28 Oct 2018, 21:24
ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އިންތިޚާބުކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް ގާސިމް އިންތިޚާބުކޮށްފައި ވަނީ މިރޭ މާފަންނު ކުނޫޒުގައި ބޭއްވި އެ ޕާޓީގެ 124 ވަނަ ބައްދަލުވުމުގައި، ކައުންސިލްގެ އިއްތިފާގުންނެވެ.
ގާސިމް ލީޑަރު ކަމަށް ގެންނަން ފެންނަ ކަމަށް 61 ވޯޓު ވަނީ ލިބިފައެވެ. ލީޑަރު ކަމަށް ކުރިމަތިލެއްވީ ގާސިމް އެކަންޏެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުކަމުގެ މަގާމު ހުސްވީ ގާސިމަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވުމުންނެވެ. ބޭސްފަރުވާއަށް ވަޑައިގެންނެވިގޮތަށް ގާސިމް ޖަރުމަނުގައި ހުންނަވަނިކޮށް ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ވަނީ ޕާޓީއަށް ލީޑަރަކު އިންތިޚާބުކުރެވެންދެން ލީޑަރުގެ ބާރުތައް ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަނަށް ދިނުމަށް ފާސްކޮށްފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ގާސިމަށް ފަހިވީ އޭނާއަށް ކްރިމިނަލް ކޯޓުން އިއްވި ތިން އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލްކުރުމުންނެވެ.