28 Oct 2018, 10:32
ސްރީލަންކާގެ ބޮޑުވަޒީރު ކަމުން ކުއްލި ގޮތަކަށް މިދިޔަ ހުކުރު ދުވަހު ދުރުކުރި، ރަނިލް ވިކްރަމަސިންހައަށް، ބޮޑުވަޒީރަށް ޚާއްސަކޮށްފައިވާ ރަސްމީ ގެކޮޅު "ޓެމްޕަލް ޓްރީ"އިން ނިކުންނަވަން އަނގައިފިއެވެ.
ސްރީލަންކާގެ ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރުކަންވެސް ކުރައްވަމުން ގެންދަވާ ރަނިލްއަށް އެ ގައުމުގެ ސަރުކާރު ފަރާތުން ފޮނުވި ސިޓީގައި ބުނެފައި ވަނީ އިއްޔެ ހަވީރު 4ގެ ނިޔަަލަށް "ޓެމްޕަލް ޓްރީ" އިން ނިކުތުމަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް ރަނިލް އެތަނުން ނިކުމެފައިވާ ކަމެއްވެސް އަދި ނުނިކުންނަ ކަމެއްވެސް އެއްވެސް މީޑިއާ އަކުން ކަށަވަރުކޮށް ނުދެއެވެ.
ރަނިލް އިއްޔެ ވަނީ އެތާނގައި ބައެއް ޑިޕްލޮމެޓުންނާއި ބައްދަލުކޮށް އަދި އެމަނިކުފާނުގެ ޕާޓީގެ ބައެއް ބޭފުޅުުންނާއި އެކު ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.
ބޮޑު ވަޒީރުކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ ދުރުކޮށް، ކުރީގެ ރައީސް އަދި ދާދި ފަހަކާ ޖެހޭންދެން އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނެވި މަހިންދަ ރާޖަ ޕަކްސް، ކުއްލި ގޮތަަކަށް މިދިޔަ ހުކުރު ދުވަހު ވަނީ އެ މަގާމަށް އައްޔަން ކޮށްފައެވެ. އަދި މަގާމުން ވަކި ކުރިކަމަށް ބުނެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ ރަނިލްއަށް ހުކުރު ދުވަހުގެރޭ ސިޓީ އެއްވެސް ފޮނުއްވާފައެވެ.
ނަމަވެސް މަގާމުން ދުރު ކުރި ރަނިލް އިއްޔެ މީޑިއާތަކަށް މައުލޫލަތު ދެއްވަމުން ވިދާޅުވީ އަދިވެސް އޭނާއަކީ ބޮޑުވަޒީރުކަމަށާއި ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އެބައޮތްކަމަށެވެ. ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ރަނިލް ވަނީ، އެމަނިކުފާނަކީ އަދިވެސް ލަންކާގެ ބޮޑުވަޒީރުކަމަށް ވިދާޅުވެ ރައީސް ސިރިސޭނާއަށް ސިޓީއަކުން އަންގަވާފައެވެ.
އަދި މެޖޯރިޓީ އޮތް ކަމަށް ދައްކުވައިދޭން ވީހާވެސް އަވަހަކަށް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ރަނިލް ވަނީ ރައީސް ސިރިސޭނާ އަދި މަޖިލީހުގެ ރައީސް ކިބައިން އެދިފައެވެ.
ނަމަވެސް ސިރިސޭނާ އެ ފުރުސަތު ނުދީ ގާނޫނު އަސާސީން ރައީސަށް ލިބިދޭ ބާރުގެ ދަށުން ކަމަށް ބުނެ އިއްޔެއިން ފެށިގެން މިއަންނަ މަހު 16 ވަނަ ދުވަހާ ހަމައަށް ގާނޫނު ހަދާ މަޖިލިސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
ބޮޑު ވަޒީރުކަން 3 ފަހަރެއްގެ މަތިން ކޮށްފައިވާ ރަނިލް "ޓެމްޕަލް ޓްރީ"އިން ނިކުންނަން އެންގި އިރު އުވާލި ކެބިނެޓްގެ ތަރުޖަމާން އަދި ހެލްތް މިނިސްޓަރު ޑރ. ރާޖިތަ ސެނަރަތުނަ ކުރެއްވި ޓްވީޓްގައި ބުނެފައި ވަނީ ރަނިލްއަށް ދޭ ސެކުރިޓީއާއި ވެހިކަލް ނެގުމަށް ރައީސް ސިރިސޭނާ އަމުރުކޮށްފައިވާ ކަމަށެވެ. އަދި އުވާލި ކެބިނެޓްގެ މާލީ ވަޒީރުވެސް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.
އެ ގައުމުގެ ކެބިނެޓްވެސް އުވާލާފައިވާ ކަމަށް މިދިޔަ ހުކުރު ދުވަހު އެގައުމުގެ ރައީސް އޮފީހުން ވަނީ ބުނެފައެވެ. މާދަމާ އާ ކެބިނެޓެއް އެކުލަވާލާނެ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި މިއަދު ރައީސް ސިރިސޭނާ ގައުމާ މުހާތަބުކުރައްވާ ގޮތައް ވެސް ވަނީ ހަމަޖެހިފައެވެ.