މަޖިލިސް މަަސައްކަތްތައް ދެ މަސްދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން ހުއްޓުމަކަށް އައިސްފައި އޮތުމަށް ފަހު މަޖިލިސް ޖަލްސާއެއްގެ ހަގީގީ ސިފަ މިއަދު ފެނިގެން ގޮސްފިއެވެ.

މީގެ ކުރިން ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ ފުލް މެޖޯރިޓީ އޮތް އިރު މަޖިލީހުގެ ޖަލްސާތައް ހިނގައި ދިޔައީ އެންމެ ރަނގަޅަށް ނޫންކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދުގެ ޖަލްސާގައި --- ފޮޓޯ/ މަޖިލިސް

މީގެ ދުވަަސްތަކެއް ކުރިން މަޖިލިސް ފެނިގެން ދިޔައީ ވަރަށް ބޮޑަށް ސަރުކާރުން ބޭނުންވާ ބިލެއް ހުށަހަޅައި، މާ ބޮޑު ބަހުސް ކުރުމަކަށް ފުރުސަތު ނުދީ ހެނދުނު ވައްދާ ބިލް މެންދުރު ފާސް ވެގެންދާ "ރަބަރު ތައްގަނޑު ޖަހާ ތަނެއް"ގެ ގޮތުގައެވެ. އަދި ބަހުސް ކުރުމަށް ލިބޭ ފުރުސަތުތަކުގައި ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ގިނައިން ދައްކަވަނީ ސަރުކާރަށް ސަނާ ވިދާޅުވުމުގެ ވާހަކަތަކެވެ.

ނަމަވެސް މިއަދު ހެނދުނާއި ހަވީރު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާތަކުގެ ތެރެއިން ފެނިގެން ދިޔައީ އުފެއްދުންތެރި ފާޑު ކިޔުމާއި ހިޔާލު، ކޮންމެ ޕާޓީއަކުންވެސް ކިޔާ ޝައުގުވެރި ބަހުސް ކުރި ތަނެވެ. ޕީޕީއެމެއް، އެމްޑީޕީއެއް ޖުމްހޫރީ ޕާޓީއެއް ތަފާތެއް ނެތިއެވެ.

"މިނިވަންކަމުގެ އިހުސާސް"

މިއަދު ހެނދުނުގެ ޖަލްސާގައި މެމްބަރުން ބަހުސްކުރެއްވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރައްވާ ދުވަހާ ގުޅޭގޮތުންނެވެ. ހަވީރުގެ ޖަލްސާގައި ބަހުސްކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމާ ބެހޭގޮތުން މަޖިލީހަށް ލާފައިވާ ގަރާރަކާ ގުޅޭގޮތުންނެވެ.

ހަވީރުގެ ޖަލްސާގައި އެ ގަރާރު ހުށަހަޅުއްވައި ދެއްވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މިއަދަކީ ހައްގު ބަސް ބުނަން ފުރުސަތު ލިބުނު ދުވަހެއް ކަމަށެވެ.

"މިއަދަކީ އަޅުގަނޑުމެންނަށް މިކަމާ ރަނގަޅަށް ބަހުސްކޮށް މިކަމާ ރަނގަޅަށް ބަސް ބުނެ، މިކަމާ އަޅުގަނޑުމެންނަށް ވޯޓު ލައިގެން ދިވެހިރައްޔިތުންގެ ނަމުގައި ހަގުބަސް ބުނަން ފުރުސަތު ލިބުނު ދުވަސްވީމާ މިހުރިހާ ކަމަކަށް އަޅުގަނޑުމެން ޖެހޭނީ ހައްގުބަސް ބުނަން،" އީވާ ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ 2018 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 1 ވަނަ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ / އަހުމަދު އަވްޝަން އިލްޔާސް

މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ ގިނަ ދުވަސްތަކަކަށްފަހު މަޖިލީހުގެ ޖަލްސާއެއްގައި ތެދުވެވަޑައިގެން އެއްޗެއް ވިދާޅުވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އުފާވާކަމަށެވެ.

