ރައީސުލްޖުމްހޫރިއްޔާ ހުވާކުރާ ދުވަހާ މެދު ގޮތް ނިންމާއިރު އެންމެ ފަހުގެ ނިންމުން ނިންމައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ދާން ބޭނުންވާ ފަދަ އިޝާރާތެއް އިންތިޚާބީ ރައީސް އަދި މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކުރައްވައިފިއެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރައްވާ ދުވަހަކީ ނޮވެމްބަރު 11 ކަމަށް ހެދުމަށް މަޖިލީހަށް މިހާރު މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. އެ މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ އެމަނިކުފާނު ރައީސް ކަމުގެ ހުވާ ކުރެއްވީ ގާނޫނު އަސާސީއާ ހިލާފަށޭ އެއްވެސް ޒަމާނަކުން މީހަކު ބުނަން ބޭނުން ނުވާ ކަމަށެވެ.

"އެއްވެސް ޒަމާނެއްގައި މީގެ ފަހުން އެއްވެސް ދުވަހެއްގައި މިފެށޭ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ އަޅުގަނޑު ކުރީ ގާނޫނު އަސާސީއާ ހިލާފަށޭ ބުނާނެ ޖާގަ ދޭކަަށް އަޅުގަނޑު އަމިއްލަ ނަފްސަކަށް ގަބޫލެއް ނުކުރެވޭ،" އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެހެންވީމާ އެމަނިކުފާނަށް ފެންނަނީ އޭގައި "ނިންމެން އޮތް އެންމެ ފަހުގެ ނިންމުން ނިންމަން" ކަމަށް އިބޫ ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމި ނަމަވެސް ކޮންމެވެސް ދުވަހަކުން ސުޕްރީމް ކޯޓަށް އެމައްސަލަ ގެންގޮސް ގޮތެއް ނިންމާތަން ދެކެން ނޭދޭ ކަމަށް އިބޫ ވިދާޅުވި އެވެ.

"ޒަމާނެއްގެ ކޮޅުން އެމައްސަލަ ދާންވާ ތަނަކަށް ސުޕްރީމް ކޯޓަށް ގޮސް އެ ހިޔާލު ތަފާތުވުމުގެ ތެރޭގައި ގޮތެއް ނިންމާތަން ދެކޭކަށް އަޅުގަނޑު ހަމަގައިމު ވެސް ނޭދެން،"އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެހެންވީމާ ރައްޔިތުންގެ މަޖިލީހުން ހުވާކުރާ ދުވަހާ މެދު ގޮތް ނިންމާ އިރު އެ ހުރިހާ ކަމަކަށް ރިއާޔަތް ކުރުމަށް ފަހު ގޮތް ނިންމައި ދިނުމަށް އިންތިހާބީ ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކުރިން ކުރެއްވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު 2013 ނޮވެމްބަރު 11ގެ ފަހުން މަގާމުގައި ހުންނެވީ ކޮން ދައުރެއްގެ ދުވަސްތަކެއްގައިތޯ ވެސް ސާފުވާން ޖެހޭ ކަމަށް އިބޫ ވިދާޅުވި އެވެ.

"[ވަހީދު ވެރިކަމުގައި ހުންނެވީ] ނޮވެމްބަރު 11ގައި ފެށޭ ދައުރުގެ ހަ ދުވަހުތޯ އެހުންނެވީ. ނޫނިއްޔާ ކުރީ އޮތް ދައުރު މުއްދަތު ދިގުކުރީތޯ. މިހިރީ އަޅުގަނޑުމެން އޮޅުން ފިލުވަން ޖެހޭ ކަންތައްތައް،" އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެހެންވީމަ އެކަމުގައި ވީހާ ވެސް ރަނގަޅަކަށް ވާހަކަ ދެކެވި އެންމެން އެއްބަސްވެވޭ ގޮތެއް ހޯދޭތޯ ބެލުން މުހިންމު ކަމަށް އިބޫ ވިދާޅުވި އެވެ. ގާނޫނު އަސާސީއާ ހިލާފަށް ކަމެއް ކުރަން ބޭނުން ނުވާ ކަމަށް އިބޫ ތަކުރާރުކޮށް ވިދާޅުވި އެވެ.

ހިންނަވަރު ދާއިރާގެ މެމްބަރުކަމާއި ފާދިއްޕޮޅުގެ މެމްބަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކުރިއޮތް ދެ ތިން ހަފްތާގެ ތެރޭގައި އެމަނިކުފާނު އެ ގޮނޑި ދޫކޮށް ދާން ޖެހޭނެ ކަމަށާއި އެދުވަސް ވެގެންދާނީ އެމަނިކުފާނުގެ ހަޔާތުގައި އަންނަ އެންމެ ހިތާމަވެރި ދުވަހަށް ކަމަށެވެ.