އިސްތަންބޫލް (އޮކްޓޯބަރ 28) : ސޫރިޔާގެ ހަނގުރާމައިގެ ޙަމަލާތައް ބަދަލުކުރުން ދާއިމީ ގޮތަކަށް ހުއްޓާލުމަށް އިސްތަންބޫލްގައި ބޭއްވި ސޫރިޔާއާބެހޭ ސަމިޓުން ގޮވާލައިފިއެވެ.

ތުރުކީގެ އިތުރުން ރަޝިޔާއާއި ޖަރުމަނާ އަދި ފަރަންސޭސިވިލާތުގެ އެންމެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އިސްތަންބޫލްގެ ސަމިޓުން ނެރުނު ބަޔާނުގައި ސޫރިޔާގެ ހަނގުރާމައިގެ ޙަމަލާތައް ބަދަލުކުރުން ދާއިމީ ގޮތަކަށް ހުއްޓާލުމަށް ގޮވާލުމުގެ އިތުރުން ސޫރިޔާގައި އައު ދަސްތޫރެއް އެކުލަވާލުމަށް އުފައްދާ ކޮމިޓީ ވެސް މިއަހަރު ނިމުމުގެ ކުރިން އުފައްދައި އެކޮމިޓީގެ މަސައްކަތް ފެށުމަށް ގޮވާލާފައިވެއެވެ. މީގެއިތުރުން ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތައް ޖަމާވެފައިވާ މައި ސަރަހައްދު ކަމަށްވާ އިދްލިބްގެ މައްސަލަ ހަނގުރާމައަކާނުލައި ހައްލުކުރުމަށް ރަޝިޔާއާއި ތުރުކީ ގުޅިގެން ވުޖޫދަށް ގެނެސްފައިވާ އެއްބަސްވުމަށް އިސްތަންބޫލްގެ ސަމިޓުން ތާއީދުކޮށްފައިވެއެވެ.

ނަމަވެސް ހަނގުރާމައިގެ ސަބަބުން ހަލާކުވެ ވީރާނާވެފައިވާ ސޫރިޔާގެ އިންފްރާސްޓްރަކްޗަރ އަލުން ބިނާކޮށް އާރާސްތުކުރުމަށް ބޭނުންވާ ފައިސާ ހޯދުމާބެހޭގޮތުންނާއި އެކަމުގައި ސޫރިޔާއަށް އެހީތެރިވުމާބެގޮތުން ސަމިޓްގެ ލީޑަރުންނަށް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. އިސްތަންބޫލްގެ ސަމިޓްގެ އެޖެންޑާގައި ސޫރިޔާ އަލުން އާރާސްތު ކުރުމުގެ މައްސަލައާއި ސޫރިޔާގެ ރެފިއުޖީން އެނބުރި ވަޒަނަށް ގެނައުމަށް އެހީތެރިވުމުގެ މައްސަލަ ހިމެނުނު ކަމަށް ޚަބަރުތައް ބުނެއެވެ.

ރަޝިޔާގެ ރައީސް ވްލަޑީމީރު ޕޫޓިން އާއި ޖަރުމަނުގެ ޗާންސެލަރ އެންގެލާ މާކަލް އާއި ފަރަންސޭސި ރައީސް މެކްރޯން އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ބައިވެރިވެ ވަޑައިގެންނެވި އިސްތަންބޫލްގެ ސަމިޓަކީ ޕޫޓިންގެ އެއްބާރުލެއްވުމާއެކު އުރުދުޣާން އިސްނަންގަވައިގެން ބޭއްވި ސަމިޓެކެވެ. ސޫރިޔާގެ މައްސަލައާ އެންމެ ބޮޑަށް ގުޅުންހުރި އެއްގައުމު ކަމަށްވާ އީރާނަށް މިސަމިޓަށް ދައުވަތު ނުދިން ސަބަބާމެދު ވަނީ ސުވާލު އުފެދިފައެވެ. (ރޮއިޓާސް)