އަބްދުﷲ ޝިނާން

ރައްޔިތުންގެ މަޖިލިހުގެ މެންބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި 5 ކަމެއް ގާނޫނު އަސާސިގެ 73 ވަނަ މާއްދާގެ (ހ) ގައި ފާހަގަކުރައްވާފައިވެއެވެ. އެއީ:

1 - ދިވެހި ރައްޔިތކަށް ވުން
2 - ބޭރުޤައުމެއްގެ ރައްޔިތަކަށް ނުވުން
3 – މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން
4- އުމުރުން އަށާރަ އަހަރު ފުރިފައިވުން
5 - ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން

ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ގާނޫނު އަސާސީއަށް ބަލާލާއިރު މިޝަރުތުތަކުގެ ތެރޭގައި ވަރަށް މުހިއްމު އެހެން ޝަރުތެއް އޮންނަތަންފެނެއެވެ. އެޝަރުތު އެހެން އޮންނަނީ "ރެޕްރެސެންޓޭޝަން" ނުވަތަ ރައްޔިތުން ތަމްސީލްކުރުން ވީހާވެސް ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި ކަމުގައި ގަބޫލްކުރެވެއެވެ. އެމާއްދާއަކީ އެމީހަކީ، އެމީހަކު އިންތިހާބުވި ދާއިރާއެއްގައި ދިރިއުޅޭ ނުވަތަ އެދާއިރާގެ ރައްޔިތުންނާއި ގާނޫނުގައި ބަޔާންކޮށް ފައިވާ ގޮތެއްގެ މަތިން އެދާއިރާތަކަށް ގޮސް ރައްޔިތުންނާއި ބައްދަލުކޮށް އެދާއިރާއެއްގައި ވަކި ވަގުތެއް ހޭދަކުރާ ގޮތަށް ބުނެ ފައިވާ މާއްދާއެވެ. އެގޮތުން އެމެރިކާގެ ގާނޫނު އަސާސީއަށް ބަލާލަމާހިނގާށެވެ.

އެމެރިކާގެ ގާނޫނު ހަދާ މަތިގޭގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތަކުގެ ތެރޭގައި އެމީހަކީ، އެމީހަކު މެންބަރުކަމަށް އިންތިހާބުވާ ދުވަހުންފެށިގެން އެ ދާއިރާއެއްގައި (އަތޮޅެއްގައި) "ދިރިއުޅޭ" މީހެއްކަމުގައިވާން ޖެހެއެވެ.

މިގޮތުން 2000 ވަނަ އަހަރު ބިލް ކްލިންޓަންގެ އަނބިކަނބަލުން، މިހާރުގެ އެމެރިކާގެ ހާރިޖީ ވަޒީރު، ހިލަރީ ކްލިންޓަން ނިއުޔޯކް ގެ ސެނެޓްގެ ގޮޑިއަށް ވާދަކުރަން ނިންމައި ނިއުޔޯކުން ގެއެއް ބަލަވައިގަނެ އެކަމަނާގެ ދިރިއުޅުން ނިއުޔޯކަށް ބަދަލުކުރިއެވެ. އަދި ހަމަ އެގޮތަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގެ ތިރިގޭގެ ގޮނޑިއަށް ކުރިމަތިލާ ބޭފުޅުންގެ ޝަރުތުތަކުގެ ތެރޭގައި އެމީހަކީ އެމީހާ އިންތިހާބުގެ ދުވަސްވަރުން ފެށިގެން އެއިންތިހާބްވި ދާއިރާއެއްގައި ނުވަތަ "އަތޮޅެއްގައި" "ދިރިއުޅޭ" މީހެއްކަމުގައި ވާންޖެހެއެވެ.

އާޖެންޓީނާގެ ގާނޫނު ހަދާ މަޖިލިހުގެ މަތިގޭގެ ގޮޑިއަށް ކުރިމަތިލައްވާ ބޭފުޅުންގެ ޝަރުތުތަކުގެ ތެރޭގައި އެމީހަކީ އެމީހަކު ކުރިމަތިލާ ދާއިރާއަކަށް އުފަން ނުވަތަ އެދާއިރާއެއްގައި (އަތޮޅެއްގައި) މަދުވެގެން 2 އަހަރު އުޅެފައިވާ މީހެއްކަމުގައި ވާންޖެހެއެވެ. އާޖެންޓީނާގެ ގާނޫނު ހަދާ މަޖިލިހުގެ ތިރިގެއަށް ކުރިމަތިލުމުގައިވެސް މިޝަރުތު ފުރިހަމަ ވާންޖެހެއެވެ.

