28 Oct 2018, 12:51
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ 13 އަހަރުގެ ޖަލު ހުކުމް މުރާޖާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައެވެ. ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ)އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ)ގެ ދަށުނެވެ. އެ މައްސަލަ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅުކަމަށް ހައިކޯޓުންވެސް ވަނީ ނިންމާފައެވެ. އަދި އެ ހުކުމް ރަނގަޅުކަމަށް ސުޕްރީމް ކޯޓުންވެސް ވަނީ ބުނެ، ފަހު ބަސް އިއްވާފައެވެ.
މިއަދު ޕީޖީ އޮފީހުން ބުނީ ރައީސް ނަޝީދުގެ ހުކުމާ ގުޅޭ ގޮތުން ފާހަގަކުރެވޭ ބައެއް ކަންތައްތައް ބަލައިދިނުމަށް ބައެއް ފަރާތްތަކުން އެދެމުންދާ ކަމަށާއި އެކަމަކީ އާންމު މަސްލަހަތު ވަކި ދަރަޖައަކަށް ހިމެނޭ ކަމެއް ކަމަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓަކުން އިއްވާފައިވާ ހުކުމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް އިސްތިއުނާފުކުރަން ހުށަހެޅުމާއި، ގާނޫނު އަސާސީގެ އެންމެހާ ހަމަތަކާއި، ގާނޫނާއި، އެންމެހާ ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުން ބަޔާންކޮށްފައި އޮތްއޮތުމަށް ރިއާޔަތްކޮށް، ކްރިމިނަލް ކޯޓުން ނަޝީދުގެ މައްސަލައިގައި ކުރި ހުކުމާއި ހައިކޯޓުންނާއި ސުޕްރީމް ކޯޓުން އެ މައްސަލައާ މެދު ނިންމާފައިވާ ނިންމުންތައް މުރާޖާކުރުމަށް ސުޕްރީމް އެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި ރައީސް ނަޝީދުގެ އިސްތިއުނާފު މައްސަލައިގައި ރިޔާސަތު ބެލެހެއްޓެވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއެވެ. އެ މައްސަލައިގެން ބެންޗުގައި ދެން ހިމެނި ވަޑައިގެންނެވީ ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީއެވެ.
މިހާރު ރާއްޖެއިން ބޭރުގައި ދިިރިއުޅުއްވާ ނަޝީދު ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ. އޭނާ ރާއްޖެ ވަޑައިގަތުމަށްފަހު ޖަލު ހުކުމް ތަންފީޒުކުރައްވަން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެތޯ ގާނޫނީ ބަހުސްތަކެއް މިހާރު ދަނީ ކުރެވެމުންނެވެ.
ދެހާސް ދިހަވަނަ އަހަރު ރައީސް ޔާމީން ކ. އާރަށުގައި ހައްޔަރުކުރި މައްސަލައާ ގުޅިގެންވެސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރިއެވެ. އެ ދައުވާ ފާއިތުވި ހަފްތާގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ އަނބުރާ ގެންގޮސްފައެވެ.