ސްރީލަންކާގެ ބޮޑުވަޒީރުކަމުން ކުއްލި ގޮތަކަށް މިދިޔަ ހުކުރު ދުވަހު ދުރުކުރި ރަނިލް ވިކްރަމަސިންހަގެ އެންމެހާ ހައްގުތައް ކަށަވަރުކޮށްދީ، ޑިމޮކްރަސީގެ މަގުން މަސައްކަތްކުރުމަށް އެގައުމުގެ ރައީސް މައިތުރިޕާލަ ސިރިސޭނާއަށް، ގާނޫނު ހަދާ މަޖިލީސް ރައީސް އިލްތިމާސްކުރައްވައިފިއެވެ.

އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސްގެ ރައީސް ކަރު ޖަޔަސޫރިޔާ މިއަދު ރައީސް ސިރިސޭނާއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އޮތީ ކޮންބަޔަކަށްކަން ޔަގީންވަންދެން ރަނިލްގެ އެންމެހާ ހައްގުތަކާއި އިނާޔަތްތައް ކަށަވަރުކޮށްދެއްވުމަށެވެ.

ރަނިލްގެ ޕާޓީ، ޔޫއެންޕީއަށް ނިސްބަތްވާ ޖަޔަސޫރިޔާ ވިދާޅުވީ ޕާލަމެންޓް ވަގުތީ ގޮތުން މިއަންނަ މަހު 16 ވަނަ ދުވަހާ ހަމައަށް މެދުކަނޑާލުމުން ގައުމުގެ ސިޔާސީ މަސްރަހު އިތުރަށް ހޫނުވެގެން ދާނެކަމަށާއި އެގޮތަށް މަސައްކަތް ނުކުރެއްވުމަށެވެ. އަދި އެގޮތަށް މަޖިލީސް ވަގުތީ ގޮތުން ހުއްޓާލެވޭނީ އޭނާއާވެސް މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށް ޖަޔަސޫރިޔާ ރައީސް ސިރިސޭނައަށް ފޮނުއްވި ސިޓީގައި ބުނެފައިވެއެވެ.

މަޖިލިސްގެ މެޖޯރިޓީ އޮތް ކަމަށް ދައްކުވައިދޭން ވީހާވެސް އަވަހަކަށް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ރަނިލް ވަނީ ރައީސް ސިރިސޭނާ އަދި މަޖިލީހުގެ ރައީސް ކިބައިން މިދިޔަ ހުކުރު ދުވަހު އެދިވަޑައިގެންފައެވެ.

ނަމަވެސް ސިރިސޭނާ އެ ފުރުސަތު ނުދީ ގާނޫނު އަސާސީން ރައީސަށް ލިބިދޭ ބާރުގެ ދަށުން ކަމަށް ބުނެ އިއްޔެއިން ފެށިގެން މި އަންނަ މަހު 16 ވަނަ ދުވަހާ ހަމައަށް ގާނޫނު ހަދާ މަޖިލިސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ލަންކާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެގައުމުގެ ރައީސް މައިތުރިޕާލަ ސިރިސޭނާ މިއަދު ގައުމާ މުހާތަބުކޮށް ވާހަކަދައްކަވާނެއެވެ.