އަންކަރާ : (ސެޕްޓެމްބަރ 25) :ފައިލެޓަކާނުލާ ދަތުރުކުރާ މަތިންދާ ބޯޓު ތުރުކީއަށް ވިއްކަން އެމެރިކާ އެއްބަސްވެއްޖެ ކަމަށް ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެވެ.

ނިޔުޔޯކްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުރުދުޣާން ވިދާޅުވީ ދުޝްމަނުންގެ އަމާޒުތަކަށް ހަމަލާ ދިނުމުގެ ޤާބިލުކަން ލިބިފައިވާ ފައިލެޓަކާނުލާ ދަތުރުކުރާ މަތިންދާ ބޯޓު ހޯދުމުގެ ބޭނުމަކީ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ބޭނުންކުރުމެވެ.

ތުރުކީގައި ދިރިއުޅޭ ކުރުދީ ދަރިކޮޅުގެ މީހުންގެ ހައްޤުތައް ހޯދުމަށް މަސައްކަތްކުރާ ކުރުދީ ހަނގުރާމަވެރިންގެ ޕީކޭކޭ ޖަމާއަތަކީ އެމެރިކާ ގެންގުޅޭ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި ހިމެނޭ ޖަމާއަތެކެވެ. މީގެ 27 އަހަރުކުރިން ފެށުނު މިހަނގުރާމައިގާ މިހާތަނަށް 40 ހާސް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕީކޭކޭ ގެ ހަނުރާމަވެރިން ތުރުކީ ސިފައިންނަށް ހަމަލާދިނުމަށްފަހު ފިލައި ތިބެނީ ޢިރާޤުގެ ކުރުދިސްތާން ސަރަޙައްދުގެ ފަރުބަދަތަކުގައި ކަމަށް ތުރުކީ ބުނެއެވެ. ތުރުކީން ދާދިފަހުންވަނީ ކުރިން އިންޒާރުދޭ ރާޑަރ ސިސްޓަމެއް ނޭޓޯގެ ބޭނުމަށް ތުރުކީގައި ބެހެއްޓުމުގެ ހުއްދަ ދީފައެވެ. -- އަލްޖަޒީރާ