25 Sep 2011, 07:40
ޗަންދިޕޫރު : (ސެޕްޓެމްބަރ 25) : ނިއުކްލިޔަ ހަތިޔާރު އުފުލުމުގެ ޤާބިލްކަން ލިބިފައިވާ ބެލަސްޓިކް މިސައިލެއް އިންޑިޔާއިން ތަޖްރިބާކޮށްފިއެވެ. އިއްޔެ ހެނދުނުގެ ވަގުތެއްގައި އިންޑިޔާއިން މިތަޖްރިބާ ކޮށްފައިވަނީ އެޤައުމުގެ އިރުމަތީގެ ސްޓޭޓެއް ކަމަށްވާ އޮރިއްސާގެ ޗަންދިޕޫރުގައި ހުންނަ މިސައިލް ބޭހަކުން ކަމަށް ޕްރެސް ޓްރަސްޓް އޮފް އިންޑިޔާ ބުނެއެވެ.
ބިމުން ބިމަށް ފޮނުވާ ޗޯރިޔާ މަރުކާގެ މިމިސައިލަކީ އަޑަށްވުރެ ހަ ގުނަ ބާރަށް ދަތުރުކުރާ އަދި އެއްޓަނުގެ ބަރުދަންހުރި ނިއުކްލިޔަ ބޮމެއް އުފުލުމުގެ ޤާބިލްކަން ލިބިފައިވާ މެދުރާސްތާގެ މިސައިލެކެވެ. އިންޑިޔާގެ ދިފާޢީ ވުޒާރާ އާ ޙަވާލާދީ ޕްރެސް ޓްރަސްޓް އޮފް އިންޑިޔާ ބުނިގޮތުގައި މިއީ ވަރަށް ތިރިންވެސް ދަތުރު ކުރުމުގެ ޤާބިލްކަން ލިބިގެންވާ މިސައިލެކެވެ.
މިއީ ޗޯރިޔާ މަރުކާގެ މިސއިލްގެ އަޖުމަ ބެލުމަށް ކުރެވުނު ދެވަނަ ތަޖްރިބާއެވެ. މިމަރުކާގެ މިސައިލްގެ ފުރަތަމަ ތަޖްރިބާ އިންޑިޔާއިން ކޮށްފައިވަނީ 2008 ގެ ނޮވެމްބަރ 12 ވަނަ ދުވަހުއެވެ. މި މަރުކާގެ މިސައިލަށް ކިޔަނީ ކޭ 15 އެވެ. އެއްގަމުން ފޮނުވާ މިސައިލަށް ކިޔަނީ ޗޯރިޔާއެވެ. -- ރޮއިޓާސް