އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރައްވާ ދުވަހަކީ ނޮވެމްބަރު 11 ކަމަށް ހެދުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ މަޖިލީހަށް ބަލައިގަނެ ހަތް މެމްބަރުންގެ ހާއްސަ ކޮމިޓީއަކަށް ފޮނުވައިފިއެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރައްވާ ދުވަހަކީ 17 ތޯ ނުވަތަ ތޯ ވަނީ ސުވާލު އުފެދިފައެވެ.

މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މަޖިލީހަށް ހުށަހެޅުއްވީ ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް އެ މައްސަލަ ހުށަހަޅައި އިތުރަށް ދިރާސާ ކުރުމަށެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުއެވެ.

އެގޮތަށް އެކަން ކުރުމަށް މަޖިލީހުގެ 68 މެމްބަރަކު ވަނީ ވޯޓު ދީފައެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

އެ މައްސަލަ ދިރާސާ ކުރަން އެކުލަވާލި ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރުން އަބްދުﷲ ޝާހިދާއި، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދާއި ކަނޑިތީމު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދާއި މަތިވެރި ދާއިރާގެ މެމްބަރު މުހައްމަދު ހުސައިނާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރެވެ.

އެ ކޮމިޓީ އެގޮތަށް އެކުލަވާލަން ފެންނަ ކަމަށް 68 މެމްބަރުން ވަނީ ވޯޓު ދީފައެވެ. އަދި ވަކިގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވިއެވެ. މަޖިލީހަށް މިއަދު ހާޒިރުވީ 72 މެމްބަރުންނެވެ.

އިންތިހާބީ ރައީސް ހުވާ ކުރައްވާ ދުވަހާ ބެހޭގޮތުން މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި ބަހުސް ކުރައްވަމުން އިންތިހާބީ ރައީސް އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެމަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވީ ގާނޫނު އަސާސީއާ ހިލާފަށޭ އެއްވެސް ޒަމާނަކުން މީހަކު ބުނަން ބޭނުން ނުވާ ކަމަށެވެ.

"އެއްވެސް ޒަމާނެއްގައި މީގެ ފަހުން އެއްވެސް ދުވަހެއްގައި މިފެށޭ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ އަޅުގަނޑު ކުރީ ގާނޫނު އަސާސީއާ ހިލާފަށޭ ބުނާނެ ޖާގަ ދޭކަަށް އަޅުގަނޑު އަމިއްލަ ނަފްސަކަށް ގަބޫލެއް ނުކުރެވޭ،" އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

އެހެންވީމާ އެމަނިކުފާނަށް ފެންނަނީ އޭގައި "ނިންމެން އޮތް އެންމެ ފަހުގެ ނިންމުން ނިންމަން" ކަމަށް އިބޫ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމި ނަމަވެސް ކޮންމެވެސް ދުވަހަކުން ސުޕްރީމް ކޯޓަށް އެ މައްސަލަ ގެންގޮސް ގޮތެއް ނިންމާތަން ދެކެން ނޭދޭކަމަށް އިބޫ ވިދާޅުވިއެވެ.