ކުއާލަލަންޕޫރު (އޮކްޓޯބަރ 27) : ޔަމަންގައި ހަނގުރާމަކުރާ އަރަބި އަސްކަރީ ކޯލިޝަންގައި ބައިވެރިވި މެލޭޝިޔާގެ ލަޝްކަރު އަނބުރައި ގައުމަށް ގެނަސްފައިވާކަން މެލޭޝިޔާއިން ހާމަކޮށްފިއެވެ.

މެލޭޝިޔާގެ ދިފާއީ ވަޒީރު މުހައްމަދު ސާބޫ ވިދާޅުވީ ސައޫދީ އިސްވެ އޮވެގެން އެކުލަވާލާފައިވާ އަރަބި އަސްކަރީ ކޯލިޝަންގައި ބައިވެރިވި މެލޭޝިޔާގެ ލަޝްކަރު އަނބުރައި ގައުމަށް ގެނަސްފައިވާކަމުގައެވެ. ނަމަވެސް އެ ލަޝްކަރު އަނބުރައި ގައުމަށް ގެނައި ތާރީޚެއް މެލޭޝިޔާގެ ދިފާއީ ވަޒީރު ހާމަކުރައްވާފައެއްނުވެއެވެ.

ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީގެ ސަރުކާރުގެ ދިފާއުގައި ކަމަށްބުނެ އެގައުމުގެ ޙޫޘީންނާ ދެކޮޅަށް ހަނގުރާމަ އިއްލާންކޮށްފައިވާ އަރަބި އަސްކަރީ ކޯލިޝަނަކީ ސައޫދީ އާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް ގުޅިގެން އުފައްދާފައިވާ ކޯލިޝަނެކެވެ. އެކޯލިޝަންގައި މެލޭޝިޔާ ބައިވެރިވެފައިވަނީ ކުރީގެ ބޮޑުވަޒީރު ނަޖީބް އަބްދުއްރައްޒާގް ގެ ވެރިކަމުގައެވެ.

އަރަބި ކޯލިޝަނުން ޔަމަނަށް ދޭ ހަމަލާތައް، ޔަމަންގެ އާންމުންގެ ގެދޮރަށާއި މިސްކިތްތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތައްފަދަ މަދަނީ ތަންތަނަށް އަމާޒުކުރުމާއެކު އެހަމަލާތަކުގައި ޔަމަންގެ ކުށެއްނެތް އާންމުން މަރުވަމުން ދިޔުމުން ދުނިޔޭގެ ގިނަ ގައުމުތަކުގެ ނުރުހުން ވަނީ އެކޯލިޝަނަށް އަމާޒުވެފައެވެ. އަދި ޔަމަންގެ އާންމުންނަށް ދޭ ހަމަލާތަކުގެ ފަހަތުގައިވާ ސައޫދީ އަދި ޔޫއޭއީ ގެ މަސްއޫލުވެރިން ބައިނަލްއަގްވާމީ އަދާލަތަށް ޙާޒިރުކޮށް ޝަރީއަތް ހިންގުމަށް ގޮވާލައި ދުނިޔޭގެ އެތައް ގައުމެއްގައި އާންމުންވަނީ މުޒާހަރާތައްވެސް ކޮށްފައެވެ.

މެލޭޝިޔާގައި އެންމެފަހުން ބޭއްވި އާންމު އިންތިޚާބު ކާމިޔާބު ކުރައްވައިގެން އެގައުމުގެ ބޮޑުވަޒީރުކަމާ ޑރ. މަހާތީރު ބިން މުހައްމަދު ހަވާލުވެވަޑައިގަތުމަށްފަހު މަހާތީރުވަނީ ޔަމަންގެ ހަނގުރާމައިގާ ބައިވެރިވާ އަރަބި ކޯލިޝަނުން މެލޭޝިޔާ ވަކިވިކަން އިޢްލާން ކުރައްވާފައެވެ.

ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު އިއްޔެ ވަނީ މެލޭޝިޔާއަށް ވަޑައިގެން އެގައުމުގެ ޚާރިޖީ ވަޒީރު ސައިފުއްދީން އަބްދުﷲ އާ ބައްދަލުކުރައްވާފައެވެ. ޖުބައިރުގެ މިދަތުރުފުޅަކީ ޔަމަންގައި ހަނގުރާމަކުރާ އަރަބި ކޯލިޝަނުން މެލޭޝިޔާ ވަކިވި މައްސަލާގައި ސައޫދީ އާއި މެލޭޝިޔާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ފިލުވާލުމާއި މެލޭޝިޔާގެ އައު ސަރުކާރާއި ސައޫދީ އާ ގުޅުންތައް ބަދަހި ކުރުމާބެހޭގޮތުން މެލޭޝިޔާގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ޚަބަރުތައް ބުނެއެވެ.

ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު މެލޭޝިޔާއަށް ކުރައްވާ ދަތުރުފުޅުގައި އޭނާވަނީ އެގައުމުގެ ބޮޑުވަޒީރު މަހާތީރު ބިން މުހައްމަދާވެސް ބައްދަލުކުރައްވާފައެވެ.

(އޭއެފްޕީ + އަލްޖަޒީރާ)