ފަނޑިޔާރުގެ އިސްލާހުކުރަން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރާ މަސައްކަތުގައި އެމަނިކުފާނުގެ އެންމެ ބޮޑު ބާރަކަށް ވާންޖެހޭނީ ރައްޔިތުންގެ މަޖިލިސް ކަމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލު ކުރުމަށް ސުޕްރީމް ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް އިލްތިމާސް ކުރުމަށް މަޖިލީހަށް ގަރާރު ހުށަހެޅުއްވީ އީވާ އެވެ. އެމައްސަލައަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވަމުން އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ނަމުގައި ބަސް ބުނަން އޮތްތަނެއް ކަމަށެވެ.

އެހެންވީމަ މަޖިލީހުގެ މެމްބަރުން ރައްޔިތުންގެ ނަމުގައި އެ ބުނާ ބަހަކީ އަގުހުރި ބަހަކަށް ހެދޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. އިސްލާހަށްޓަކައި އިބޫ ފައްޓަވާ މަސައްކަތުގައި ހައްގުބަސް ބުނަންޖެހޭނެ ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާ ކަމަށް އީވާ ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ހަތްވަނަ ރައީސްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހު ފަނޑިޔާރުގެ އިސްލާހު ކުރަން އެ ފައްޓަވާ މަސައްކަތުގައި އެމަނިކުފާނު ކުރައްވާނޭ މަސައްކަތުގައި އެމަނިކުފާނުގެ އެންމެ ބޮޑު އެއް އެހީއަކަށް އެންމެ ބޮޑު އެއް ބާރަކަށް ވާންޖެހޭނީ ހަމަ މި ދިވެހި ރައްޔިތުންގެ މަޖިލިސް،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ރައީސް ނަޝީދަށް ކުރީ ނުހައްގު ބޭއިންސާފު ޖަލު ހުކުމެއް ކަމަށް މުޅި ދުނިޔެ ހެކިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ހިނގާފައިވާއިރު އެކަމަށް ބަސް ބުނަންލިބި ރައްޔިތުންގެ މަޖިލީހުގައި ބަސް ނުބުނުމަކީ ނުކިއްސަރު ކަމެއް ކަމަށް އީވާ ވިދާޅުވި އެވެ.

އދ. ގެ ވޯކިންގް ގުރޫޕުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ވަގުތުން މިނިވަން ކުރުމަށް ގޮވާލާފައިވާ ކަމަށް އީވާ ވިދާޅުވި އެވެ. އަދި މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދާއި ގެއްލުވާލާފައި ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މައްސަލާގައި މިނިވަން ތަހުގީގެއް ހިންގުމަށްވެސް އދ. ގެ ވޯކިންގް ގުރޫޕުން ގޮވާލާފައިވާކަން އީވާ ފާހަގަ ކުރެއްވި އެވެ.

އީވާ ވިދާޅުވީ އެ ކަންކަމަކީ މިއަދު މަޖިލީހުގައި ހައްގުބަސް ބުނަންޖެހޭ ކަންކަން ކަމަށެވެ.

"މިއަދަކީ އަޅުގަނޑުމެންނަށް މިކަމާ ރަނގަޅަށް ބަހުސްކޮށް މިކަމާ ރަނގަޅަށް ބަސް ބުނެ. މިކަމާ އަޅުގަނޑުމެންނަށް ވޯޓު ލައިގެން ދިވެހިރައްޔިތުންގެ ނަމުގައި ހަގުބަސް ބުނަން ފުރުސަތު ލިބުނު ދުވަސްވީމާ މިހުރިހާ ކަމަކަށް އަޅުގަނޑުމެން ޖެހޭނީ ހައްގުބަސް ބުނަން،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ރައީސް ނަޝީދު އަނބުރާ ރާއްޖެ ވަޑައިގަންނަވަން ވެއްޖެ ކަމަށެވެ. އަދި ވަޑައިގަންނަވަން ޖެހޭނީވެސް މިނިވަނެއްގެ ގޮތުގައި ކަމަށެވެ.

ރާއްޖޭގައި ބޭއިންސާފުން ހިނގާފައި ހުރި ހުރިހާ ކަމަކަށް އިންސާފު ލިބެންޖެހޭކަން އީވާ ފާހަގަކުރި އެވެ. އެއީ މި ފަސް އަހަރު ދުވަހުގެ ތެރޭގައި ހިނގި ވައްކަމައް އިންސާފު ލިބި ސިޔާސީ ކުޅިވަރުގެ ތެރެއަށް 'ގަންބާލާގައި' އޮތް އަދުލު އިންސާފުގެ ނިޒާމުވެސް މިނިވަން ވާން ޖެހޭ ކަމަށް އީވާ ވިދާޅުވި އެވެ.