ބޮލީވުޑްގެ ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ދޮށީ ފިރިހެން ދަރިފުޅު އަރްޖުން ކަޕޫރު 33، އަންނަ އަހަރު ކައިވެނި ކުރާނެ ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެފިއެވެ.

އަރްޖުން ކައިވެނި ކުރާނީ އޭނާގެ ލޯބިވެރިޔާ އަދި އިންޑިއާގެ ތަރި، ނެށުންތެރިޔާ، މޮޑެލް އަދި ޕްރެޒެންޓަރު މަލައިކާ އަރޯރާ އާއެވެ. ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އެއްބަސް ނުވިނަމަވެސް ދެމީހުން އެއްކޮށް އިވެންޓްތަކުންނާ ހަފްލާތަކުން ފެނިގެން ގޮސްފައިވެއެވެ.

މަލައިކާގެ 45 ވަނަ އުފަންދުވަސްވެސް ފާހަގަކޮށްފައިވަނީ އަރްޖުންއާ އެކު އިޓަލީގައެވެ.

މަލައިކާ އަކީ ސަލްމާން ހާންގެ ކޮއްކޮ އަރްބާޒް ހާންގެ ކުރީގެ އަންހެނުންނެވެ. އެދެމީހުންގެ ކައިވެންޏަށް ވަނީ ދަރިއެއް ވެސް ލިބިފައެވެ. އަރްބާޒް އާއި އަރޯރާގެ ކައިވެނި ރޫޅުނީ 2015 ވަނަ އަހަރުގައެވެ.

ބޮލީވުޑްގެ ގިނަ ތަރިންތަކެއް މިއަހަރު ކައިވެނިކުރި އިރު ބަތަލާ ދީޕިކާ އާއި ރަންވީރު ސިންހްގެ ކައިވެނި ވެސް އަންނަ މަހުގެ 15 ވަނަ ދުވަހު އޮންނާނެއެވެ. ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްގެ ކައިވެނި ވެސް އަންނަ މަހު ފަހުކޮޅުގައި ކުރާނެ ކަމަށްވެސް ބޭރުގެ ޚަބަރުތައް ބުނެއެވެ.