28 Oct 2018, 14:06
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިނުގެންފާނެ ކަމަށް އެގައުމުގެ މީޑިއާއަކުން ބުނެފި އެވެ.
މިދިޔަ މަހުގެ 23ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބޫ ވަނީ މޯދީ އަށް ހުވާ ކުރުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވައިފަ އެވެ. "ދި ވަޔާ"ގައިވާ ގޮތުން މޯދީއަށް އަނގަ ބަހުން އެދައުވަތު އަރުވާފައިވީ ނަމަވެސް ރާއްޖެ އިން ރަސްމީ ގޮތެއްގައި އަދި ދައުވަތު ފޮނުވާފައެއް ނުވެ އެވެ.
އަދި ރާއްޖެއަށް މޯދީ ވަޑައިގަންނަވާނެކަން އިންޑިއާ އިން ނިންމާނީ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވާ ލީޑަރުންގެ ލިސްޓު އެނގުމުން ކަމަށް ވެސް އެެ ނޫހުގައިވެ އެވެ. އެގޮތުން ބޭރު ގައުމުތަކުގެ ލީޑަރުން އެލިސްޓުގައި ގިނަ ނަމަ، އިބޫ ހުވާ ކުރުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިނުގެންނެވުމަކީ އެކަށީގެންވާ ކަމެކެވެ.
"އެންމެންނަށް ދައުވަތު އަރުވާ ނަމަ، ދެން ޕްރޮޓޮކޯލުގެ ދަށުން، އިންޑިއާގެ ބޮޑުވަޒީރު ވާނީ ގިނަ ބޭފުޅުންގެ ތެރެއިން އެކަކަށް (މޯދީ ހާއްސައެއް ނުވާނެ)،" އިންޑިއާގެ އޮފިޝަލަކު ވިދާޅުވި އެވެ.
ރާއްޖެއަކީ ފާއިތުވި ހަތަރު އަހަރާއި ބައިގެ ތެރޭގައި މޯދީ ވަޑައިނުގަންނަވާ ސައުތު އޭޝިއާގެ ހަމައެކަނި ގައުމެވެ. އެހެންކަމުން އިންޑިއާއިން ބޭނުން ވަނީ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ހަމައެކަނި ދެގައުމު ބައިވެރިވާ ދަތުރުފުޅަކަށް ވުން ކަމަށް ވަޔާގައިވެ އެވެ.
މީގެ އިތުރުން، ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ބައިވެރިވާ ނަމަ، އެއީ ވެސް މޯދީ ރާއްޖެއަށް ވަޑައިނުގަންނަވަން ނިންމަވާ ސަބަބަކަށް ވެގެން ގޮސްދާނެ ކަމަށް ދި ވަޔާގައިވެ އެވެ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރައްވާ ދުވަހަކީ ނޮވެމްބަރު 11 ކަމަށް ހެދުމަށް މަޖިލީހަށް މިހާރު މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. އެމައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަފުޅުދައްކަވަމުން އިބޫ ވަނީ، ހުވާ ކުރާ ދުވަސް ކަނޑައަޅަން ކޯޓަށް ދާން ބޭނުންވާ ފަދަ އިޝާރާތެއް މިއަދު ކުރައްވައިފަ އެވެ.