29 Oct 2018, 08:29
ހޮނިހިރު ނިމިގެން ދިޔަ 'ވޯގް ވިމެން އޮފް ދަ އިޔާ 2018' އެވޯޑު ހަފްލާގައި ދިން ޔޫތު އައިކޮން އޮފަ ދަ އިޔާގެ އެވޯޑު ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓް ހޯދައިފި އެވެ. މިއީ އާލިއާ ޔޫތު އައިކޮން އަކަށް ހޮވުނު ދެވަނަ ފަހަރެވެ.
ބޮލީވުޑްގެ ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވި އެ ހަފްލާގައި އާލިއާއަށް އެވޯޑު ހަވާލުކޮށްދިނީ އޭނާގެ ބައްޕަ އަދި ކާމިޔާބު ޑައިރެކްޓަރު/ޕްރޮޑިއުސަރު މަހޭޝް ބަޓް އެވެ.
އާލިއާ ވަނީ އެއީ އޭނާގެ ބައްޕަ އަތުން ލިބުނު ފުރަތަމަ އެވޯޑުކަން ފާހަގަކޮށް އެކަމާ ވަރަށް ބޮޑަށް އުފާވާ ކަމަށް ބުނެފަ އެވެ. އަދި ހަގީގީ "އައިކޮން" އަކީ އޭނާގެ ބައްޕަ ކަމަށް ބުނެ މަހޭޝް އަށް އާލިއާ ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ.
އެހެން އެވޯޑުތަކަށް ބަލައިލާއިރު ވޯގް އިން ދިން އަހަރުގެ ސްޓައިލް އައިކޮންގެ އެވޯޑު ގެންދިޔައީ ކުޅަދާނަ ބަތަލާ ކަރީނާ ކަޕޫރު އެވެ. އަދި 'މޭން އޮފް ދަ އިޔާ' އެވޯޑު ލިބުނީ ރަންބީރު ކަޕޫރަށެވެ. އަހަރުގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު އުފުލައިލީ ފިލްމު "ރާޒީ" ގެ ޑައިރެކްޓަރު މޭގްނާ ގުލްޒާރެވެ.
ސްޓޭޖު މަތިން އިތުރު އެވޯޑުތައް އުފުލައިލި ތަރިންގެ ތެރޭގައި ދެން ހިމެނެނީ ރާދިކާ އަޕްޓޭ، ވިކީ ކޯޝަލް އަދި އާޔޫޝްމަން ޚުރާނާ އެވެ.
ވޯގް އެވޯޑު ހަފްލާގައި އާލިއާ، ކަރީނާ، ޖާންވީ ކަޕޫރު، އިޝާން ކައްތަރު، ކަރިސްމާ ކަޕޫރު، ކިއާރާ އަދްވާނީ، ފާތިމާ ސަނާ، ޕްރިތީ ޒިންތާ، ޖެކްލީން ފާނަންޑޭޒް، ކަރަން ޖޯހަރު އަދި މޯނީ ރޯއީ ފަދަ ތަރިން ބައިވެރިވި އިރު ރެޑް ކާޕެޓް މަތިން ވަރަށް ރީތި ފުރިހަމަ ހެދުންތަކެއް ފެނިގެން ދިޔައެވެ.