ޖަޕާނުގެ ގާނޫނު އަސާސީގައިވެސް އެގައުމުގެ ގާނޫނު ހަދާ މަޖިލިހުގެ މަތިގެއަށާއި ތިރިގެއަށް ކުރިމަތިލާ މީހަކަށް އެމީހަކު ކުރިމަތިލި ދާއިރާއެއްގައި ނުވަތަ (އަތޮޅެއްގައި) ޖެހިޖެހިގެން 3 މަސްދުވަހު އުޅެފައިވުން ޝަރުތުކުރެއެވެ.

ނަމަވެސް އަޅުގަޑުމެންގެ މިކުޑަކުޑަ ގައުމުގައި ރައްޔިތުން ކަންކަމަށް މިހާ ބޭނުންވެފައިވާ އިރެއްގައި، މަޖިލިހުގެ ބައެއް މެންބަރުން އެބައިމީހުންގެ ޒިންމާތަކާއި މަސްއޫލިއްޔަތު ހަރުދަނާ ކުރުން އެއްފަރާތްކޮށް އެވެރިންގެ އަންބޮނޑި ބޮޑު ކުރުމަށް ފޫގަޅައި މަސައްކަތް ކުރަމުން ދާ ދިއުމަކީ ހިތާމަހުރި ކަމެކެވެ. ލަދުވެތި ކަމެކެވެ. ނުވަތަ މި ގޮތަށް އަޑުތައް ފެތުރިގެން ދިޔުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.

މިވޭތިވެ ދިޔަ ގާތްގަނޑަކަށް 7 ވަރަކަށް އަހަރު ތެރޭ މެންބަރުންގެ މުސާރަ 7000 (ހަތް ހާސް ރުފިޔާ) ރުފިޔާއިން 62500 (ފަސްދޮޅަސް ދެހާސް ފަސް ސަތޭކަ ރުފިޔާ) ރުފިޔާއަށް ބޮޑުވެގެން ހިނގައްޖެއެވެ. އެބޭފުޅުންނަށް ހައްގުވާކަމަށް މެންބަރުން ދައުވާ ކުރައްވަމުން އެގެންދަވާ 20000 (ވިހި ހާސް ރުފިޔާ) ގެ އިނާޔަތާއި އެކު މެންބަރުންގެ މުސާރަ 82500 (އައްޑިހަ ދެހާސް ފައްސަތޭކަ ރުފިޔާ) އަށް އެރީއެވެ.

މި އޮތް ތަހުޒިބު ޒަމާނުގައި މެންބަރުން އެބައިމީހުންގެ "އަންބޮނޑި" ބޮޑު ކުރުމުގެ ބަދަލުގައި އެބައިމީހުންގެ ޒިންމާ އާއި މަސްއޫލިއްޔަތު ހަރުދަނާކުރުމަށް ތަރައްގީވެ ކުރިއަރާފައިވާ ބޮޑެތި ޑިމޮކްރެޓިކް ގައުމުތަކުގެ ގާނޫނު އަސާސީގައި ލިޔެ ބަޔާން ކުރައްވާފައިވާ ފަދަ އިސްލާހެއް ގާނޫނު އަސާސީ އަށާއި ގާނޫނުތަކަށް ގެންނަން ފަސްޖެހުމުން ބައެއް މެންބަރުންގެ އިޙްލާސްތެރިކަމާއިމެދު ސުވާލު އުފެދެއެވެ.

މިއަދު ގިނަ ކަންކަން ބަދަލު ވެއްޖެއެވެ. މެންބަރުންގެ ހަމައެކަނި ވާޖިބަކީ ސަރުކާރު ރުއްސުންކަމުގައި ދެކި ދެން ކޮންމެ ކަމެއްވެސް އެމެންބަރަކަށް ފެނިލައްވާ ގޮތަކަށް ކުރެވިދާނެކަމަށް ހީކުރެވުނު ދުވަސް މާޒީވެ ހިނގައްޖެއެވެ.

