28 Oct 2018, 09:24
ސަޑިއޯ މާނޭގެ ދެ ގޯލާ އެކު ލިވަޕޫލް އިން ކާޑިފް ސިޓީގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފިއެވެ.
އިއްޔެ ލިވަޕޫލްއާ ކާޑިފް ބައްދަލު ކުރި މެޗު ލިވަޕޫލް އިން ކާމިޔާބު ކުރީ 4-1ގެ ނަތީޖާއިންނެވެ. މެޗުން މޮޅުވުމާ އެކު ލިވަޕޫލް މިވަގުތު އޮތީ މެންޗެސްޓާ ސިޓީއަށް ވުރެ އިތުރަށް އެއް މެޗު ކުޅެގެން ތާވަލުގެ އެއްވަނައިގައެވެ.
މެޗު މުޅިންހެން ކޮންޓްރޯލުކޮށްގެން ކުޅުނު ލިވަޕޫލް އިން ފުރަތަމަ ގޯލު ޖެހީ މެޗުގެ 10 ވަނަ މިނެޓުގައެވެ. މެޗު ފަށައިގެން ފުލުފުލުގައި ހަމަލާތައް އުފެއްދުމުގެ ނަތީޖާއަކަށްވީ ލިބުނު ހުސް ފުރުސަތެއްގައި މިސްރުގެ ތަރި މުހައްމަދު ސަލާހު ގޯލެއް ކާމިޔާބު ކުރުމެވެ.
ދެވަނަ ހާފު ނިމިގެން ދިޔައީ އެ ނަތީޖާގައި އޮވެއެވެ. ފުރަތަމަ ހާފުގައި ކާޑިފްއަށް ގޯލު ޖަހަން ރަނގަޅު ފުރުސަތެއް އުފެއްދިފައި ނުވެއެވެ.
ދެވަނަ ހާފުގައި ލިވަޕޫލް އިން ޒައިދާން ޝަކީރީ އެރުވި ފަހުން އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 66 ވަނަ މިނެޓުގައި ލިވަޕޫލްގެ ފޯވަޑް ސަޑިއޯ މާނޭ ވަނީ އޭރިއާގެ ތެރެއިން ބާރު ޝޮޓެއް ފޮނުވައި ލީޑު ފުޅާކޮށްފައެވެ. އޭގެ 10 މިނެޓު ފަހުން ކާޑިފްގެ ޕެޓާސަން ވަނީ ގޯލެއް ޖަހައި ލިވަޕޫލްގެ ލީޑު ހަނިކޮށްފައެވެ.
ލިވަޕޫލްގެ ތިންވަނަ ގޯލު ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބަދަލުކުޅުންތެރިޔާ ޝަކީރީއެވެ. މެޗު ނިމެން ކައިރިވެފައި ވަނިކޮށް ހަތަރު ވަނަ ގޯލު ކާމިޔާބު ކުރީ މާނޭއެވެ. އޭނާ އެ ގޯލު ކާމިޔާބު ކުރީ ކާޑިފްގެ ކީޕަރުގެ ބޯ މަތިން ބޯލަ ލޮބް ކޮށްގެންނެވެ.
މި ނަތީޖާއާ އެކު މިވަގުތު ލިވަޕޫލް ލީގުގެ އެއްވަނައިގައި އޮތީ 26 ޕޮއިންޓާ އެކުއެވެ. މެންޗެސްޓާ ސިޓީ ދެވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 23 ޕޮއިންޓާ އެކުއެވެ. އާސެނަލް އާއި ޗެލްސީއަށް 21 ޕޮއިންޓު ލިބިފައިވީ ނަމަވެސް ޗެލްސީ ތިންވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ.
ހޯމަ ދުވަހުގެ ރޭ މެންޗެސްޓާ ސިޓީއާ ޓޮޓެންހަމް ބައްދަލު ކުރާ މެޗުން ސިޓީ މޮޅުވެއްޖެ ނަމަ، އެ ޓީމު ލީގު ތާވަލުގެ އެއްވަނައަށް ޖެހިލާނެއެވެ.