ބޮލީވުޑް އެކްޓަރު އަރްޖުން ކަޕޫރު އާއި ބަތަލާ މަލައިކާ އަރޯރާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ވާހަކަ ދެކެވޭތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. އެ ގުޅުމުގެ ވާހަކަ ދޭތެރެއަކުން ގަދަވެފައި އަނެއްކާވެސް އަޑު ކެނޑިގެން ދެއެވެ.

އެ ޖޯޑު އަނެއްކާވެސް މިވަނީ ސުރުޚީ ތަކުން ޖާގަ ހޯދަން ފަށައިފަ އެވެ. އަރްޖުން އާއި މަލައިކާގެ ގުޅުމުގެ ވާހަކަ މިފަހަރު ފެށުނީ މިލާންގެ އެއާޕޯޓަކުން ދެމީހުން އަތުގައި ހިފައިގެން ނުކުންނަ މަންޒަރު ކެމެރާތަކަށް އެރުމާ ގުޅިގެންނެވެ. އަދި ފަހަކަށް އައިސް ދެމީހުން އެކުގައި ޕާޓީތަކުން ވެސް ފެންނަމުން ދާތީ އެވެ.

ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ވާހަކަ ދެކެވުން ނަމަވެސް، މަލައިކާ އަދި އަރްޖުން ވެސް އެ ގުޅުމަށް އެއްބަސްވެފައެއް ނުވެ އެވެ. އަދި މަލައިކާ ވަނީ އަރްޖުން އަކީ ހަމައެކަނި ގާތް އެކުވެރިއެއް ކަމަށް ވެސް މީގެ ކުރިން ބުނެފަ އެވެ.

ނަމަވެސް ދެމީހުންގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، މިހާރު ކައިވެންޏާ ދިމާލަށް މިސްރާބު ޖަހައިފައިވާ ކަމަށް ހަބަރުތައް މިވަނީ ބުނަން ފަށައިފަ އެވެ. ރިޕޯޓުތައް ބުނާގޮތުން އަންނަ އަހަރު ކައިވެނި ކުރަން އަރްޖުން އާއި މަލައިކާ މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މަލައިކާ ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފަ އެވެ. ބޮލީވުޑް އެކްޓަރު އަދި ޑައިރެކްޓަރު އަރްބާޒް ޚާން އާ މަލައިކާގެ ކައިވެނި ރޫޅުނީ މީގެ ދެ އަހަރު ކުރިންނެވެ. 18 އަހަރު ވާން ދެން ކުރިޔަށް ދިޔަ އެ ކައިވެންޏަށް ފިރިހެން ކުއްޖަކު ވެސް ވަނީ ލިބިފަ އެވެ.