29 Oct 2018, 00:21
ސްކޫލް ނިންމާ ދަރިވަރުންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެން، މަތީ ތަޢުލީމުގެ ފުރުސަތުތަކާބެހޭ މަޢުލޫމާތު ދިނުމަށް "ޖޮބް އެންޑް ކެރިއަރ ފެއަރ" ގެ ނަމުގައި ފެއާއެއް ގދ. ތިނަދޫގައި ބާއްވަން ނިންމައިފިއެވެ.
ތިނަދޫ ކައުންސިލާއި ގދ. އަތޮޅު ތައުލީމީ މަރުކަޒު ގުޅިގެން ބާއްވާ އެ ފެއާ ބޭއްވުމަށް ހަމަޖައްސައިފައިވަނީ އަންނަމަހުގެ 3 ވަނަ ދުވަހު ގދ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ.
އެ ފެއާއަކީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އެދުމުގެ މަތިން ކައުންސިލުން ޚަރަދުކޮށްގެން ބާއްވާ ފެއަރއެކެވެ. ފެއަރ އިންތިޒާމުކޮށް، ހިންގާ، ބަލަހައްޓާނީ ތައުލީމީ މަރުކަޒުންނެވެ.
މިއީ ހުވަދު އަތޮޅުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކާއި މަތީ ތައުލީމުގެ ދާއިރާއިން ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ ފެއާއެއްކަމަށް ގދ. އަތޮޅު ތައުލީމީ މަރުކަޒުން ބުންޏެވެ.
އެ ފެއަރގައި 15 ފަރާތަކުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ގދ. އަތޮޅު ތައުލީމީ މަރުކަޒުން ބުންޏެވެ.
އޭގެ ތެރޭގައި ރިސޯޓުތަކާއި ކޮލެޖްތަކާއި ޤައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތައް ހިމެނެއެވެ.