29 Oct 2018, 09:23
ރޭ ސްޕެނިޝް ލަލީގާގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލު ކުރި މެޗުގައި ބާސާގެ ލުއިސް ސުއަރޭޒް ހެޓްރިކް ހެދި އިރު ބާސާއިން ތަފާތު ބޮޑު ނަތީޖާއަކުންް ރެއާލް މެޑްރިޑް ބަލިކޮށްފި އެވެ.
ރޭގެ މެޗު ބާސާއިން ކާމިޔާބު ކުރީ 5-1ގެ ނަތީޖާއިންނެވެ. އެ މެޗަށް ބާސާ ނުކުތީ އެ ޓީމުގެ ތަރި ލިއޮނަލް މެސީއާ ނުލަ އެވެ. މެސީ މެޗުގައި ނުކުޅުނީ އޭނާގެ އަތަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ. މިއީ ރެއާލްގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވި ފަހުން ކުޅުނު ފުރަތަމަ ކްލެސިކޯ އެވެ.
ބަސާއިން ވަނީ މެޗުގެ ކުރީ ކޮޅު ގޭމު ކޮންޓްރޯލުކޮށް ލީޑު ނަގާފަ އެވެ. އަރިމަތިން ޖޯޑި އަލްބާ ދިން ހުރަހަކުން އެ ގޯލު ކާމިޔާބު ކުރީ ފިލިޕޭ ކޮޓީންޔޯ އެވެ.
ބާސާއިން ލީޑު ފުޅާ ކުރީ ރެއާލްގެ ވެރާން ބާސާގެ ސުއާރޭޒްއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ޕެނަލްޓީ މެޗުގެ 30 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ސުއާރޭޒް އެވެ.
ދެވަނަ ހާފު ފެށިގެން ރެއާލް އިން ވަނީ މެޗުގެ ކޮންޓްރޯލު ވިއްސަކަށް މިނެޓަށް ހިފަހައްޓާފައެވެ. އެ ވަގުތުކޮޅުގެ ތެރޭގައި ދެ ޓީމުގެ ފަރާތުން ކައިރި ކައިރީގައި ގިނަ ހަމަލާތަކެއް ފެނިގެން ދިޔަ އެވެ. ނަތީޖާއެއްގެ ގޮތުން 50 ވަނަ މިނެޓުގައި މާސެލޯ ރެއާލްގެ ހަމައެކަނި ގޯލު ކާމިޔާބު ކުރި އެވެ.
ރެއާލްއިން ރަނގަޅަށް ކުޅެމުން ދިޔަ ވަގުތުކޮޅުގެ ތެރޭގައި އެ ޓީމުގެ މޮޑްރިޗް ފޮނުވީލި ހަމަލާއެއް ގޯލުގެ ދަނޑިއާ އަމާޒުވި އެވެ. އަދި އޭގެ ކުޑަ އިރުކޮޅެއް ފަހުން ބާސާގެ ސުއަރޭޒްގެ ޝޮޓެއް ވެސް ގޯލުގެ ދަނޑިއާ އަމާޒުވި އެވެ.
މެޗުގެ ނަތީޖާ އަނެއްކާ ބާސާގެ ކޮޅަށް އެނބުރިގެން ދިޔައީ 75 ވަނަ މިނެޓުގައި ސުއަރޭޒް ގޯލެއް ކާމިޔާބު ކުރުމުންނެވެ. އޭނާ އެ ގޯލު ކާމިޔާބު ކުރީ ގޯލާ ދުރުގައި ހުރެފައި ބޮލުން ފޮނުވާލި ހިތްގައިމު ހަމަލާއަކުންނެވެ.
ސުއަރޭޒްގެ ހެޓްރިކް ފުރިހަމަވި ގޯލަކީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް ހެދުނު ގޯހެއްގެ ބޭނުން ހިފައިގެން ކާމިޔާބު ކުރި އެވެ. ރާމޯސް ޑިފެންސް އޭރިއާގައި ބޯޅަ ކޮންޓްރޯލު ކުރަން އުޅެނިކޮށް ބާސާގެ ސާޖި ރޮބާޓޯ ވަނީ އޭނާގެ އަތުން ބޯޅަ ހޯދައި ސުއަރޭޒްއަަށް ފޮނުވާލާފަ އެވެ. ސުއަރޭޒް ވަން އޮން ވަންގައި ގޯލު ޖެހީ ކީޕަރު ކޯޓުއާގެ ބޯ މަތިން ބޯޅަ ޗިޕްކޮށްގެންނެވެ.
ބާސާގެ ފަސް ވަނަ ލަނޑު ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިންގެ ގޮތުގައި އެރުވި ޑެމްބެލޭ ނަގައިދިން ހުރަހަކުން އާޓޫރޯ ވިޑާލް އެވެ. 87 ވަނަ މިނެޓުގައި އޭނާ އެ ގޯލު ކާމިޔާބު ކުރީ ބޮލުންނެވެ.
މި މޮޅާ އެކު ބާސެލޯނާ އަލުން އެއް ވަނައަށް އެރީ 10 މެޗުން 21 ޕޮއިންޓް ހަމަކޮށްގެންނެވެ. އެތުލެޓިކޯ ދެ ވަނަައިގައި އޮތީ 10 މެޗުން 19 ޕޮއިންޓާ އެކު އެވެ. ރެއާލް ލީގުގެ ނުވަ ވަނައިގައި އޮތީ 14 ޕޮއިންޓާ އެކު އެވެ.
ރޭ ބާސާ އަތުން ބަލިވުމާ އެކު ރެއާލްގެ ކޯޗް ޖޫލިއަން ލޮޕެޓެގިއީ ވަނީ އިތުރަށް ޕްރެޝަރަށް ވެއްޓިފަ އެވެ. އޭނާ މަގާމުން ވަކި ކުރަން އުޅޭ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.