ރައްޔިތުން މިއަދު ބޭނުންވަނީ ރައްޔިތުންގެ ކަންކަމުގައި ގިނަވަގުތަ ތައް ހޭދަކުރެވޭ އަދި އެބައިމީހުންގެ ދަތިތަކާއި އިޙްސާސްތައް ރަނގަޅަށް ދަންނަ ބޭފުޅުން އެބައިމީހުންގެ މަންދޫބުންނަށް އިންތިހާބުކުރާށެވެ. ވަގުތުނެތިގެން އަބަދު "ބިޒީވެ" އުޅެން ޖެހިފައިވާ ބޭފުޅަކު މަޖިލީހުގެ ގޮނޑިއަށް އިންތިހާބް ކޮށްގެން ކުރާނެ ފައިދާއެއް މިއަދަކު ނޯންނާނެއެވެ. މެންބަރު ކަމުގެ ގިނަ ވަގުތު ސަރުކާރު ރުއްސުމުގައި، ނުވަތަ ޕާޓީގެ ޕްރޮމޯޝަން މަސައްކަތުގައި ހޭދަ ކުރާ މެންބަރުންގެ ހަގީގީ މަންފާ އަކީ ކޮބައިތޯ އެވެ؟

މިއަދު ދިވެހިން ވިސްނުންގެންގުޅެންވާނީ ޕާރްޓް ޓައިމް މެންބަރަކު ހޯދުމަށް ވުރެ ފުލްޓައިމް މެންބަރަކު ހޯދާށެވެ. ޕާރްޓްތައިމޭ އަޅުގަނޑު މިދަންނަވަނީ ރައްޔިތުންގެ ކަންކަމުގައި މަޝްވަރާ ކުރަން އޮފީސް ހުޅުވައިގެން ތިބެންބޭނުންނުވާ މެންބަރުންނަށެވެ. މެންބަރުންގެ ތެރެއިން ރައްޔިތުންގެ ކަންކަމަކީ 2 ވަނަ ދަރަޖައިގެ ކަންކަމުގައި ދެކޭ ބޭފުޅުންނަށެވެ. އަމިއްލަ ވިޔަފާރި ކުރައްވާ ބޭފުޅުންގެ ތެރޭގައި ވެސް ރައްޔިތުންނާ ވަރަށް ގާތް ގުޅުން އޮންނަ އަދި ރައްޔިތުންނާ ބައްދަލު ވާނެ އިންތިޒާމުތައް، އެކަމަށް ޚާއްސަ މުވައްޒަފުން ލައިގެން ރައްޔިތުންގެ ކަންކަން ގެންދާ މެންބަރުން ވެސް މަޖިލީހުގެ ތެރެއިން އަޅުގަނޑުމެނަށް އެބަ ފެނެ އެވެ.

މެންބަރަކު ވެއްޖެއްޔާ އެމީހަކު ރައްޔިތުންނާ ބައްދަލު ކުރާނެ އޮފީހެއް ހުންނަން ވާނެއެވެ. ރަސްމީ ގަޑީގައި ބައްދަލު ވާނެ ދުވަސްތަކާއި ވަގުތުވެސް އެދާއިރާއެއްގެ ރައްޔިތުންނަށް އެނގޭނެ ގޮތަކަށް އޮންނަންވާނެއެވެ. މެންބަރުގެ ފަރާތުން ރައްޔިތުންނަށް ކަންކަން ފަހި ކޮށް ދިނުމުގައި މަސައްކަތް ކުރާނެ ބަޔަކު ތިބެން ވާނެ އެވެ. އެ މީހަކާ ރައްޔިތުންނާ ގުޅުން އޮންނާން ވާނެ އެވެ. މިގޮތަށް ރައްޔިތުންގެ ކަންކަން ނުކުރެވޭނަމަ އެގޮނޑިތަކަށް ކުރިމަތި ނުލައްވާށެވެ.

