ރާއްޖޭގެ ޑިމޮކްރަސީ އަލުން އިއާދަވުމުގައި އިންޑިއާއިން ކުރި ޕްރެޝަރު މުހިއްމު ދައުރެއް އަދާކުރިކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން އިންޑިއާގެ ޕްރެސް ޓްރަސްޓް އޮފް އިންޑިއާއަށް ދެެއްވި އިންޓިވައުއެއްގައި ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ އަލުން އިއާދަވުމުގައި އިންޑިއާއިން ވަރަށް ރަނގަޅު ދައުރެއް އަދާކުރި ކަމަށާއި އެގޮތުން އެކެއް ފެބްރުއަރީގައި ސުޕްރީމްކޯޓުގެ އަމުރު ތަންފީޒުކުރުމަށް ބައިނަލްއަގުމާވީ ފަރާތްތަކާ ގުޅިގެން އިންޑިއާއިން ވަރަށް ބޮޑަށް ރާއްޖެއަށް ޕްރެޝަރު ކުރިކަމަށެވެ.

އިންޑިއާއާ ރާއްޖެއާ އޮތީ ޒަމާންވީ ބަދަހި ގުޅުމެއް ކަމަށާއި އަދި ފާއިތުވި އަހަރުތަކުގެ ތެރޭގައި ގުޅުންތަކަަށް ކޮންމެވެސް ވަރަކަށް ބުރޫއެރި ނަމަވެސް ދުރު މުސްތަގުބަލުގައި އެ ގުޅުމަށް ބުރުއާރާނެ ކަަމަށް ގަބޫލުނުކުރައްވާ ކަަމަށް މައުމޫން ވިދާޅުވިއެވެ. އަދި އިންޑިއާއަކީ ރާއްޖޭގެ އެންމެ މުހިންމު ތަހުމަތްތެރިއާކަމަށާއި އިންޑިއާކަނޑުގެ ހަމަޖެހުމަށް މި ސަރަހައްދުގެ ހުރިހާ ގައުމަކުންވެެސް އެދޭކަމަށް މައުމޫން ވިދާޅުވިއެވެ.

"އަޅުގަނޑަށް ވަރަށް ބޮޑަށް އިތުުބާރު އެބައޮތް މި ސަރުކާރުން އިންޑިއާކަނޑުގެ ހަމަޖެހުން ގާއިމްކުރުމުގެ ގޮތުން މަސައްކަތް ކުރާނެ ކަމުގެ. އިންޑިއާއާ އެހެނިހެން ގައުމުތަކުގެ މަސްލަހަތާމެދު އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނާނަން" މައުމޫން ވިދާާޅުވިއެވެ.

އިންޑިއާއާ ވާދަވެރި ޗައިނާއިން ރާއްޖޭގައި ހިންގި މަޝްރޫއުތަކަށް އަލިއަޅުވާލައްވައި މައުމޫން ވިދާޅުވީ، ޗައިނާއިން ހިންގި ތަރައްގީގެ މަޝްރޫއުތައް ބަލައިގަންނަ ކަަމަށެވެ. އެހެންނަމަވެސް އެ މަޝްރޫއުތަކުން ރާއްޖޭގެ ދަރަނި ބޮޑުވެފައިވާތީވެ އެކަމާ ކަންބޮޑުވެލައްވާ ކަމަށާއި އަދި އެކަންތައް ބަލަން ޖެހޭ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންގެ އިހްސާސްތައް ޗައިނާއިން ބަލައިގަންނާކަމުގެ ޔަގީންކަން އެބައޮތްކަމަށް މައުމޫން ވިދާޅުވިއެވެ.