ސިޔާސީ ގޮތުން ހަލަބޮލިވެ، ސަރުކާރުގެ ކެބިނެޓުން ވަކިކޮށްފައިވާ ސްރީލަންކާގެ ޕެޓްރޯލިއަމް މިނިސްޓަރު އަރުޖުނާ ރަނަތުންގާގެ ބޮޑީގާޑް އެއްވެފައިވާ މީހުންގެ ތެރެއަށް ބަޑިޖެހުމުގެ ސަބަބުން އެކަކު މަރުވެއްޖެއެވެ.

އެ ހާދިސާ ހިނގީ މިނިސްޓަރުގެ ކައިރިއަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވުމުން އެމީހުން ދުރުކުރަން އުޅުމުގެ ތެރޭގައި ބޮޑީ ގާޑް ބަޑިޖެހުމުގެ ސަބަބުންނެވެ. އެ ހާދިސާގައި ޒަހަމްވި އިތުރު ދެ މީހުންގެ ހާލު ވަރަށް ސީރިިއަސްއެވެ.

މިނިސްޓަރުގެ ކައިރިއަށް އެއްވީ ލަންކާގެ ރައީސް ސިރިސޭނާ މައިތިރިޕާލާއަށް ސަޕޯޓްކުރާ ބައެކެވެ. އެ މީހުން މަސައްކަތް ކުރަމުންގެންދިއައީ އެ މިނިސްޓަރު އޮފީހަށް ވަނުމަށް ހުރަސް އެޅުމަށެވެ.

ލަންކާގެ ރައީސް ސިރިސޭނާ ވަނީ އެގައުމުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންގަ މަގާމުން ދުރުކުށް ކުރީގެ ރައީސް މަހިންދުރަ ރާޖަޕަކްސާއަށް ބޮޑުވަޒީރު ކަމުގެ މަގާމަށް އައްޔަނުކޮށްފައެވެ.

އަދި މަގާމުން ވަކި ކުރިކަމަށް ބުނެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ ރަނިލްއަށް ހުކުރު ދުވަހުގެރޭ ސިޓީ އެއްވެސް ފޮނުއްވާފައެވެ.

ނަމަވެސް މަގާމުން ދުރު ކުރި ރަނިލް އިއްޔެ މީޑިއާތަކަށް މައުލޫލަތު ދެއްވަމުން ވިދާޅުވީ އަދިވެސް އޭނާއަކީ ބޮޑުވަޒީރުކަމަށާއި ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އެބައޮތްކަމަށެވެ. ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ރަނިލް ވަނީ، އެމަނިކުފާނަކީ އަދިވެސް ލަންކާގެ ބޮޑުވަޒީރުކަމަށް ވިދާޅުވެ ރައީސް ސިރިސޭނާއަށް ސިޓީއަކުން އަންގަވާފައެވެ.

މަސްދަރު: ގާޑިއަން