މާމިގިލީ ދާއިރާގެ މެންބަރ ގާސިމް އިބްރާހިމާއި ބައްދަލު ނުވެގެން ވިލާ އޮފީސްދޮށަށް ނުވަތަ އެބޭފުޅާ ދިރިއުޅުއްވާ ގެކޮޅަށް ދާން ޖެހިއްޖެ ނަމަ އެ ވާނީ ހިތާމަ ހުރި ކަމަކަށެވެ. ކެޔޮދޫ ދާއިރާގެ ރައްޔިތުން އަބްދުﷲ ޝާހިދުގެ ފައިންޕުޅު ނުފެނިގެން އެދާއިރާގެ ރައްޔިތުން ފޮށި ތަންމަތި ހިފައިގެން ދިގުދަތުރެއްކޮށް އެބޭފުޅާ އުޅުއްވާ ގެއަށް ދިއުމުން މިހާރު ހުންނެވީ އިނގިރޭސި ވިލާތުގަ ކަމަށް ވެގެން އަނބުރައި ދާނެ ޖެހޭ ފަދަ ހާލަތެއް އައިސްގެން ނުވާނެ އެވެ. ހުޅުހެންވޭރު ދާއިރާގެ ރައްޔިތުން މޫސާ މަނިކާއި ބައްދަލު ނުވެގެން އެބޭފުޅާގެ ވިޔަފާރި ކުންފުނި ހެވީލޯޑުގެ އޮފީހަށް ނުވަތަ އެބޭފުޅާގެ ގެއަށް ދާންޖެހޭ ގޮތް މެދުވެރިވުމަކީ މިހާ ތަހުޒީބު ދުވަސްވަރެއްގައި ހަމަ ގަބޫލު ކުރަން ދަތި ކަމަކަށް ވާނެ އެވެ. މިހާ ތަހުޒީބު ދުވަސްވަރެއްގައި މިނޫން ކޮންމެވެސް ހައްލެއް މި ފަދަ ކަންކަމަށް ހޯދަންވާނެއެވެ. އެކަމަކު ބައެއް މެންބަރުން މިކަމަކަށް ވަކަލާތު ކުރާތަނެއް ނުފެނެއެވެ.

އެމްޑީޕީގެ ރައީސަކަށް ހުންނަވައި ގާނޫނު އަސަސީ ދިރާސާކޮށް ޑްރާފްޓް ކުރައްވާ ކޮމެޓީގެ އޭރުގެ މުގައްރަރު އިބްރާހިމް އިސްމާއިލް ގިޔާސުއްދީން ސްކޫލްގައި ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު އަވަސްއަވަހަށް ވެއްޓިދާނެ ކަމުގެ ބިރު އޮންނަކަމަށް ބައެއް ފަރާތްތަކުން ބުނާތީ އެކަމަށް އިޝާރާތް ކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ. "ރައްޔިތުން ބޭނުންކަމުގައި ވަނީނަމަ ދުވާލަކު އެއްފަހަރު ވެރިކަން ބަދަލުވި ކަމުގައިވިޔަސް މައްސަލައަކީ ކޮބައިހެއްޔެވެ؟"

އެހެންކަމުން އަޅުގަނޑު ދަންނަވާނީ ހަރަދު ބޮޑުވިޔަސް މިހާރު މިއޮތީ މިކަން ބަދަލު ކުރާންވީ ވަގުތު އައިސް ޖެހިފައި ކަމުގައެވެ. ތެދުފުޅެކެވެ. މިއީ ހަރަދު ބޮޑު މަސައްކަތެކެވެ. މިހާރު މެންބަރުން އަމަލު ކުރަމުން ދާގޮތް ބަދަލު ވެއްޖެނަމަ ރައްޔިތުންނާއި ގައުމަށް ފައިދާ ކުރާނެކަން ޔަގީނެވެ. އެހެންކަމުން އެކަން ނުކުރާންވީ ސަބަބެއްނެތެވެ. މުޅި ބަޖެޓުއެކީ އެކަމަށް ހަރަދު ކުރާން ޖެހުނަސް ރައްޔިތުން ބޭނުންނަމަ އެކަން ނުކުރާންވީ ސަބަބެއްނެތެވެ.

މެންބަރުންނަށް ބައެއްކަހަލަ ގުރުބާނީތައް ވާން މަޖްބޫރުވުން:

ފުރަތަމަ މެންބަރުންގެ ހިތުގައި އުފެދޭނެ ސުވާލަކީ މިހާރު މިވަނީ ގުރުބާނީއެއް ނޫންހެއްޔެވެ. މިއަށް ވުރެ ބޮޑު ގުރުބާނީއެއް ދެންވާނީ ކިހިނެއް ހެއްޔެވެ.

ތެދުފުޅެކެވެ. 82500 ރުފިޔާ ނަންގަވައިގެން ރައްޔިތުންގެ ހައްގަށް މަސައްކަތް ކުރުމުގެ ބަދަލުގައި އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމުގައި ދެމިތިބެއެވެ. މަޖިލިހުގައި ސިދާ ވިޔަފާރި ނުކުރާ މެންބަރަކު މަދުވާނެއެވެ. މެންބަރުންގެ ގިނަވަގުތު ހެދަކުރެވޭނީ އަމިއްލަ ކަންކަމުގައެވެ. ސަރުކާރު ދިފާއު ކުރުމަށް މަސައްކަތް ކުރުމުގަ އެވެ. ތިމާ ނިސްބަތްވާ ޕާޓީ ޕްރޮމޯޓު ކުރުމުގެ މަސައްކަތުގަ އެވެ. އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތުގަ އެވެ. އެހެންކަމުން މިއީ ކިހާ ބޮޑު ގުރުބާނީ ތަކެއް ހެއްޔެވެ؟

ނަމަވެސް އިހު ބަޔާންކުރި ފަދަ އިސްލާހެއް މެންބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރެއަށް ހުށައަޅައި ފާސްވެއްޖެނަމަ ކޮންމެ މެންބަރަކަށް ވެސް ޖެހެނީ އެމެންބަރަކު ކުރިމަތިލި ދާއިރާއަކަށް ނުވަތަ އިންތިހާބްވި އަތޮޅަކަށް ގާނޫނުގައި ބަޔާންކުރާ މުއްދަތަކަށް ދިރިއުޅުން ބަދަލު ކުރާށެވެ. ނުވަތަ ވަކި ވަރަކަށް ދަތުރު ކުރާން ލާޒިމު ވާނެ އެވެ. ނުވަތަ އެ ދާއިރާއެއްގައި ވަކި މުއްދަތެއް ވާންދެން އުޅެ ތަޖުރިބާ ލިބިފައިވާ މީހަކަށް މެންބަރު ވާނެ އެވެ. މިއީ މެންބަރުންނަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. ސަބަބަކީ އަތޮޅެއްގައި، ހާއްސަކޮށް ތަރައްގީގެ އަސަރެއް އެއްގޮތަކަށް ވެސް ނެތް އަތޮޅެއްގައި ދިމާވާނެ އުދަގުލާއި ދަތިތައް ތަޖްރިބާކުރުން ވެސް އެއީ ފަސޭހަ ކަމަކަށް ނުވާނެތީ އެވެ.

އެހެންނަމަވެސް އެއުނދަގުލާއި ދަތި ތަޖްރިބާ އަމިއްލައަށް ކުރެވުމުން އެކަމުގައި ދެއްކޭނެ ވާހަކަތަށް ގިނަވާނެއެވެ. މަދިރިޔާއި، ތައުލީމާއި، ސިއްހީ ހިދްމަތްތަކާއި، ވަޒީފާގެ ފުރުސަތުތަކާއި، ނަރުދަމާ ނިޒާމާއި، ލަފާ ފުރުމުގެ ދަތިކަން ހުދު މެންބަރުން އަމިއްލަފުޅަށް ރަށުގެ އެހެންރައްޔިތުންހެން ތަޖްރިބާކުރަން ޖެހުމުން އެކަމުގެ ހުރިވޭނާއި ކެކުޅުން އިޙްސާސްކުރެވޭނެ އެވެ.

އޭރުން މިހާރު މެންބަރުން މަޖިލީހުގައި ވާހަކަ އެދައްކަވާ ރޫހަށް ވުރެ މާވަރުގަދަ ރޫހެއްގައި އެކަންކުރެއްވޭނެއެވެ. އެހެންނަމަވެސް މިހާރުގެ ޤާނޫނު އަސާސިގައި އެ އޮތްގޮތުންނަމަ މެންބަރަކަށް އިންތިހާބްވުމުން ނިމުނީއެވެ.

މެންބަރުކަމަށް ކުރިމަތިލާން ކެންޕެއިންކުރާ ދުވަސްވަރު މުޅިއަތޮޅުގައި އުޅޭނެ އެވެ. އިންތިހާބަށް ފަހު ދެންވާގޮތެއް ނޭނގޭނެއެވެ. އެންމެކުޑަމިނުން އުޅޭތަނެއް ވެސް ނޭނގޭނެއެވެ. މިރާއްޖޭގައި އިއްޒަތްތެރި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެންބަރުންގެ ހާލަތަކީ މިއީއެވެ. މިގޮތަށް މަޖިލިހުގެ މެންބަރުންގެ ޒިންމާތަށް އޮތް ގައުމެއް މިނޫނީ މިއުޑުދަށުގައި ވާކަމެއް އަޅުގަނޑަށް އެނގިފައެއް ނުވެއެވެ.

