27 Oct 2018, 20:04
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެއްޖެ ނަމަ މެމްބަރުންގެ މުސާރަ ބޮޑުކޮށްދޭނެ ކަމަށް ބުނެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި ހިޔާލާ ނިހާން ދެކޮޅު ހައްދަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ފާސްވެއްޖެ ނަމަ މަޖިލީހުގެ ރައީސް ކަމަށް ވާދަ ކުރައްވާނެ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ. އަދި މަޖިލިސް ރައީސް އަކަށް ހޮވިއްޖެ ނަމަ މެމްބަރުންގެ މުސާރަ 150،000 އަށް ބޮޑުކޮށް ދެއްވާން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ނޫސްވެރިން ނިހާނާ ސުވާލު ކުރުމުން ނިހާނު ވިދާޅުވީ އެއީ އަބްދުއްރަހީމްގެ އަމިއްލަ ހިޔާލު ފުޅެއް ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރަން ދެކޮޅު ކަމަށް ނިހާން ވިދާޅުވިއެވެ.
"ހަމަގައިމުވެސް އަޅުގަނޑެއް އެކަމަކަށް [މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރާކަށް] ތާއީދެއް ނުކުރާނަން. ދުވަހަކުވެސް ނުކުރާނަން." ނިހާނު ވިދާޅުވިއެވެ.
ނިހާނު ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނުގައި މަޖިލިސް މެމްބަރުންނާ ހުތުރުބަހުން މުހާތަބު ކުރާ މީހުންނަށް ޖިނާއީ ދައުވާ ކުރެވޭ ގޮތަށް އޮތް އޮތުމަށްވެސް އޭނާ ފާޅުގައި ދެކޮޅު ހެއްދެވި ކަމަށެވެ.
އަބްދުއްރަހީމް މަޖިލީހުގެ ރިޔާސަތަށް ކުރިމަތި ލައްވަން ނިންމެވި ނިންމެވުމަކީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށް ނިހާން ވިދާޅުވިއެެވެ. އެއީ ޕާލިމެންޓްރީ ގުރޫޕުގެ ބައްދަލުވުމެއްގައި ނިންމެވި ނިންމެވުމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
" އެމަނިކުފާނުގެ [އަބްދުއްރަހީމްގެ] އަމިއްލަ ނިންމެވުމެއް އެއީ [މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލުން]. އަބްދުއްރަހީމް ނޫން އެހެން ބޭފުޅަކުވެސް އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގުރޫޕުން ފަހަރުގައި މާދަމާވެސް ކުރިމަތި ލައްވަފާނެ." ނިހާނު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 51 މެމްބަރުން ސޮއިކޮށް މަޖިލީހަށް ވައްދާފައިވާ އިރު އެ މައްސަލަ މަޖިލީހަށް ހުށަހަޅާ ޖަލްސާ އޮންނާނީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އެ ޖަލްސާގެ ނޯޓިސް މިހާރު ވަނީ މަޖިލީހުގެ މެމްބަރުންނަށް ފޮނުވައިފައެވެ.
މަޖިލީހުގެ ރައީސް ކަމަށް ގެންނަން އިދިކޮޅު ފަރާތްތަކުން ނިންމާފައިވަނީ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްއެވެ.