އަންކަރާ(އޮކްޓޯބަރ 28) : އަންނަ އަހަރު 41.5 މިލިޔަން ޓޫރިސްޓުން ތުރުކީއަށް ޒިޔާރަތް ކުރާނެކަމަށް އެގައުމުން ލަފާކޮށްފިއެވެ.

ތުރުކީގެ ރިޔާސަތުން ބަލަހައްޓާ ޓޫރިޒަމާބެހޭ އަހަރީ ޕްރޮގްރާމްގައި ލަފާކޮށްފައިވާގޮތުން 2019 ވަނަ އަހަރު އެގައުމަށް 41.5 މިލިޔަން ޓޫރިސްޓުން ޒިޔާރަތްކޮށްގެން 35.5 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެއެވެ. ތުރުކީގެ ޓޫރިޒަމް ކުރިއެރުވުމަށް ފާއިތުވި ދިހަވަރަކަށް އަހަރު ކޮށްފައިވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެ މުއްދަތުގައި އެގައުމުގެ ފަތުރުވެރިކަންވަނީ އޭގެ ކުރިއާއަޅާބަލާއިރު 40 އިންސައްތައަށް އިތުރުވެފައެވެ.

ތުރުކީން ޓޫރިޒަމް ކުރިއެރުވުމަށް ފާއިތުވި ދިހަވަރަކަށް އަހަރު ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި އެކިފެންވަރާއި އެކި ލެވެލްގެ ހޮޓާތަކާއި ރެސޯޓްތަކާއި ގެސްޓް ހައުސްތައް ތަރައްގީކުރުމާއި މެޑިކަލް ޓޫރިޒަމް ފުޅާކުރުމާއި ދަތުރުފަތުރުގެ ނިޒާމުތައް ތަރައްގީކުރުމާއި ދަތުރުފަތުރު އަގުހެޔޮކުރުމުގެ އިތުރުން ޓޫރިޒަމްގެ އައު ވައްތަރުތައް ތައާރަފް ކުރުން ހިމެނެއެވެ. މީގެއިތުރުން ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ ތުރުކީ ރައްޔިތުންގެ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި މުޅި ގައުމުގެ ސާފުތާހިރުކަން އިތުރުކުރުމާއި ސަލާމަތީ ކަންކަން ވަރުގަދަ ކުރުމާއި ޓޫރިސްޓުންނަށް ދަތިވާގޮތަށްހުރި އެތައް ކަމެއް ލުއިފަސޭހަ ކުރުން ހިމެނެއެވެ.

މިދިޔައަހަރު ތުރުކީއަށް 39 މިލިޔަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު މިއަހަރުގެ މިހާތަނަށް 39.4 މިލިޔަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ. ތުރުކީގައިވާ އިސްލާމީ އާސާރީ އަދި ޙަޟާރީ ތަންތަނާއި އުސްމާނީ ހިލާފަތާ ގުޅިފައިވާ އިސްލާމީ އިމާރާތްކުރުމުގެ ފަންނުތަކަކީވެސް އެގައުމުގެ ފަތުރުވެރިކަމުގެ ތަރިކައިގެ ތެރޭގައި ހިމެނޭތަންތަނެވެ. މީގެއިތުރުން ކަނޑުގެ އަޑީގެ ޓޫރިޒަމާއި އިސްލާމިކް ޓޫރިޒަމްވެސް ތުރުކީގައި ވަރަށްބޮޑަށް ފުޅާކޮށްފައިވެއެވެ.

ތުރުކީއަކީ ދުނިޔޭގައި ޓޫރިޒަމްގެ ހަރަކާތްތައް އެންމެ ފުޅާ 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ދުނިޔޭގައި ޓޫރިސްޓުން އެންމެ ގިނައަދަދަކަށް ޒިޔާރަތް ކުރަނީ އަދިވެސް ފަރަންސޭސިވިލާތަށެވެ. އެގައުމަށް 2017 ވަނައަހަރުވެސް 82 މިލިޔަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރަނީ ސްޕޭން އަށެވެ. އެއީ އަހަރަކު 75.7 މިލިޔަން މީހުންނެވެ. ތިންވަނައަށް 75.5 މިލިޔަން މީހުންނާއެކު އެމެރިކާއެވެ. ހަތަރުވަނައަށް 60 މިލިޔަން ޓޫރިސްޓުންނާއެކު ޗައިނާއެވެ. ފަސްވަނައަށް 52.4 މިލިޔަން މީހުންނާއެކު އިޓަލީއެވެ. (އަނަތޯލިޔާ)