ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށްދިނުމަށް ސުޕްރީމް ކޯޓާއި ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހުގައި އިލްތިމާސް ކުރުމަށް އެދި މަޖިލީހަށް ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުގެ ކޮމީޓީއެއްގައި ދިރާސާ ކުރުމަށް ފޮނުވަން ފާސްކޮށްފި އެވެ.

މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. މައްސަލަ ހުށަހަޅުއްވަމުން އީވާ ވިދާޅުވީ ރައީސް ނަޝީދު މިހާރު ރާއްޖެ ވަޑައިގަންވަން ވެއްޖެ ކަމަށާއި ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއް ގޮތުގައި ކަމަށްވެސް ވާން ޖެހޭ ކަމަށެވެ.

އީވާ ވިދާޅުވީ ރައީސް ނަޝީދަށް ކުރީ ނުހައްގު ބޭއިންސާފު ޖަލު ހުކުމެއް ކަމަށް މުޅި ދުނިޔެ ހެކިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ހިނގާފައިވާއިރު އެކަމަށް ބަސް ބުނަންލިބި ރައްޔިތުންގެ މަޖިލީހުގައި ބަސް ނުބުނުމަކީ ނުކިއްސަރު ކަމެއް ކަމަށް އީވާ ވިދާޅުވި އެވެ.

އެމައްސަލާގައި މިއަދު މަޖިލީހުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 48 މެމްބަރުން ވަނީ ގަރާރު ބަލައި ގަތުމަށް ވޯޓު ދެއްވާފަ އެވެ. ނުފެންނަ ކަމަށް ފަސް މެމްބަރުން ވޯޓު ދިން އިރު ހަތަރު މެމްބަރަކު ވަނީ ވަކިގޮތަކަށް ވޯޓު ނުދޭން ނިންމާފަ އެވެ.

މަޖިލީހަށް ހުށަހެޅި ގަރާރުގައި އިގުރާރުވެފައިވަނީ ތިން ކަމެއް ބާތިލު ކުރުމަށެވެ.

  1. ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 13 އަހަރުގެ ޖަލު ހުކުމާއި،

  2. އެމަނިކުފާނު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގެން އެނބުރި ރާއްޖެ ވަޑައިގެންފައި ނުވާތީކަމަށް ބުނެ ކްރިމިނަލް ކޯޓުން 29 އޯގަސްޓް 2016 ގައި ނެރެފައިވާ ހައްޔަރު އަމުރާއި،
  3. 2010 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އޭރުގެ މުލަކު ދާއިރާގެ މެމްބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގާނޫނާ ހިލާފަށް ހައްޔަރުކުރިކަމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ޓެރަރިޒަމްގެ މައްސަލައެވެ.

އޭގެތެރެއިން ރައީސް ޔާމީނާ ގާސިމް ހައްޔަރު ކުރި މައްސަލާގައި އުފުލި ދައުވާ މިހާރު ވަނީ ބާތިލުކޮށްފަ އެވެ. އަދި ކްރިމިނަލް ކޯޓުން ކުރި 13 އަހަރުގެ ޖަލު ހުކުމް ރިވިއު ކޮށްދިނުމަށް ޕީޖީ އޮފީހުގެ ފަރާތުން މިއަދު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

އެ ގަރާރުގައި ބުނެފައިވަނީ ރައީސް ނަޝީދު 2015 ފެބްރުއަރީ 22 ގައި ހައްޔަރުކުރި ވަގުތުން ފެށިގެން 24 ގަޑިއިރު ފާއިތުވެގެން ދިޔައިރުވެސް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، ބަންދާމެދު ގޮތެއް ކަނޑައަޅާފައި ނުވާކަމަށެވެ. އަދި އެމަނިކުފާނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމެއް ނެތި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗާށް ޓެރަރިޒަމްގެ ދައުވާ އުފުލައި، މައްސަލަ ހިންގައި، ޓެރަރިޒަމްގެ ޝަރީއަތް ހިންގައި އަދި މައްސަލައިގެ އަޑުއެހުންތައް ކޮންމެ ދުވަހަކު ބާއްވައި، 19 ދުވަސް ތެރޭގައި ޝަރީއަތް ނިންމައި ހުކުމް ކުރީ އިޖުރާއީ އަދުލުވެރިކަން ކަށަވަރުކުރުމަކާ ނުލައި ކަމަށެވެ.

މީގެ އިތުރުން ގަރާރުގައި ބުނެފައިވަނީ އެމަނިކުފާނު ޖަލަށް ލީ މައްސަލަ އދގެ ވޯކިންގް ގްރޫޕު އޮން އާބިޓްރަރީ ޑިޓެންޝަނަށް މައްސަލަ ހުށަހެޅި އިރު، އެ ގްރޫޕުން ބެލި ބެލުމުގައި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާއި މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރުކޮށްދީފައިވާ ބައެއް އިންސާނީ ހައްގުތަކާއި އަސާސީ މިނިވްންކަން، ދިވެހި ސަރުކާރުން ރައީސް ނަޝީދުގެ ކިބައިން ނިގުޅައިގެންފައިވާކަމަށް އެ ގްރޫޕުން އަންގާފައިވާ ކަމަށެވެ.

ނަމަވެސް އެ ގްރޫޕުގެ ނިންމުން ދިވެހި ސަރުކާރުން ގަބޫލުނުކުރާކަމަށް ސަރުކާރުން ބުނި ނަމަވެސް، އދގެ ޗާޓަރާއި ހައްގުތަކާ ބެހޭ ދެ މުއާހަދާގައި ރާއްޖެއިން ބައިވެރިވެފައިވާތީ، އެކަންކަން ނުކުރާނެކަމަށް ބުނުމަކީ ދިވެހި ދައުލަތުގެ މައްޗަށް މަތިކޮށްފައިވާ ޒިންމާއާ ކަނޑައެޅިގެން ހިލާފުކަމެއް ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.