ޝަހީދުކޮށް އެތަށް ބަޔަކު ޒަޚަމްކޮށްލާފައިވެއެވެ. އިސްރާއީލު ސިފައިން ބަޑިޖެހި އެ މުޒާހަރާއަކީ ފަލަސްތީނުގެ ރެފިއުޖީންގެ ހައްގުތަކަށް ގޮވާލައި ކުރި މުޒާހަރާއެކެވެ. އިސްރާއީލުން ބަޑިޖަހައި މި 5 މީހުން ޝަހީދުކޮށްލުމުން ޣައްޒާ ގައި ހަރަކާތްތެރިވާ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތުންވަނީ ޣައްޒާގެ ކައިރީގައިވާ އިސްރާއީލުގެ ޔަހޫދީ އާބާދީތަކަށް ރޮކެޓުން ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

އެއަށްފަހު އިސްރާއީލުގެ ފައިޓަރ ޖެޓްތަކުން ގެންދަނީ ޣައްޒާގެ އެކިސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދެމުންނެވެ. މިގޮތުން އާދީއްތަ ދުވަހުވެސް ޣައްޒާގެ މެދުތެރޭގައިވާ ދެ ތަނަކަށް އިސްރާއީލުގެ ފައިޓަރޖެޓްތަކުން ޙަމަލާތައް ދީފައިވެއެވެ. ޣައްޒާއާއި އިސްރާއީލުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ފަލަސްތީނު ރައްޔިތުން ސިލްސިލާ ގޮތެއްގައި މުޒާހަރާ ކުރަމުންގެންދާތާ ހައެއްކަ މަސްވެއްޖެއެވެ. އެމުޒާހަރާތައް ކުރިޔަށްގެންދަނީ ވަޒަނުން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ރެފިއުޖީން އަނބުރައި ވަޒަނަށް ރުޖޫއަވުމުގެ ހައްގު ހޯދުމުގެ ބޭނުމުގައާއި ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނައްތާލުމަށް އެދިއެވެ.

އެހެންނަމަވެސް އިސްރާއީލުގެ ސަރުކާރުން ގެންދަނީ ރެފިއުޖީން ވަޒަނަށް އެނބުރި ރުޖޫއަވުމުގެ ހައްގަށް އިންކާރުކޮށް، އެކަމަށް ގޮވާލައި މުޒާހަރާކުރާ ފަލަސްތީނުގެ އާންމުންގެ ގަޔަށް ބަޑިޖަހައި ގަތްލުއާންމު ހިންގަމުންނެވެ. މިގޮތުން ފާއިތުވި ހަތްމަހުގެ ތެރޭގައި ފަލަސްތީނު ރައްޔިތުން ކުރި މުޒާހަރާތަކަށް ބަޑިޖަހައި އިސްރާއީލުންވަނީ ފަލަސްތީނުގެ 217 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް 19 ހާހަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައެވެ. (އަލްޖަޒީރާ)