އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސް ކަމުގެ ހުވާ ކުރައްވާ ދުވަހަކީ 17 ނޮވެމްބަރު ކަމަށް މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރާ ޖަލްސާ ބާއްވާނެ ދުވަހެއްގެ މައްސަލައަކީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހެޅި މައްސަލައެކެވެ. އެ މައްސަލަ ދިރާސާކުރަން މިއަދު ވަނީ މަޖިލީހުގައި ހަތް މެމްބަރުންގެ ހާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ.

އެކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ 17 ނޮވެމްބަރުގައި އިންތިހާބީ ރައީސް ހުވާ ކުރުމަށް ކަމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވިއެވެ.

ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން 2013 ވަނަ އަހަރުގެ 17 ނޮވެމްބަރުގައި ރައީސްކަމުގެ ހުވާ ކުރެއްވީ ފަސް އަހަރުގެ މުއްދަތަށް ކަމަށް އެނގެން އޮންނަ ކަމެވެ.

އެކަން އެހެން އޮންނާތީ 11 ނޮވެމްބަރުގައި ހުވާކުރުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅު ނުވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ކޮމިޓީން ނިންމި ނިންމުމަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހުން މިއަދު ހަތަރެއް ޖަހާއިރަށް ތާވަލުކޮށްފައިވާކަމުގެ މައުލޫމާތެއް ވަނީ ލިބިފައެވެ.

އިންތިހާބީ ރައީސް ހުވާ ކުރައްވާ ދުވަހާ ބެހޭގޮތުން މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި ބަހުސް ކުރައްވަމުން އިންތިހާބީ ރައީސް އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެމަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވީ ގާނޫނު އަސާސީއާ ހިލާފަށޭ އެއްވެސް ޒަމާނަކުން މީހަކު ބުނަން ބޭނުން ނުވާ ކަމަށެވެ.

"އެއްވެސް ޒަމާނެއްގައި މީގެ ފަހުން އެއްވެސް ދުވަހެއްގައި މިފެށޭ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ އަޅުގަނޑު ކުރީ ގާނޫނު އަސާސީއާ ހިލާފަށޭ ބުނާނެ ޖާގަ ދޭކަަށް އަޅުގަނޑު އަމިއްލަ ނަފްސަކަށް ގަބޫލެއް ނުކުރެވޭ،" އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

އެހެންވީމާ އެމަނިކުފާނަށް ފެންނަނީ އޭގައި "ނިންމެން އޮތް އެންމެ ފަހުގެ ނިންމުން ނިންމަން" ކަމަށް އިބޫ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމި ނަމަވެސް ކޮންމެވެސް ދުވަހަކުން ސުޕްރީމް ކޯޓަށް އެ މައްސަލަ ގެންގޮސް ގޮތެއް ނިންމާތަން ދެކެން ނޭދޭކަމަށް އިބޫ ވިދާޅުވިއެވެ.