މެންބަރުން ރައްޔިތުންނާއި ބައްދަލުކުރަން ޖެހުން:

މިގޮތަށް އެދާއިރާއަކުން އިންތިހާބްވި މެންބަރުން ގާނޫނުގައި ބުނާ ގޮތެއްގެ މަތިން އެއަތޮޅެއްގައި ވަގުތު ހޭދަކުރަން ލާޒިމްވާނަމަ އެއަތޮޅެއްގެ ރައްޔިތުންނާއި އެމެންބަރަކު ބައްދަލު ކުރަން މަޖުބޫރު ވާނެއެވެ. އެގޮތުން ރަސްމީ ސިފައެއްގައި ބައްދަލު ކުރުމުގެ ކަންތައްތައް ހަމަޖައްސަންވެސް ޖެހޭނެއެވެ. އާހިރު ނަތީޖާއަކަށް ވާނީ މެންބަރުންގެ އޮފީހެއް އެޅި އެ އޮފީހުގައި ރައްޔިތުންނާއި ބައްދަލު ކުރުމެވެ. މެންބަރުގެ އޮފީސްކޮޅު ހުޅުވިފައި ހުންނާނެ ދުވަސްތަކާއި ވަގުތު ދާއިރާގެ ރައްޔިތުންނަށް އެނގޭނެއެވެ.

މިހާރު އަމަލުކުރާ ނަމޫނާ ގާނޫނު އަސަސީގެ ދަށުން ރައްޔިތުން މިވަނީ އެހައްގުން މަހުރޫމު ވެފައެވެ. ބައެއް މެންބަރުން އުޅެނީ އުޅޭނެތަނެއްގައެވެ. މެންބަރުން ރައްޔިތުންނާއި ބައްދަލު ކުރާނެ އޮފީހެއް ނުހުރެއެވެ.

ކެންދޫ ދާއިރާގެ ރައްޔިތުން ތަސްމީނުއާއި ބައްދަލު ކުރައްވަން ދަތުރު ހަދައި ފޮށި ތަންމަތި ހިފައިގެން އަންނަން ޖެހޭނީ ތަސްމީނު ޗުއްޓީ ހޭ ދަކުރައްވަން އުޅުއްވާ ފަޅުރަށަށް ހެއްޔެވެ؟ އެއީ އެމެންބަރު އިންތިހާބުވި ދާއިރާގެ އޮފީސް ކޮޅުހެއްޔެވެ؟ ދިއްގަރު ދާއިރާގެ ރައްޔިތުން އެދާއިރާގެ މެންބަރު ނާޒިމާ ބައްދަލުކުރައްވަން ދަތުރު ހަދައިގެން އަންނަން ޖެހޭނީ އެބޭފުޅާގެ ވިޔަފާރި ކުންފުނި ހިންގަވާ ނަމީރާގެ އޮފީހަށް ހެއްޔެވެ؟ އެއީ އެބޭފުޅާ އިންތިހާބުވި ދާއިރާގެ އޮފީސް ހެއްޔެވެ؟ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނާއި ބައްދަލު ކުރައްވަން އެދާއިރާގެ ރައްޔިތުން ދާންޖެހެނީ އެބޭފުޅާގެ ޕީއޭގެ އޮފީހަށް ނުވަތަ ގެއަށް ހެއްޔެވެ؟ އެއީ އެމެންބަރު އިންތިހާބުކުރި އިއްޒަތްތެރި މެންބަރުގެ ދާއިރާގެ އޮފީސްކޮޅު ހެއްޔެވެ؟ ނޫނެކެވެ. ރައްޔިތުންނާ ބައްދަލު ކުރައްވަން މެންބަރުން ރަށްރަށަށް ދާން ޖެހޭނެ އެވެ. ފޯނުން ގުޅެން ވެސް ޖެހޭނެ އެވެ. ރައްޔިތުންނާ ގުޅޭނެ ފަސޭހަ ނިޒާމުތައް ހަމަޖެހިފައި ހުންނާން ވެސް ޖެހޭނެ އެވެ.

