28 Oct 2018, 10:42
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ) ލައްވައި ގޯހެއް ނަހައްދަވައި ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރު ފުރިހަމަ ކުރެއްވުމަށް ފުރުސަތު ދެއްވުމަށް ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ގޮވާލައްވައިފި އެވެ.
އަލަށް އިންތިހާބުވި ރައީސް ހުވާކުރައްވާ ޖަލްސާ ބާއްވާނެ ދުވަހެއް މަޖިލީހުން ކަނޑައެޅުމަށް ހުށަހަޅާފައިވާ މައްސަލައަށް ބަހުސް ކުރައްވަމުން އަލީ އާރިފް ވިދާޅުވީ، ހައެއްކަ ދުވަސް ފަހުން ރައިސުލްޖުމްހޫރިއްޔާގެ ހުވާ އިބޫ ކުރައްވާނެ ކަމަށާއި އޭގެ ކުރިން މިހާރު ރައީސްގެ މަގާމުގައި ހުންނެވި ޔާމީނަށް ރިޔާސީ ދައުރު ފުރިހަމަ ކުރުމަށް ފުރުސަތު ދެއްވަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ވެސް އެމަނިކުފާނަށް ޔަގީންކޮށް އަރުވަން ކެލާ ދާއިރާގެ ގޮނޑީގެ އިނދެގެން ދައުލަތަށް ހެޔޮކަމެއް ކުރާ ނަމަ އަޅުގަނޑުގެ އެހީތެރިކަން ލިބޭނެ. އެހެންވެ މިހާރު ވެސް މި ދަންނަވާލަނީ ތިޔަ ގޯހެއް އެމަނިކުފާނު ލައްވައި ނުހައްދަވާށޭ. ހައްދަވަން ނޫޅުއްވާށޭ،" އަލީ އާރިފް ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ސިޔާމް ވިދާޅުވީ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް އަކީ ގާނޫނު އަސާސީއާ ހިލާފަށް ދުވަހަކު ވެސް ކަމެއް ކޮށްފައިވާ ފަރާތެއް ނޫން ކަމަށާއި ނަމަވެސް އިންތިހާބީ ރައީސެއްގެ ގޮތުގައި އެމަނިކުފާނަށް ކަމެއް ނިންމުމުގައި ގިނަ ޕްރެޝަރުތަކެއް ހުރި ކަމަށެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި އިދިކޮޅު ހުރިހާ މެންބަރުން ވެސް ވަނީ ނޮވެމްބަރު 11ގައި އިބޫ އަށް ރައިސުލްޖުމްހޫރިއްޔާގެ ހުވާ ކުރެވެން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރުގެ ސަރުކާރަށް ތާއިދު ކުރާ މެންބަރުންގެ ތެރެއިން ވިލިފުށީ ދާއިރާގެ މެންބަރު އަދި ޕީޕީއެމް ޕީޖީ ގްރޫޕް ނައިބް ލީޑަރު ރިޔާޒު ރަޝީދު ވެސް ވަނީ ނޮވެމްބަރު 11ގައި އިބޫއަށް ހުވާކުރެވެން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
"އެގާރަ ނޮވެމްބަރު 2018ގައި އިބްރާހިމް މުހައްމަދު ސޯލިހް އާއި ފައިސަލް ނަސީމްގެ ހުވާ ކުރުން ދިވެހި ރާއްޖޭގެ ދުސްތޫރީ ވެރިކަން މި ރީތި ތާރީހުގައި އަނެއްކާ ވެސް އަޅުގަނޑުމެން މި ވެރިކަން ފެށިގެން ދާނެ ގޮތައް އިންތިޒާމްތައް ހަމަޖެހިގެން ދާނެ ވާނެ ކަމަށް އަޅުގަނޑު ތާއީދު ކުރަން،" ރިޔާޒު ރަޝީދު ވިދާޅުވި އެވެ.