މެމްބަރުން ވަނީ މަޖިލިސް އަލުން ފެށުމުން ޓްވިޓާގައިވެސް ހިޔާލު ފާޅުކުރައްވައިފައެވެ. ހިތަދޫ ދެކުނު ދާއިރަގެ މެމްބަރު އަލީ ނިޒާރު ވިދާޅުވީ މަޖިލީހުގެ މާހައުލުން ކުރެވެނީ މިނިވަންކަމުގެ އިހުސާސްކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ވިދާޅުވީ މިއީ އާ ފެށުމެއް ކަމަށެވެ.

"ދަތި އުނދަގޫ އަހަރުތަކަކަށްފަހު އުންމީދާއެކު މަޖިލީހުގައި. އިރާދަކުރެއްވިއްޔާ މިއީ އާ ފެށުމެއް. ތަޅެއް ނެތް، ސިފައިންނާއި ފުލުހުން ނެތް، ބިރެއްވެސް ނެތް،" މަހުލޫފް ވިދާޅުވިއެވެ.

އުފެއްދުންތެރި ބަހުސްތަކެއް

މިއަދު ހެނދުނު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މައިގަނޑު ގޮތެއްގައި ބަހުސްކުރެވިގެން ދިޔައީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާކުރައްވާ ދުވަހަކާ މެދު ގޮތެއް ނިންމުމެވެ.

ރައްޔިތުން މަޖިލީހުގެ 2018 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 1 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އިންތިހާބީ ރައީސް އިބޫ ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގަންނަވަނީ -- ސަން ފޮޓޯ / އަހުމަދު އަވްޝަން އިލްޔާސް

އެ މައްސަލައިގައި ޕީޕީއެމްގެ މެމްބަރުން ބަހުސް ކުރައްވަމުން ވަނީ، މިހާރުގެ ރައީސް އަބްދުﷲ ޔާމީނުގެ ރިޔާސީ ދައުރު ހަމަވާނީ ނޮވެމްބަރު 17 ގައި ކަމުން، އިންތިހާބީ ރައީސް ހުވާކުރައަން ޖެހޭ ތާރީހަކީ އެ ދުވަސްކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުލްރަހީމާއި، އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު އަދި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ހިމެނިވަޑައިގަންނަވައެވެ.

ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފުވެސް ވަނީ، އިންތިހާބީ ރައީސް އިބޫ ލައްވާ މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އަލީ އާރިފް: އޭނާ ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ ދައުރު ފުރިހަމަ ކުރުމަށް ފުރުސަތު ދޭން ޖެހޭ ކަމަށް --- ފައިލް ފޮޓޯ: މަޖިލިސް

އެ ބަހުސްގައި އިންތިހާބީ ރައީސް އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެމަނިކުފާނު ރައީސް ކަމުގެ ހުވާ ކުރެއްވީ ގާނޫނު އަސާސީއާ ހިލާފަށޭ އެއްވެސް ޒަމާނަކުން މީހަކު ބުނަން ބޭނުން ނުވާ ކަމަށެވެ. އެ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް މަޖިލީހުން މިއަދު ކޮމިޓީއެއް ނެގި އިރު، އެ ކޮމިޓީން ނިންމީ އިބޫގެ ރިޔާސީ ހުވާކުރެއްވުން ނޮވެމްބަރު 17 ވަނަ ދުވަހު ބޭއްވުމަށެވެ.

ރައްޔިތުން މަޖިލީހުގެ 2018 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 1 ވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ / ރައްޔިތުން މަޖިލީސް

މިއަދު ހެނދުނާއި ހަވީރުވެސް މަޖިލީހުގެ ޖަލްސާތައް އޮތް އިރު، އެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ހަތަރު މެމެބަރުންވެސް ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ.

އަދި ޖަލު ހުކުމްތަކެއްގައި ތިއްބެވުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގެންނެވުނު މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ދިއްގަރު ދާއިރާގެ މެމްބަރު ފަރިސް މައުމޫނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފުވެސް މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.