29 Oct 2018, 10:39
ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި ލެސްޓާ ފުޓުބޯޅަ ޓީމުގެ ވެރިޔާ، ތައިލެންޑުގެ ބިލިއަނަރ ވިޗާއި ސްރިވަދަނަޕްރަބާ މަރުވެއްޖެއެވެ.
ލެސްޓާގެ ސްޓޭޑިއަމް ކަމުގައިވާ ކިންގ ޕަވަރ ސްޓޭޑިއަމުން ފުރި މި ހެލިކޮޕްޓަރު ވެއްޓި މަރުވި ފަސް މީހުންގެ ތެރޭގައި ވިޗާއި ހިމެނޭކަން ލެސްޓާ ޓީމުން ވެސް މިހާރު ވަނީ ރަސްމީކޮށް ޔަގީންކޮށްދީފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ލެސްޓާ އާއި ވެސްޓަމް ބައްދަލުކޮށް 1-1 އިން އެއްވަރުވި މެޗު ބަލަން ދަނޑަށް ދިޔަ ވިޗާއި ސްޓޭޑިއަމުން ނުކުތީ މެޗު ނިމުނުތާ ގަޑިއެއްހައި އިރު ފަހުންނެވެ.
ސްޓޭޑިއަމުން ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެނބުރެމުން އެނބުރެމުން އައިސް ހެލިކޮޕްޓަރު ބިމަށް ވެއްޓުނެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ވިޗާއިގެ ދެ މުއްޒަފަކު ވެސް ހިމެނޭ ކަމަށް ލެސްޓާޝަޔާގެ ފުލުހުން ބުނެއެވެ. ހެލިކޮޕްޓަރުގެ ޕައިލެޓުގެ އިތުރުން އެހެން ދަތުރުވެރިޔަކު ވެސް މަރުވެފައި ވެއެވެ.
ލެސްޓާޝަޔާގެ ފުލުހުންނާއި ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާގެ ފަރާތުން ދަނީ ހެލިކޮޕްޓަރު ވެއްޓެން ދިމާވި ސަބަބު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.