ކޯލިޝަން ސަރުކާރު ތަކުގައި ކުރިން ޖުމްހޫރީ ޕާޓީ އިން ހެދި މިސްޓޭކް މިފަހަރު ކޯލިޝަންގައި ހަދައިގެން ނުވާނެ ކަމަށް އެ ޕާޓީގެ ލީޑަރު ކަމަށް މިރޭ އިންތިޚާބުވެ ވަޑައިގެންނެވި ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިރޭ އެ ޕާޓީ އިން ލީޑަރަކު ހޮވަން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ލީޑާޝިޕާ ހަވާލުވެވަޑައިގަތުމަށްފަހު ކައުންސިލް މެމްބަރުންނާ މުޚާތަބު ކުރައްވައި ގާސިމް ވިދާޅުވީ ކޯލިޝަން ސަރުކާރާ އެކު ކުރިއަށްދިޔުމުގެ މުހިންމުކަން އެ ޕާޓީން މީގެކުރިން ބައިވެރިވި ދެ ކޯލިޝަން ސަރުކާރުގެ ތަޖުރިބާ އިން އެނގިގެން ހިނގައްޖެ ކަމަށެވެ. އަދި އެކުށް ތަކުރާރުކުރާ ބަޔަކަށް އެޕާޓީ ވެގެންނުވާނެ ކަމަށް އެނާ ވިދާޅުވި އެވެ.

ޖޭޕީގެ ލީޑަރަކު އިންތިހާބު ކުރަން ބޭއްވި ކައުންސިލް ބައްދަލުވުމުގެ ތެރެއިން، ގާސިމްގެ ދެކަނބަލުން -- ސަންފޮޓޯ/ފަޔާޒް މޫސާ

"އެ މިސްޓޭކް ދެން އަޅުގަނޑުމެން ހަދާއިގެން ނުވާނެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއެކު މި ސަރުކާރުގެ ފަސް އަހަރު އޮމާންކަމާ އެކު މިކުރާ ފަހި ދަތުރުގައި އަޅުގަނޑުމެން ވަރަށް ސާބިތުކަމާ އެކު ތިބެން ޖެހޭނެ،" މިދިޔަ ދެ ރިޔާސީ އިންތިހާބުގައިވެސް ކޯލިޝަން ސަރުކާރުގެ ޕާޓްނާރަކަށްވެ ކޯލިޝަންގެ ނާކާމިޔާބާ ކުރިމަތިލާން ޖެހުނު ޖޭޕީ ގެ ލީޑަރު ގާސިމް ވިދާޅުވި އެވެ.

މިރޭ އެޕާޓީގެ 61 ކައުންސިލް މެމްބަރުންގެ އިއްތިފާގުން ލީޑަރުކަމަށް ވަޑައިގެންނެވި ގާސިމް ވިދާޅުވީ އެމްޑީޕީ ފިޔާވާ ކޯލިޝަންގެ ބޮޑު ޕާޓްނަރަކީ އެޕާޓީ ކަމަށް ވީހިދު އެ ޕާޓީ އުފުލަން ޖެހިފައިވާ މަސްއޫލިއްޔަތު ބޮޑު ކަމަށާއި ކޯލިޝަނަށް "ހަލަބޮލިކަން" އަންނާނެ އެއްވެސް ކަމެއް ޖޭޕީން ކޮށްގެން ނުވާނެ ކަމަށެވެ.

ވެރިކަން ހޯދުމަށް ވުރެ ވެރިކަން ދަމަހައްޓާ ނެގެހެއްޓުމަކީ އުދަގޫކަމެއް ކަމަށާއި ކުރިޔަށް އޮތީ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކަމުން އެކަމަށް ވެސް ވިސްނުން ބަހައްޓަވައިގެން މަސައްކަތްތަކެއް ކުރަން ޖެހިފާވާ ކަމަށެވެ.

އަޅުގަނޑުމެން ކަންތައްތަކާއި ދެބަސް ވަނީ ވެސް އެއްބަސް ވެގެން،. ކަންތައްތަކުގައި އެއްބަސް ވާނީވެސް އެއްބަސް ވެގެން،" ގާސިމް ވިދާޅުވި އެވެ.

ވަރަށް އުފާވެރިިކަމާއި ހިނިތުންވުމާ އެކު ކައުންސިލް މެމްބަރުނާއި މުހާތަބު ކުރައްވާ ގާސިމް ވިދާޅުވީ ކޮންމެ ރިޔާސީ އިންތިހާބަކަށް ފަހު ޖޭޕީ "ހައިބަނޭޝަން" ނުވަތަ އެކްޓިވްކޮށް ނޯންނަ ކަމަށާއި ނަމަވެސް މިފަހަރު ޖޭޕީ ވަރަށް އެކްޓިވް ވާނެ ކަމަށް ވިދާޅުވި އެވެ.