02 Jun 2010, 15:01
19:00
ކޮންމެ އަންގާރަ ދުވަހަކީ ކެބިނެޓް ދުވަހެއްގެ ގޮތުގައި ހަމަޖައްސައި ދެ ދަންފަޅިއަށް ކެބިނެޓް ޖަލްސާތައް ބާއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ނަޝީދު އެގޮތަށް ހަމަޖެއްސެވުމުން އިއްޔެ އިން ފެށިގެން ވަނީ ފުރަތަމަ ދަންފަޅީގައި ސަރުކާރުގެ މިނިސްޓްރީތަކުން ކުރައްވަމުން ގެންދަވާ ކަންތައްތަކުގައި، އެހެން މިނިސްޓްރީތަކުގެ އެއްބާރުލެއްވުން ހޯއްދެވުމާ ބެހޭ ގޮތުން ކުރާ މަޝްވަރާތައް ބާއްވަވައިފައި ކަމަށެވެ. އަދި ކޮންމެ އަންގާރަ ދުވަހެއްގެ މެންދުރުފަހުގެ ދަންފަޅީގައި ވާހަކަ ދައްކަވާނީ، ވަޒީރުންގެ މަޖިލީހުގެ ލަފާ ބޭނުންފުޅުވާ އެކި ކަންކަމާ ގުޅިގެން މިނިސްޓްރީތަކުން ހުށަހަޅުއްވާ މައްސަލަތަކާއި އަދި ހުށަހަޅުއްވާ އެކިއެކި ކަރުދާސްތަކާ ބެހޭ ގޮތުން ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ފުރަތަމަ ދަންފަޅީގައި މަޝްވަރާތައް ކުރިއަށް ގެންދެވީ ސަރުކާރުގެ މިނިސްޓްރީތަކުން މިހާރު ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، އެމަސައްކަތްތަކުގައި ކަމާ ބެހޭ މިނިސްޓްރީތަކުން ދޭން ޖެހޭ އެއްބާރުލުމާއި އެހީތެރިކަން ދިނުމާ ބެހޭ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މިހާރު ކުރަމުން ގެންދާ މައިގަނޑު މަސައްކަތްތަކާ ބެހޭ ގޮތުންނާއި، އެމަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެކި އިދާރާތަކުގެ އެހީތެރިކަން ހޯދުމާ ބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.