މެންބަރުން ކަންބޮޑުވަނީ އެބައި މީހުންނާއި ބައްދަލު ކުރަން ރައްޔިތުން ކޮންމެ ކޮންމެ ގަޑިއެއްގައި އަންނާތީ ހެއްޔެވެ؟ ތެދު ފުޅެކެވެ. އުނދަގޫވާނެއެވެ. ނަމަވެސް އޮފީހެއްހުރެފައި ވަކި ދުވަސްތަކަކާއި ގަޑިތަކަކާއި ކަނޑައެޅިފައިވާ ނަމަ ރައްޔިތުންގެ މަންދޫބުން ފެންވަރަން ހުންނަވަނިކޮށް މީހުން ބައްދަލްކުރަން ދާކަށް ނުޖެހޭނެއެވެ. އާއިލާއާއެކު ވަގުތު ހޭދަކުރައްވަން އިންނަވަނިކޮށް ބައްދަލުކުރަން ދާކަށް ނުޖެހޭނެއެވެ. ފަރިއްކުޅުވާން އިންދާ ބައްދަލުކުރާކަށް ދާކަށް ނުޖެހެނެއެވެ. މަގުމަތިން ދަނިކޮށް ހުއްޓުވާ ޝަކުވާކުރާކަށް ވެސް ނުޖެހޭނެ އެވެ. އެކަމަކު އެހެންނުވާ ނަމަ ގެއަށް ވެސް ދާނެއެވެ. މަގުމަތިން ހުއްޓުވަން ވެސް ޖެހޭނެއެވެ. ފާރުގާ އެބެފުޅުންގެ ޕޯސްޓަރު ހަރުކޮސް ފޮޓޯވެސް ހަރުކުރާނެ އެވެ. ގުޅޭނެ ނަންބަރު ވެސް އާންމު ކުރާނެއެވެ.

ރައްޔިތުންގެ ހާއްސަ މަޖިލިހުގައި ގާނޫނު އަސާސީ އިސްލާހުކުރެވެމުން ދިޔައިރު ރައްޔިތުންގެ މަޖިލިހުގެ ބާބަށް އިސްލާހު ހުށައަޅައި ބައެއް މާއްދާތައް ފާސްވެ އަނެއްބައި މާއްދާތައް ފެއިލްވެގެން ދިޔައެވެ. މި ބާބުން 15 މާއްދާ ފެއިލްވިއިރު 22 މާއްދާ ވަނީ ފާސްވެގެން ގޮސްފަ އެވެ. މި ބާބުގެ ބައެއް މާއްދާތައް ފެއިލްވަމުން ދިއުމުން މެންބަރުންވަނީ އެހެން ބައެއްމެންބަރުނަށް އިޝާރާތްކުރައްވައި މަޖިލީހުގެ ބާރު ކަނޑުވައިލެއްވުމަށް މަސަތްކަތްކުރައްވާ ކަމުގެ އިޝާރާތްކުރައްވާފައެވެ.

17 އަހަރުން އިސްލާހް ކުރި ގާނޫނު އަސާސީން ހުރިހާ ބާރެއް ޖަމާ ކުރެވިފައި ވަނީ އެންމެ ފަރާތަކަށެވެ. އެއީ ވެރިކަން ހިންގާ ފަރާތަށެވެ. ރައީސުލްޖުމްހޫރިއްޔާ އެވެ. އެގޮތް ކަމުނުގޮސްގެން އާ ގާނޫނު އަސާސީއެއް ގެނެވުނީ އެވެ. ރައްޔިތުން ވަރަށް ބޮޑު އަގެއް ދައްކައިގެނެވެ.

މިހާރު ގާނުނު އަސާސީ ވަނީ އިސްލާހް ކުރެވިފައެވެ. ކުރިން ވެރިކަމުގެ ފަރާތަށް އޮތް ބާރުތައް އެފަރާތުން ވަކިކޮށް އެގެތެރެއިން ބޮޑު ބައެއް ވަނީ މަޖިލީހުގެ އަތްމައްޗަށް ގެނެސްފައެވެ. އޭރުގެ ގާނޫނު އަސާސީން ވެރިކަމުގެ ފަރާތަށް ލިބިފައިވާ ހައްދެއް ނެތް ބާރުތައް ނުވަތަ "ހުދުމުހްތާރު ކޮށް" ވެރިކަން ހިންގުމަށް ލިބިދީފައި ހުރި ސިފަތައް ވަނީ އެފަރާތުން ވަކިކުރެވި މަޖިލީހުގެ އަތްމައްޗަށް ގެނެސްފައެވެ. އެހެންކަމުން މިހާރު މިފެންނަނީ ކުރިން ފެނުނު މަންޒަރާ ހިލާފް މަންޒަރެކެވެ.

ކުރިން ރައްޔިތުންގެ މައްޗަށް ހުދުމުހްތާރުކޮށް ވެރިކަމުގެ ބާރު ހިންގުމަށް ފުރުސަތު ލިބިދީފައިވަނީ ހަމަ އެކަނި ވެރިކަމުގެ ފަރާތަށެވެ. އެއީ އެންމެ ފަރާތެކެވެ. ނަމަވެސް މިހާރު ތަފާތެވެ. މިހާރު އަލަށް އިސްލާހުކުރެވުނު ގާނޫނު އަސާސީން ރައްޔިތުންގެ މައްޗަށް ހުދުމުހްތާރު ވެރިކަމެއް ހިންގަނީ އެންމެ ފަރާތަކުންނެއް ނޫނުވެ. މިހާރު ރައްޔިތުންގެ މަޖިލީހުން ވެސް މި ކަން ބައެއް ހާލަތު ތަކުގައި ނަމަވެސް ފެންނަނީ އެވެ.

އޭގެ ހައްދުފަހަނަ އަޅާފައިވާ އަދި ހުދުމުހްތަރު ކަމުގެ ނިހާޔަތަށް މަޖިލިސް ބައެއް މެންބަރުންގެ އަމަލުތައް ގޮސްފިކަން ރަމްޒުކޮށްދޭ މިސާލަކީ މަސްވެރިންނަށް ދޫކުރަން ނިންމާފައިވާ ސަބްސިޑީ ދޫނުކުރުމުން ސަރުކާރަށް ފިއްތަން ޖެހޭ މިންވަރަށް ނުފިއްތުމެވެ. އަދި ސިވިލްސާވަންޓުންގެ މުސާރައިން އުނިކުރެވުނު ބައި ދޫކުރުމަށް ކޯޓުން އަމުރު ނެރެފައި ވާއިރު އެކަމަސށް ޕްރެޝަރ ނުކުރައްވައި އެބޭފުޅުން ކޮމެޓީ އެލަވަންސްގެ ފައިސާގެ ގޮތުގައި މިމަހު ޖެނުއަރީ މަހުން ފެށިގެން ޖުލައިގެ ނިޔަލަށް 7 މަހަށްވާ އެލެވެންސްގެ ގޮތުގައި 140000 (އެއްލައްކަ ސާޅީސް ހާސްރުފިޔާ) ކޮންމެ ބޭފުޅަކަށް ދެއްވުމަށް ފާސްކުރި ކުރެއްވުމަށް ރައީސުލްޖުމްހުރިޔާ ތާއީދުކުރައްވައި އަދި ފައިނޭންސް މިނިސްޓަރު އިހު ބުނެވުނު ރައްޔިތު މީހާގެ ފައިސާކޮޅު ދޫނުކުރައްވައި މަޖިލިސް މެންބަރުންންގެ ފައިސާ ލިބޭނެކަމުގެ ފެހި ސިގްނަލް ދެއްވުމުން މިކަން ވަރަށް ސާފުކޮށް އެނގެއެވެ.

އެހެންކަމުން މަޖިލީހު މެންބަރެއްގެ މިހާރުގެ މުސާރައަކީ 62500 (ފަސްދޮޅަސް ދެހާސް ފައްސަތޭކަ ރުފިޔާ) އެވެ. ކޮމެޓީ އެލަވަންސަކީ 20000 (ވިހި ހާސް ރުފިޔާ) އެވެ. މަހަކަށް މުޅި ޖުމްލަ 82500 (އައްޑިހަ ދެހާސް ފައްސަތޭކަ ރުފިޔާ) އެވެ. އަހަރަކަށް ކޮންމެ މެންބަރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 990000 (ނުވަ ލައްކަ ނުވަދިހަ ހާސް) ރުފިޔާ އެވެ. އާންމު މީހާއަށް މުޅި މަހު ގަނަތެޅިގެން މަހަކު ޖެހެނީ 6000 (ހަ ހާސް ރުފިޔާ) އެވެ. ހާރަކަސް ތަރާވީހަކަސް އާންމު މީހާއަށް އެވްރެޖް ކޮށް އަހަރަކަށް ލިބޭވަރު 72000 (ހަތް ދިހަ ދެހާސް ރުފިޔާ) އަށް ވެސް ނާރާނެއެވެ. މިއީ މަޖިލީހުގެ މެންބަރެއްގެ މިހާރުގެ އެއްމަސް ދުވަހުގެ މުސާރައާއި އެލަވަންސަށްވާ 82500 ރުފިޔާއަށް ވުރެ ކުޑަ އަދެދެކެވެ.